ފަލަސްތީނުގެ އެތައް ބަޔަކު އިޒްރޭލް ސިފައިން މި މަހު ކުރީކޮޅު ޝަހީދުކޮށްލުމާ ގުޅިގެން ފަލަސްތީނުގެ ބައެއް މީހުން ހިތާމައިގައި. --ފޮޓޯ:އޭޕީ
31 މެއި 2018 - 11:28
ޔުނައިޓެޑް ނޭޝަންސް (މެއި 31) - ފަލަސްތީން ރައްޔިުންނަށް ބައިނަލްއަގުވާމީ ހިމާޔަތް ހޯދައިދިނުމުގެ ގޮތުން އދ.ގެ ސަލާމަތީ މަޖިލީހަށް ކުވޭތުން ގަރާރެއް ހުށަހަޅައިފި އެވެ.
ކުވޭތުގެ ގަރާރުގައި ހުށަހަޅާފައި ވަނީ އިޒްރޭލުން ހިފާފައިވާ ބިންތަކުގައި ފަލަސްތީނުގެ މަދަނީ އާބާދީ ހިމާޔަތް ކުރަން ބައިނަލްއަގުވާމީ ގޮތުން އެޅިދާނެ ފިޔަވަޅުތަކެވެ. އަދި އިތުރު ހުށަހެޅުންތައް ހުށަހެޅުމަށް ގަރާރުގައި ވަނީ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްގެ އަރިހުން އެދިވަޑައިގެންފަ އެވެ. ކުވޭތުން މި ޑްރާފްޓް ގަރާރު ފުރަތަމަ ހުށަހެޅީ މީގެ 10 ދުވަސް ކުރިންނެވެ. އެއީ ގާޒާ ބޯޑަރުގައި އިޒްރޭލުން ހިންގި އުދުވާނުގައި ފަލަސްތީނުގެ އެތައް ބަޔަކު ޝަހީދުކޮށްލުމާ ގުޅިގެންނެވެ.
ކުވޭތުގެ ގަރާރާ ގުޅޭ ގޮތުން މިއަދު ވޯޓަށް އަހާނެ ކަމަށް ބެލެވެ އެވެ. އަދި އެމެރިކާ އިން އެ ގަރާރު ވީޓޯ ކުރާނެ ކަމަށް ޑިޕްލޮމެޓުން ބުނެ އެވެ. ނަމަވެސް ސަލާމަތީ މަޖިލީހުގައި އަރަބި ގައުމުތައް ތަމްސީލް ކުރާ ހަމައެކަނި ގައުމު ކަމަށްވާ ކުވޭތުން އުއްމީދު ކުރަނީ އެކަށީގެންވާ އަދަދަކަށް ވޯޓު ލިބޭނެ ކަމަށެވެ.
ގަރާރުގައި އެކަށީގެންވާ ތަފްސީލްތައް ނެތުމުން ފްރާންސް އާއި އިނގިރޭސި ވިލާތުން ވަނީ ފާޑުކިޔައިފަ އެވެ. އަދި އެމެރިކާ އިން ދެކޭ ގޮތުގައި އެއީ އިޒްރޭލަށް ވަރަށް ބޮޑަށް ބޭއިންސާފުކޮށްފައިވާ ގަރާރެކެވެ.
އިޒްރޭލް ސަފީރު ޑެނީ ޑެނޮން ވިދާޅުވީ ކުވޭތުގެ ގަރާރަކީ ބޮޑު ލަދުވެތި ކަމެއް ކަމަށާއި އެއީ ހަމާސް އަށް އެހީތެރިވެދޭން ޑްރާފްޓްކުރި ގަރާރެއް ކަމަށެވެ.
ސަލާމަތީ މަޖިލީހުގެ ވޯޓު ނާކާމިޔާބުވެއްޖެ ނަމަ އދ.ގެ މައްސަލަ އާއްމު މަޖިލީހަށް ގެންދާނެ ކަމަށް ބެލެވޭ ކަމަށް ޑިޕްލޮމެޓުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އީމަން
31 May 2018
އިޒްރޭލުން ފަލަސްތީނާ އިދިކޮޅަ ހިންގާ އުދުވާނު އަކީ ބޮޑު ބޭއިންސާފް، ފަލަސްތީނުގެ އާމުންނަށް ބައިނަލްއަގުވާމީ ހިމާޔަތް ހޯދުމެއް ނޫން ބޭއިންސާފްއަކީއެވެ. އަދި ޑެނީ ޑެނޮން ވަނުވާ ނެންގޭ ވާހަކަ ނުދަކާ މައިތިރި ވެގެން ހުންނަން ގޮވާލަމެވެ.