ނަތަންޔާހޫގެ ތުހުމަތަށް އީރާނުން ރަސްމީކޮށް ރައްދު ދީފި

ތެހެރާން (މެއި 2) - އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުން އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ދެއްވި ބަޔާނަށް އީރާނުން ރަސްމީކޮށް ރައްދު ދީފި އެވެ.


އީރާނުން ބުނީ ނިއުކްލިއާ އެއްބަސްވުމުގައި 2015 ވަނަ އަހަރު ސޮއިކުރި ފަހުން ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ އެއްވެސް މަސައްކަތެއް ކޮށްފައި ނުވާނެ ކަމަށެވެ. އެހެންވެ ނަތަންޔާހޫއާކީ ބޮޑު ދޮގުވެރިއެއް ކަމަށް ވިދާޅުވި އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ ނިއުކްލިއާ އެއްބަސްވުން އުވާލާނެކަމުގެ އިންޒާރު ދެއްވަމުންނެވެ. ނަމަވެސް އިނގިރޭސި ވިލާތާއި ފްރާންސް އިން ދަނީ އެއްބަސްވުން ދަމަހައްޓަން ޖެހޭނެ ކަމަށް ބުނަމުންނެވެ.

އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން ބަހްރާމީ ގާސިމީ ވިދާޅުވީ ނަތަންޔާހޫ އަކީ ދޮގު ނޫން ވާހަކަ ދައްކަން އެނގޭ ބޭފުޅެއް ނޫން ކަމަށެވެ.

ޚާރިޖީ ވަޒީރު ޖާވަދް ޒަރީފް ވިދާޅުވީ އިޒްރޭލުން އުފެއްދި ލިޔުންތަކަކީ އެ މީހުން އަލަށް ކުރި ކަމެއް ނޫން ކަމަށާއި މީގެ ކުރިން ވެސް ވަނީ އެފަދަ އެތައް ކަމެއް ކޮށްފައި ކަމަށެވެ.

ތެލް އަވީވުގައި ހުންނަ އިޒްރޭލުގެ ޑިފެންސް މިނިސްޓްރީގައި ވާހަކަ ދައްކަވަމުން ނަތަންޔާހޫ ވިދާޅުވީ އީރާނުން ނިއުކްލިއާ މައުލޫމާތު ތެހެރާނުގައި ރައްކާކޮށްފައި ހުރި ތަނުން އިޒްރޭލުގެ ޖާސޫސީ އެޖެންސީން ވަނީ ހުރިހާ މައުލޫމާތު ހޯދައިފައި ކަމަށެވެ. އޭގެ ތެރޭގައި 55،000 ސަފުހާގެ ހެކި އަދި 183 ސީޑީގައިވާ 55،000 ފައިލް ހިމެނޭ ކަމަށް ވިދާޅުވި އެވެ. މި ހުރިހާ އެއްޗިއްސަކީ ވެސް އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅުން ހުރި އެއްޗެހި ކަމަށް ވިދާޅުވި އެވެ.