އެމްބަސީ ހުޅުވުމާ ދިމާކޮށް އެމެރިކާއާ ދެކޮޅަށް އަލްގައިދާގެ ލީޑަރު ޖިހާދު އިއުލާންކޮށްފި

ކާބުލް (މެއި 14) - އިޒްރޭލުގައި ހުންނަ އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލު ކުރުމަކީ މަޝްވަރާތައް ފެއިލްވުން ކަމަށާއި އެހެންވެ މުސްލިމުން އެމެރިކާއާ ދެކޮޅަށް ޖިހާދު ކުރަން ޖެހޭ ކަމަށް އަލް ގައިދާ ޖަމާއަތުގެ ލީޑަރު އައިމަން އަލް ޒަވާހިރީ ބުނެފި އެވެ.


ތެލް އަވީވުގައި ހުންނަ އެމެރިކާ އެމްބަސީ ގުދުސްގައި ހުޅުވާނީ މިއަދު އެވެ. އެ ރަސްމިއްޔާތުގައި ބައިވެރިވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ދަރިކަނބަލުން އިވަންކާ ވަނީ އިޒްރޭލަށް ވަޑައިގެންފަ އެވެ.

"ތެލް އަވީވް އަކީ ވެސް މުސްލިމުންގެ ބިމެއްގެ" ގެ ނަމުގައި ޒަވާހިރީ ދިން ފަސް މިނިޓުގެ ވީޑިއޯ މެސެޖުގައި ވަނީ ފަލަސްތީނު "ވިއްކާލީ" ފަލަސްތީނުގެ ވެރިން ކަމަށް ބުނެފަ އެވެ. އެހެންވެ އޭނާ ވަނީ މުސްލިމުން ހަތިޔާރު ނެގުމަށް ގޮވާލައިފަ އެވެ. އަލްގައިދާގެ ކުރީގެ ލީޑަރު އުސާމާ ބިން ލާދިން 2011 ވަނަ އަހަރު މަރާލުމުން އެ ޖަމާއަތުގެ ލީޑަރުކަމާ ހަވާލުވި ޒަވާހިރީ ބުނީ މުސްލިމުންގެ ބިންތަކަށް އަރައިގަތުމުގައި ޓްރަމްޕަކީ މި ޒަމާނުގެ ނަމޫނާއެއް ކަމަށާއި ހިމޭނުން ތިބެގެން އެ މީހުންނާ އެކު މަސައްކަތް ނުކުރެވޭނެ ކަމަށެވެ. އަދި ހަމައެކަނި އޮތް ގޮތަކީ އެމެރިކާއާ ދެކޮޅަށް ތެދުވުން ކަމަށް އޭނާ ބުނެފައިވެ އެވެ.

ޒަވާހިރީ ބުނީ މުސްލިމުންގެ އެއް ވަނަ އަދާވާތްތެރިއަކީ އެމެރިކާ ކަމަށް ބިން ލާދިން ވެސް އިއުލާންކޮށްފައިވާ ކަމަށެވެ. އދ.ގެ ތެރޭގައި ވެސް މުސްލިމުންގެ ހައްގުތައް ހިމާޔަތް ކުރަން އިސްލާމީ ގައުމުތައް ފެއިލްވެފައިވާ ކަމަށް ޒަވާހިރީ ބުންޏެވެ.

އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލު ކުރަނީ އިޒްރޭލް އުފެދުނުތާ 70 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށެވެ. ފަލަސްތީނުން އެ ދުވަސް ފާހަގަ ކުރަނީ ނަކްބާ ނުވަތަ ހަލާކުގެ ދުވަހުގެ ގޮތުގަ އެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވެފައި ވަނީ އެމްބަސީ ގުދުސް އަށް ބަދަލުކުރި ނަމަވެސް މެދުއިރުމަތީގެ ސުލްހައިގެ މަޝްރޫއު މަރުނުވާ ކަމަށެވެ.