ގައުމީ ދިދައާ އެކު ފަލަސްތީނު މީހުން ގާޒާ ބޯޑަރުގައި އިހްތިޖާޖް ކުރަނީ. --ފޮޓޯ:އޭއެފްޕީ
31 މާޗް 2018 - 11:55
ޔުނައިޓެޑް ނޭޝަންސް (މާޗް 31) - ގާޒާ ބޯޑަރުގައި ފަލަސްތީނުން އިއްޔެ ފެށި އިހްތިޖާޖްގައި އިޒްރޭލް ސިފައިން ބަޑިޖަހާ ފަލަސްތީނުގެ 16 މީހުން ޝަހީދުކޮށްލި މައްސަލައިގެ މިނިވަން ތަހުގީގެއް ކުރަން އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ގޮވާލައްވައިފި އެވެ.
މިއީ 2014 ވަނަ އަހަރު އިޒްރޭލުން ގާޒާ އަށް ދިން ހަމަލާ އަށް ފަހު އެއް ދުވަހެއްގައި ފަލަސްތީނުން އެންމެ ގިނަ މީހުން ޝަހީދުވި ދުވަސް ވެސް މެ އެވެ. ފަލަސްތީނުން ބުނީ އިޒްރޭލުގެ ހަމަލާތަކުގައި 1،400 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށެވެ.
ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއްގައި ވަނީ އިޒްރޭލުގެ ހަމަލާތައް ކުށްވެރިކޮށްފަ އެވެ. ސަލާމަތީ މަޖިލީހުގައި ވާހަކަ ދައްކަވަމުން އދ.ގެ ޑިޕިއުޓީ ޕޮލިޓިކަލް އެފެއާޒް ޗީފް ޓަޔާ-ބްރޫކް ޒެރިހޫން ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ބޯޑަރުގެ އިހްތިޖާޖް އިތުރަށް ގޯސްވެދާނެ ކަމަށެވެ.
ގާޒާ ބޯޑަރުގެ އިހްތިޖާޖުގައި ޒަޚަމްވި ފަލަސްތީނުގެ އަންހެނަކު ގެންދަނީ. --ފޮޓޯ:އޭއެފްޕީ
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވިދާޅުވެފައި ވަނީ ހުކުރު ދުވަހު ޝަހީދުވެ ދިޔަ އެންމެންގެ ޒިންމާ އިޒްރޭލުން އުފުލަން ޖެހޭނެ ކަމަށެވެ.
"ގްރޭޓް މާޗް އޮފް ރިޓާން"ގެ ނަމުގައި ހަ ހަފުތާގެ މުއްދަތަށް ފަލަސްތީނުން ފެށި އިހްތިޖާޖުގައި ވަނީ ބޯޑަރު ކައިރީ ފަސް ކޭމްޕް ގާއިމްކޮށްފަ އެވެ. ފަލަސްތީނު މީހުން ޑިމާންޑް ކުރަމުން ދަނީ އިޒްރޭލުގައި މިހާރު ދިރިއުޅޭ ފަލަސްތީނުގެ ރެފިއުޖީން އެ މީހުންގެ ގެދޮރަށް އަނބުރާ ގެނައުމަށެވެ. އިހްތިޖާޖް ނިންމަން ހަމަޖައްސާފައި ވަނީ މެއި 15 ވަނަ ދުވަހު އެވެ. އެއީ ފަލަސްތީނުން ކިޔާ ގޮތުން ނަކްބާ ނުވަތަ ހަލާކުގެ ދުވަހެވެ. ނުވަތަ 1948 ވަނަ އަހަރު އިޒްރޭލް އުފެދުނު ދުވަހެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދު77
31 March 2018
ކޮބާ އެމެރިަކާ ސަފީރުމެން! އިނގިރޭސި ސަފީރުމެން! ކަލޭމެންގެ ވެރިންނަށް އަންގަބަލަ އިންސާނީ ޖަރީމާތައް ހިންގަމުން ދާއިރު ބަހެއްވެސް ނުބުނެ ކުށްވެރިވެސް ނުކޮށް ތި ތިބެނިއްޔޯ؟ މި ދިވެހި ރާއްޖޭގައި ސަރުކާރުން ކިތައްމީހުން މަރައިގެންތަ ތި ވަރުއަރުވަނީ؟
އަޙްމަދް.
31 March 2018
ތިމައްސަލާގައި ޔަހޫދީންނާއި ދެކޮޅަށް އދ އިން ވަރަށް އަވަހަަށް "ޤަރާރެއް" ފާސްކުރާނެ. އެހުރިހާ ޤަރާރެއް ލިބޭނީ ފަލަސްޠީނައް ށެވެ. ހުރިހާ ބިންތަކެއް ފޭރިގަނެ އެބިންތަށް ޔަހޫދީންނައް ށެވެ!!!!! އދ (ފެންވަރު) އދ މަސްްކަތް އެތުރިފާ ހުއްނަ ގޮތް!!!!