ސްރީ ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ. --ފޮޓޯ:އޭއެފްޕީ
09 އެޕްރީލް 2018 - 13:11
ކޮލަމްބޯ (އެޕްރީލް 9) - ސްރީ ލަންކާގެ ކެބިނެޓުން 15 މެންބަރުން ވަކި ކުރުމަށް ކޯލިޝަން ސަރުކާރުގެ މައި ޕާޓީ ކަމަށްވާ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) އިން ރައީސް މައިތުރިޕާލާ ސިރިސޭނާ އަށް ދަންނަވައިފި އެވެ.
އެޑިއުކޭޝަން މިނިސްޓަރު ވަކިލާ ވިރާޖް ކަރިޔަވަސަމް ވިދާޅުވީ ކެބިނެޓުން ވަކި ކުރުމަށް އެދިފައި ވަނީ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ އިތުބާރު ނެތް ކަމަށް ވޯޓު ދިން ހުރިހާ މިނިސްޓަރުން ކަމަށެވެ. އޭގެ ތެރޭގައި ޕާލަމެންޓުގެ ނައިބް ރައީސް ވެސް ހިމެނެ އެވެ. އޭނާ ވިދާޅުވީ ރަނިލްއާ ދެކޮޅަށް ވޯޓު ދިން ސިރިސޭނާގެ ސްރީ ލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ) ގެ މެންބަރުން ކެބިނެޓުގައި ތިބެއްޖެ ނަމަ ބޮޑު މައްސަލައަކަށް ވާނެ ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ކުރިމަގާ ގުޅޭ ގޮތުން ރައީސް ސިރިސޭނާ އާއި ބޮޑު ވަޒީރު ރަނިލް ވަރަށް ދިގުކޮށް މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި ސިންހަޅަ އާއި ޓަމިލް އާ އަހަރުގެ ކުރިން ކެބިނެޓަށް ބަދަލުތަކެއް ގެނައުމަށް ސިރިސޭނާ އެއްބަސްވެވަޑައިގެންފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޖޮއިންޓް އޮޕޮޒިޝަނުން ހުށަހެޅި މައްސަލައިގައި ރަނިލް މަގާމުން ދުރުކުރަން ފެންނަ ކަމަށް ވޯޓު ދިނީ 76 މެންބަރުންނެވެ. ދެކޮޅަށް 122 މެންބަރުން ވޯޓު ދިނެވެ.
ވޯޓުގެ ކުރިން ސިރިސޭނާގެ ޕާޓީން ވަނީ ރަނިލް އިސްތިއުފާ ދެއްވުމަށް ވެސް ގޮވާލައިފަ އެވެ. ސެންޓްރަލް ބޭންކުގެ ބޮންޑް ވިއްކައިގެން ހިންގި ބޮޑު ކޮރަޕްޝަނުގައި ރަނިލް މަގާމުން ދުރު ކުރަން އެސްއެލްއެފްޕީގެ ވަރަށް ގިނަ މެމްބަރުން ތާއިދުކުރި އެވެ.
ރަނިލް އާއި ސިރިސޭނާ ކޯލީޝަން ހެއްދީ 2015 ވަނަ އަހަރުގެ އިންތިޚާބުގައި ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ ބަލި ކުރުމަށެވެ. އެކަމަކު ފެބްރުއަރީ މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީ އަށް ފަހު ކޯލިޝަނުގައި ވަނީ ޚިޔާލު ތަފާތުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާއްޖެ
09 April 2018
ލަންކާ އަށް ތައުރީފް ކޮއްފަ ވާހަކަ ދެއްކި މީހުންނަށް ޑިމޮކްރަސީ ފެންނާނެ މިހާރު. ޕާލަމެންޓްގަ މެންބަރުންނަށް ފެންނަ ގޮތަށް ދިން ވޯޓްގެ ބަދަލު. ނަންވާނީ ރާއްޖެ އެކަމަކު.
ނަންނެތް
09 April 2018
ޕާލަމެންޓަކުން ނެއް ނޫން ވަކިކުރަނީ. ވަކިކުރަނީ ބޮޑުވަޒީރު ރަނިލް ޗެއަރކުރައްވާ ވަޒީރުންގެ މަޖިލީހުން. އެއީ ޑިމޮކްރެސީ. ބޮޑުވަޒީރު ހިންގަވާ ސަރުކާރުގެ މިނިސްޓަރުންތަކެއްގެ އިތުބާރު ބޮޑުވަޒީރަށް ނެތްނަމަ ބޮޑުވަޒީރު އިސްތިއުފާ ދޭންޖެހޭ. ނުވަތަ އިތުބާރުނެތްކަމަށް ސޮއިދިން މިނިސްޓަރުން ވަކިވާންޖެހޭ. އެއީ ޑިމޮކްރެސީއަކީ.