ރިޔާޒް (އެޕްރީލް 16) - އިިރުމަތީ ގުދުސްގައި ހުރި އިސްލާމީ ތަރިކަ ދެމެހެއްޓުމަށް އެހީއެއްގެ ގޮތުގައި 150 މިލިއަން ޑޮލަރު ދިނުމަށް ސައުދީ ރަސްގެފާން ސަލްމާން ނިންމަވައިފި އެވެ.
ސައުދީގެ އިރުމަތީ ސިޓީއެއް ކަމަށްވާ ދަހްރާންގައި އަރަބި ސަމިޓް ހުޅުއްވައިދެއްވަމުން ސަލްމާން ވިދާޅުވީ އެ ސަމިޓަށް ދޭން ބޭނުންވާ ނަމަކީ "ގުދުސް ސަމިޓް" ކަމަށެވެ. ގުދުސްގައި ހުންނަ އެންމެ މުހިންމު އިސްލާމީ މުގައްދަސް ބިނާ އަކީ އަލް އަގްސާ މިސްކިތެވެ.
ގުދުސް އަށް އެހީ ދެއްވާނެކަން ސަލްމާން އިއުލާން ކުރެއްވި އިރު އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލު ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ނިންމެވުމުން ސަލްމާން ގެންދަވަނީ ދެކޮޅު ހައްދަވަމުންނެވެ. އެމެރިކާގެ ނިންމުމާ ގުޅިގެން މުޅި ދުނިޔޭގައި ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. ތެލް އަވީވުގައި ހުރި އެމްބަސީ ގުދުސް އަށް ބަދަލު ކުރަން ނިންމާފައި ވަނީ އަންނަ މަހު 15 ގަ އެވެ.
އިރުމަތީ ގުދުސް އިޒްރޭލުން ހިފާފައި ވަނީ 1967 ވަނަ އަހަރު ކުރި ހަ ދުވަހުގެ ހަނގުރާމައިގަ އެވެ.
ރަސްގެފާން ސަލްމާން ވަނީ ފަލަސްތީނުގެ ރެފިއުޖީ އެޖެންސީ އަށް ވެސް 50 މިލިއަން ޑޮލަރު ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.