އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭ (ވ) އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫއާ އިއްޔެ ލަންޑަންގައި ބައްދަލު ކުރައްވަނީ. --ފޮޓޯ ބީބީސީ
07 ޖޫން 2018 - 10:51
އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ ގިނަ އަދަދެއްގެ ބަޔަކު މަރުވެފައިވާތީ، އިނގިރޭސި ވިލާތް ވަރަށް ކަންބޮޑުވާ ކަމަށް އެގައުމުގެ ބޮޑުވަޒީރު ތެރީސާ މޭ، އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫ އަށް ދަންނަވައިފި އެވެ.
މިހާރު އިނގިރޭސި ވިލާތަށް ވަޑައިގެން އުޅުއްވާ ނަތަންޔާހޫއާ އެކު ލަންޑަންގައި ބައްދަލުކުރައްވައި ތެރީސާ ވިދާޅުވީ، ފަލަސްތީނުގެ ބަޔަކު މަރުވި ކަމުގައި ވިޔަސް، އަމިއްލަ ނަފްސު ދިފާއު ކުރުމުގެ ހައްގު އިޒްރޭލަށް ލިބިގެންވާ ކަން އިނގިރޭސި ވިލާތް ފުރިހަމަ އަށް ގަބޫލުކުރާ ކަމަށެވެ. ވޭތުވެ ދިޔަ ހަފުތާތަކުގައި އިޒްރޭލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ ގިނަ އަދަދެއްގެ ބަޔަކު މަރުވެފައިވާއިރު، މިއީ މި މައްސަލަ އަށް ހައްލެއް ގެންނަންވީ ވަގުތު ކަމަށް ވެސް ތެރީސާ ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ނަތަންޔާހޫ ވިދާޅުވި ގޮތުގައި އިޒްރޭލާ ދެކޮޅަށް މުޒާހަރާ ކުރި ބައެއް މީހުންނަކީ، އިޒްރޭލު މީހުން ވަގަށް ނެގުމަށް ނުވަތަ މަރައިލުމަށް، ހަމާސް ޖަމާއަތުން ފައިސާ ދީގެން މުޒާހަރާތަކަށް ނެރުނު މީހުން ކަމަށެވެ.
ފަލަސްތީނުގެ ކަމާ ބެހޭ އިދާރާތަކުން ބުނާ ގޮތުގައި ވެއަތުވެ ތިޔަ މެއި މަހާއި އެޕްރީލް މަހުގެ ތެރޭގައި ގާޒާގައި މުޒާހަރާ ކުރި ފަލަސްތީނު ރައްޔިތުންނަށް އިޒްރޭލުން ދިން ހަމަލާތަކުގައި މަދުވެގެން 120 މީހުން ޝަހީދުވި އެވެ. އަދި 10،000 އަށް ވުރެ ގިނަ މީހުން ޒަޚަމްވި އެވެ.
އިޒްރޭލުގައި ހުންނަ އެމެރިކާ އެމްބަސީ ގުދުސަށް ބަދަލުކުރި ދުވަހު، މުޒާހަރާ ކުރި މީހުން މައިތިރި ކުރުމަށް އިޒްރޭލު ސިފައިން ދިން ހަމަލާތަކުގައި އެދުވަހު އެކަނި ވެސް 60 އަށް ވުރެ ގިނަ މީހުން ޝަހީދުވި އެވެ. އެ ދުވަހުގެ މުޒާހަރާގައި 40،000 އަށް ވުރެ ގިނަ މީހުން ބައިވެރިވެ، އިޒްރޭލު ސިފައިންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގި އެވެ.
އިނގިރޭސި ޚާރިޖީ ވަޒީރު ބޮރިސް ޖޯންސަން (ވ) އާއި އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ އިއްޔެ ލަންޑަންގައި ބައްދަލު ކުރައްވަނީ. ފޮޓޯ ބީބީސީ
ގާޒާގައި މުޒާހަރާ ކުރި މީހުން މައިތިރި ކުރުމަށް އިޒްރޭލު ސިފައިން ދިން ހަމަލާތަކުގައި އަސްލު ވަޒަން ބޭނުންކޮށްފައިވާތީ، މިދިޔަ މަހުގެ ތެރޭގައި އިނގިރޭސި ބޮޑުވަޒީރު ވަނީ އެކަން ކުށްވެރި ކުރައްވައި އެ މައްސަލަ ތަހުގީގު ކުރުމަށް ވެސް ގޮވާލައްވައިފަ އެވެ.
އިއްޔެ ލަންޑަންގައި ނޫސްވެރިންގެ ހާޒިރުގައި ނަތަންޔާހޫއާ ބައްދަލުކުރައްވައި ތެރީސާ ވިދާޅުވީ، ފަލަސްތީނުގެ ގިނަ އަދަދެއްގެ ފުރާނަ ގެއްލިގެން ދިޔުމަކީ އިނގިރޭސި ވިލާތް ކަންބޮޑުވާ ކަމެއް ކަމަށެވެ.
ތެރީސާގެ އެ ވާހަކަތަކަށް ރައްދު ދެއްވައި ނަތަންޔާހޫ ވިދާޅުވީ ފަލަސްތީނު ރައްޔިތުން ގާޒާގައި ކުރީ ސުލްހަވެރި މުޒާހަރާތަކެއް ނޫން ކަމަށާއި، އެއީ ހަމާސް އިން ފައިސާ ދީގެން އިޒްރޭލު ސުންނާފަތި ކޮށްލުމަށް ކުރި ދެކޮޅުވެރި މުޒާހަރާތަކެއް ކަމަށެވެ.
ތެރީސާ އަށް ފަހު އިނގިރޭސި ޚާރިޖީ ވަޒީރު ބޮރިސް ޖޯންސަން ވެސް އިއްޔެ ނަތަންޔާހޫއާ ބައްދަލުކުރެއްވި އެވެ. އޭނާ ވެސް ނަތަންޔާހުގެ އަރިހުން އެދިވަޑައިގަތީ، ގާޒާގައި ހިނގައި ދިޔަ ހަމަނުޖެހުންތަކުގެ މިނިވަން ތަހުގީގެއް ހިންގައިދިނުމަށެވެ. އެ ބައްދަލުވުމަށް ފަހު ޖޯންސަން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެއްވެސް ބިރެއް ނެތި މިނިވަންކަމާ އެކު ދިރިއުޅުމުގެ ހައްގު ގާޒާގެ އަހުލުވެރިންނާއި އިޒްރޭލުގެ ރައްޔިތުންނަށް ވެސް ލިބެންޖެހޭނެ ކަމަށެވެ.
އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް މިފަހަކަށް އައިސް ފަލަސްތީނު މީހުން މުޒާހަރާތައް އިތުރު ކޮށްފައިވަނީ ބައިނަލްއަގުވާމީ ގާނޫނުތަކާއި މުއާހަދާތަކާއި ސަލާމަތީ މަޖިލީހުގެ ގަރާރުތަކާ ވެސް ޚިލާފަށް، އިޒްރޭލުން ފޭރިގެންފައިވާ އިރުމަތީ ގުދުސްގައި ޔަހޫދީންގެ ބާރު ގަދަ ކުރުމުގެ ގޮތުން، އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލުކުރުމާ ގުޅިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަންފަތުރާ
07 June 2018
ވަރައްކަންބޮޑުވޭތާދޯ އެބުނީވިޔަ ފަލސްތީންމީހުނކިތަންމެވަރަކައް މަރުވިޔަސް އިޒްރޭލްދިފާއުވުމުގެ ހައްގުލިބިގެންވެޔޭ މާނަޔަކީ ކިތަންމެވަރަކައް ފަލަސްތީންމީހުންމެރިޔަސްހެވޭ
ވައްކަން
07 June 2018
މިހާރު ދުނިޔޭގެ ތެޔޮ އެންމެ ގިނައިން އެކްސްޕޯޓް ކުރާ އެއް ގައުމަކީ އެމެރިކާ.
އީމަން
07 June 2018
ނަތަންޔާހޫ ދަންނަވާލަންތޯ ވާހަކައެއް، ފަލަސްތީނު ރައްޔިތުން ގާޒާގައި ކުރީ ސުލްހަވެރި މުޒާހަރާތަކެކެވެ. އަދި އެމުޒަހަތާތައް ކުރަނީ ކަލޭމެން ޔާހުދީން ގޮތްކުދަކުމުން ފޭރިފާހުރި ފަލަސްތީނު މީހުންގެ ބިންތައް އަބުރާ ހޯދުމަށެވެ. ބަޔަކު ފައިސާ ދޭކަށް ނުޖެހޭ ފަލަސްތީނު މީހުންގެ ތާއަބަދުގެ ތަރިކައެއް އިޒްރޭލު އަތުން އަބުރާ ހޯދާކަށެވެ. ސުންނާފަތި ކުރަނީ ޔަހޫދީން ފަލަސްތީނު މީހުންނެވެ. ފަލަސްތީނަކުން ނޫޅޭ ބަޔަކު ސުންނާފަތި ކުރާކަށެވެ. ފަލަސްތީނަށް ގުދުސްވެސް ހޯދަދޭނަން ކަލޭމެން ފޭރުނު ހުރިހާ ބިމެކާ މުދާވެސް ހޯދަދޭނަމެވެ.
ވިލާތު
07 June 2018
ފޮޓޯތަކަށް ބަލާފަ އެނގޭ ކަންބޮޑުވާވަރު. މިއީ ތެޔޮ ގަންނަ އަރަބި ގައުމުތަކާއި ހަތިޔާރު ވިއްކާ އަރަބި ކަސްޓަމަރުން ހައްދާލަން ދައްކާ ވާހަކަ.
ފުންއަސަރު
07 June 2018
މަވެސް ކަންބޮޑުވޭ. އެކަމަކު އެކަމުން ވީ ކީތް.؟ ކަންކަން ހައްލުކުރެވެންތިބި މީހުން ތިހެންބުނެލިޔަކަސް އަދި ކަމަކު ނުދޭ. އެކަން ހައްލުކުރަން ކިހާވަރަކަށް މަސައްކަތް ކުރެއްވިންތޯ؟