ހައްދެއް ނެތި ޔުރޭނިއަމް ފައްކާކުރާނަން: އީރާން

ތެހެރާން (މެއި 9) - ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވުމުގެ ރައްދެއްގެ ގޮތުން ހައްދެއް ނެތި އީރާނުން ޔުރޭނިއަމް ފައްކާ ކުރަން ފަށަން ޖެހިދާނެކަމުގެ އިންޒާރު ރައީސް ހަސަން ރޫހާނީ ދެއްވައިފި އެވެ.


ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވިކަން ރައީސް ޑޮނަލްޑް ޓްރަމްޕް ރޭ އިއުލާން ކުރެއްވުމާ އެކު ރޫހާނީ ދެއްވި ބަޔާނުގައި ވިދާޅުވީ އީރާނުން ފަހުގެ ނިންމުން ނިންމުމުގެ ކުރިން އެއްބަސްވުމުގައި ސޮއިކޮށްފައި ތިބި އެހެން ގައުމުތައް ކަމަށްވާ އިނގިރޭސި ވިލާތް، ފްރާންސް، ޖަރުމަން، ރަޝިޔާ، ޗައިނާ އަދި ޔޫރަޕިއަން ޔޫނިއަންއާ އެކު މަޝްވަރާ ކުރާނެ ކަމަށެވެ. ޓްރަމްޕުގެ ނިންމުން ރޫހާނީ ސިފަ ކުރައްވާފައި ވަނީ އީރާނާ ދެކޮޅަަށް އިއުލާން ކުރި ނަފްސާނީ ހަނގުރާމައެއްގެ ގޮތުގަ އެވެ.

"އީރާނިއަން އެޓޮމިކް އެނާޖީ އޮގަނައިޒޭޝަނަށް އަޅުގަނޑު މިހާރު ވާނީ ޔުރޭނިއަމް ފައްކާ ކުރަން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ތައްޔާރުވެ ތިބުމަށް އަންގާފައި. ގޮތެއް ނިންމުމުގެ ކުރިން ނިއުކްލިއާ އެއްބަސްވުމުގެ އެހެން ބައިވެރިންނާ މަޝްވަރާ ކުރާނަން،" ގައުމީ ޓީވީން ދެއްކި ތަގްރީރުގައި ރޫހާނީ ވިދާޅުވި އެވެ.

އީރާނުގެ ރައީސް ވިދާޅުވީ ނިއުކްލިއާ އެއްބަސްވުމުގައި 2015 ވަނަ އަހަރު ސޮއިކުރި ފަހުން އެ އެއްބަސްވުމަށް އީރާނުން ފުރިހަމަ އަށް އަމަލު ކުރިކަން ބައިނަލްއަގުވާމީ ފަރާތްތަކުން ހެކިވާނެ ކަމަށެވެ. އެކަމަކު އެއްބަސްވުމާ ޚިލާފުވީ ކޮން ގައުމެއްކަން މިއަދު ހާމަވެއްޖެ ކަމަށް ވިދާޅުވި އެވެ.

އިޒްރޭލަށް އިޝާރަތް ކުރައްވާ ރޫހާނީ ވިދާޅުވީ ޓްރަމްޕުގެ ނިންމުމަށް ތާއިދު ކުރި ހަމައެކަނި ބަޔަކީ ޒަޔަނިސްޓް ދައުލަތް ކަމަށެވެ.