ފްރާންސްގެ ޚާރިޖީ ވަޒީރު ލެ ޑްރިއަން. --ފޮޓޯ:އޭއެފްޕީ
09 މެއި 2018 - 15:43
ޕެރިސް (މެއި 9) - އީރާން ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވި ނަމަވެސް އެ އެއްބަސްވުން މަރު ނުވާ ކަމަށް ފްރާންސްގެ ޚާރިޖީ ވަޒީރު ޖީން-ވެސް ލެ ޑްރިއަން ވިދާޅުވެއްޖެ އެވެ.
ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވިކަން އިއުލާން ކުރައްވަމުން ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތައް އަލުން އަޅާނެ ކަމަށް ވިދާޅުވެފަ އެވެ.
ފްރާންސް ރޭޑިއޯގައި ވާހަކަ ދައްކަވަމުން ލެ ޑްރިއަން ވިދާޅުވީ އެމެރިކާ ވަކިވި ނަމަވެސް އެއްބަސްވުން ދެމިއެބައޮތް ކަމަށެވެ. ފްރާންސް އާއި އިނގިރޭސި ވިލާތް، ޖަރުމަން އަދި އީރާނާ އެކު ހޯމަ ދުވަހު ބައްދަލުވުމެއް އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އީރާނުން ވެސް ބުނެފައި ވަނީ އެމެރިކާ ވަކިވި ނަމަވެސް އެއްބަސްވުން ސަލާމަތް ކުރަން މަސައްކަތް ކުރާނެ ކަމަށެވެ. ރައީސް ހަސަން ރޫހާނީ މިހާރު ވަނީ އެއްބަސްވުމާ ގުޅޭ ގޮތުން ޗައިނާ އާއި ރަޝިޔާއާ މަޝްވަރާ ކުރަން ޚާރިޖީ ވުޒާރާ އަށް އަންގަވައިފަ އެވެ.
އީރާން ނިއުކްލިއާ އެއްބަސްވުމުގައި 2015 ވަނަ އަހަރު ސޮއިކޮށްފައި ވަނީ ސަލާމަތީ މަޖިލީހުގެ ދާއިމީ ފަސް މެންބަރުން ކަމަށްވާ އެމެރިކާ، ފްރާންސް، އިނގިރޭސި ވިލާތް، ޗައިނާ އަދި ރަޝިޔާ އެވެ. ދެން ސޮއިކޮށްފައި ވަނީ ޖަރުމަނެވެ.
ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވުމުން އީރާނާ ދެކޮޅު ދެ ގައުމު ކަމަށްވާ ސައުދީ އަރަބި އާއި އިޒްރޭލުން ވަނީ މަރުހަބާ ކިޔައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy