އިޒްރޭލް ފުލުހަކަށް ހަމަލާ ދިން ފަލަސްތީނުގެ ޒުވާނެއްގެ ގެ ތަޅާލައިފި

ގުދުސް (ޖުލައި 19) - ގުދުސްގައި ފެބްރުއަރީ މަހު ދިން ހަމަލާއެއްގައި އިޒްރޭލުގެ އަންހެން ފުލުހަކު މަރުވި ހާދިސާގައި ތުހުމަތު ކުރެވުނު ފަލަސްތީނުގެ ޒުވާނެއްގެ ގެ އިޒްރޭލުން ރޭ ތަޅާ ސުންނާފަތި ކޮށްލައިފި އެވެ


ހުޅަނގު އައްސޭރީގައި ހުންނަ ބިލާލް އަބޫ ޒައިދުގެ ގެ އިޒްރޭލުގެ ބުލްޑޯޒަރުތަކުން ހަލާކު ކުރަން ފެށުމުން ފަލަސްތީނު މީހުން ވެސް ވަނީ އިޒްރޭލު ސިފައިންނަށް އަމާޒުކޮށް އަލިފާން ބޯޅަ އުކައިފަ އެވެ. ރައްދުގައި އިޒްރޭލް ސިފައިން ދިން ހަމަލާތަކުގައި ފަލަސްތީނުގެ ހަ މީހުން ވަނީ ޒަޚަމްކޮށްލައިފަ އެވެ.

އިޒްރޭލު މީހުންނަށް ހަމަލާ ދޭ ފަލަސްތީނު މީހުންގެ ގޭ ހަލާކު ކުރުމަކީ އިޒްރޭލުން އާއްމުކޮށް ކޮށްއުޅޭ ކަމެކެވެ. އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ބުނެފައި ވަނީ އެކަކު ކުރާ ކުށަކަށް މުޅި އާއިލާ އަށް އަދަބު ދިނުމަކީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށެވެ.

ފަަލަސްތީނުގެ ޒުވާނާގެ ގޭ އިޒްރޭލް ސިފައިން ހަލާކުކޮށްލާފައި. --ފޮޓޯ:އޭއެފްޕީ

އަބޫ ޒައިދު މިހާރު ހުރީ އިޒްރޭލް ސިފައިންގެ ބެލުމުގެ ދަށުގަ އެވެ. އިޒްރޭލް ފުލުސް މީހާ މަރާލުމަށް އަބޫ ޒައިދު އެހީތެރިވި ގޮތެއް ހާމަކޮށްފައެއް ނުވެ އެވެ. ފުލުސް މީހާ އަށް ހަމަލާ ދިން ފަލަސްތީނުގެ ތިން މީހުން ވަނީ އިޒްރޭލުން ހަމަލާދީ ޝަހީދުކޮށްލައިފަ އެވެ. އަދި އެ ހަމަލާ އަށް ފަހު ދެ މަސް ފަހުން ވަނީ މި ތިން މީހުންގެ ގެ ތަޅާލައިފަ އެވެ.

އިޒްރޭލު މީހުންނަށް ހަމަލާދީ ފަލަސްތީނު މީހުންގެ ގެދޮރު ހަލާކު ކުރުން އަވަސް ކުރުމަށް ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެދިވަޑައިގެންފަ އެވެ.