އެންމެ ބޮޑު އޮންލައިން އާބާދީއެއް އޮންނަނީ ޗައިނާގައި. --ފޮޓޯ:އޭއެފްޕީ
25 ޖުލައި 2016 - 17:50
ބެއިޖިން (ޖުލައި 26) - ސިޔާސީ އަދި އިޖްތިމާއީ ޚަބަރުތައް ރިޕޯޓް ކުރުން ހުއްޓުވުމަށް ހިންގާ ކެމްޕޭނުގެ ދަށުން ވަރަށް ގިނަ އޮންލައިން ޚަބަރު ސައިޓްތައް ޗައިނާ އިން ބަންދު ކޮށްފި ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެފި އެވެ.
ޗައިނާގެ އެންމެ ބޮޑު އޮންލައިން ޕޯޓަލްތައް ކަމަށްވާ ސީނާ، ސޮހޫ، ނެޓްއީޒް އަދި އައިފެންގުން ހިންގާ ސައިޓްތައް ބަންދުކުރަނީ ރަސްމީ މީޑިއާ އިން އާއްމުކުރާ ޚަބަރު ނޫން އެހެން ޚަބަރުތައް ރިޕޯޓް ކުރާތީ ކަމަށްވެ އެވެ. ވޭތުވެދިޔަ ދުވަސްތަކުގައި ޗައިނާ އިން ވަނީ އޮންލައިން ޚަބަރު ރިޕޯޓް ކުރުމުގައި ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްފަ އެވެ. ޗައިނާގެ ވަރަށް ގިނަ ޚަބަރު ސައިޓްތަކުން ސިޔާސީ އަދި އިޖްތިމާއީ މައްސަލަތައް އަމިއްލަ އަށް ރިޕޯޓް ކުރުމަކީ މަނާ ކަމެކެވެ. އޭގެ ބަދަލުގައި އެ ސައިޓްތަކުގައި ޝާއިއު ކުރަން ޖެހޭނީ ރަސްމީ މީޑީއާތައް ކަމަށްވާ ޒިންހުއާ ފަދަ ނިއުސް އެޖެންސީތަކުން އާއްމު ކުރާ ޚަބަރުތަކެވެ. ނަމަވެސް އަމިއްލަ ބައެއް މީޑިއާތަކުން ކިޔުންތެރިން އިތުރު ކުރުމަށާއި އާއްމުދަނީ އިތުރު ކުރުމުގެ ގޮތުން ވަނީ އިންވެސްޓިގޭޓިވް ނޫސްވެރިން ހޯދާ އިޖްތިމާއީ އަދި ސިޔާސީ މައްސަލަތަކުގެ މައްޗަށް ރިޕޯޓްތައް ލިޔަން ފަށައިފަ އެވެ.
ޗައިނާގެ އެންމެ ބޮޑު އޮންލައިން ޕޯޓަލް އަކީ ސީނާ. --ފޮޓޯ:އޭއެފްޕީ
ބެއިޖިން ޑެއިލީ އާއި ބެއިޖިން ނިއުސް އިން ބުނީ ބަންދު ކުރި ވެބްސައިޓްތަކުގެ ސޯޝަލް މީޑިއާ އެކައުންޓްތައް ވެސް ބަންދުކޮށްފައިވާ ކަމަށެވެ. ޗައިނާގައި މީޑިއާތައް އޮޕަރޭޓް ކުރެވޭނީ ކޮމިއުނިސްޓް ޕާޓީގެ ފުރިހަމަ ކޮންޓްރޯލުގެ ދަށުންނެވެ. ވެބްސައިޓްތައް ބެލުމަށް އެތައް ހާސް ސައިބަ ފުލުހުންނެއް ހަރަކާތްތެރިވެ އެވެ.
މިދިޔަ ފެބްރުއަރީ މަހު ރައީސް ޝީ ޖިންޕިން ވަނީ ސަރުކާރުގެ މީޑިއާތަކަށް ޒިޔާރަތް ކުރައްވައިފަ އެވެ. އަދި ވަނީ ނޫސްވެރިން ކޮމިއުނިސްޓް ޕާޓީ އަށް ވަފާތެރިވާން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާމާނު
25 July 2016
ރާއްޖޭގަވެސް ކަންކުރަނީ ތިއުސޫލުން. ހަވީރަށް ހަދާލިގޮތް ހަނދާނެއް ނުނެތޭ.
ހެއް ހެއް ހޭ
25 July 2016
ތި ކަން ދަސްތިކުރީ ރާއްޖޭންކަން ސަތޭކަ ޕަސެންޓް ޔަގީން.. ރާއްޖޭގައި މިހާރު އެކުޅި އެދަނީ ކުޅެމުން..
މެންޓަލިސްޓް
25 July 2016
މިހާރު ރާއްޖެވެސް މިސްރާބުޖަހާފައިވަނީ މިދިމާލަށް ، ދެންޖެހޭނީ ދިވެހިއޮބަޒާވަރ ކަހަލަ ނޫހެއް އޮންލައިންކޮށް ނެރެން ، ޢޭރުން ދިރާގުން ބުލޮކްވެސް ކުރާނެ ނަމަވެސް ފެންނާނެ ގޮތްގޮތް ހުންނާނެ ،
އަލީ
25 July 2016
ރާއްޖޭންވެސް ތި މަންޒަރުފެންނަންދެން މާގިނަ ދުވަހެއް ނަގާނެކަމަކައް ނުފެނޭ. މީޑިޔާ ކޮންޓްރޯލްކުރުމައް މިހަރުގެ ސަރުކާރުން ހިފާފަހުރިވަރުން މިނިވަންތެދުހަބަރު ރައްޔިތުންނާހިސާބައް ފޯރުކޮއްދެންބޭނުމިއްޔާ މީޑިޔާތަކައްދެންދާންޖެހޭނީ އަންޑަގުރައުންޑައް އެހާހިސާބުން ސަރުކާރުން އިންޓަނެޓު ހިސޯރުކުރުމައްހިފާނެ.
މީހަކު ކޮސްވެދާނެ
25 July 2016
ރާއްޖޭގައި ވެސް މިގޮތައް ހަދަން ފެނޭ
ރަދީފް
25 July 2016
ދިވެހިރާއްޖެގެ އެންމެ އަރިސް ވެރިޔާގެ ކަންތައްހުރިގޮތް ފެނިގެންމިދަނީ. އެހެންވީމަ އަހަރުމެން ގައުމުގަ ވެސް މިހެން ހަދާނެ.
މޯލްޑިޗައިނާ
25 July 2016
ހމމމ... މިފަދަ ގޮތަކަށް ޢަމަލުތަށް ހުންނަނީ ދެން ކޮން ޤައުމެއްގަބާ... ހމމމ... ފާސްކުރާ ޚަބަރު ޚަބަރަށް ވުން... މަށަަށް އެނގޭ ކޮންމެސް އެހެން ޤައުމެއްގެ ސަރުކާރުގައި މިހާރު ތިބި މީހުންނަށް މިއީ ނިކަން ރަނގަޅު ޚިޔާލަކަށް ވާނެހެން ހީވޭ