ގައިދީންގެ ހާރާއި ރޯދަވީއްލުން ހަމަޖައްސައިދޭން ކޯޓުން އަންގައިފި

ސިއެޓަލް (ޖޫން 12) - މި ރޯދަ މަހު ރޯދައިގެ އަޅުކަން އަދާކުރާ ހުރިހާ ގައިދީންނަށް ހާރުކެވޭނެ ގޮތާއި ރޯދަވީއްލޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ވޮޝިންޓަނުގެ ޑިޕާޓްމަންޓް އޮފް ކަރެކްޝަންސްގެ މައްޗަށް ކޯޓުން އަމުރުކޮށްފި އެވެ.


މޮންރޯގައި ހުންނަ ވޮޝިންޓަން ސްޓޭޓް ރިފޯމޭޓަރީގައި ހުކުން ތަންފީޒުކުރަމުން ދާ ގައިދީންނަށް ރޯދަމަހު ކާން ލިބެން ޖެހޭ ގަޑިތަކުގައި ނުލިބި، ރޯދައަށް ހުންނަން ޖެހުމުން އެވްރެޖުކޮށް ނުވަ ކިލޯ ލުއިވެފައިވާ ކަމަށް ބުނެ އެމެރިކާގެ އިސްލާމީ ގުޅުންތަކާ ބެހޭ ކައުންސިލުން ކޯޓަށް މައްސަލަ ވެއްދީ މިދިޔަ އާދީއްތަދުވަހު އެވެ.

ރޯދަވީއްލުމަށާއި ހާރަށް ކާބޯތަކެތި ބޭނުންވާ ގައިދީން ޖެނުވަރީ މަހު ނަން ނޯޓުކުރަން ޖެހޭ ގޮތަށް ޖަލުތަކާ ބެހޭ އިދާރާ އިން އުސޫލެއް ކަނޑައަޅާފައިވިޔަސް އެއާ އެއްގޮތަށް އަމަލުކޮށްފައި ނުވާއިރު، މިދިއަ ޖެނުވަރީގެ ފަހުން ޖަލަށް ލި މީހުނަށް އެ ފުރުސަތު ދީފައެއް ނުވެ އެވެ.

ލިސްޓުގައި ނަން ނެތް ބައެއް ގައިދީން އޭއެފްޕީއަށް ކިޔައިދިން ގޮތުގައި ނަން ނޯޓުކޮށްފައިވާ މީހުންނަށް ލިބޭ ކާތަކެތިން އެއްޗެއް އެހެން މީހަކަށް ދިއްކޮށްލިޔަސް ގާޑުން އެ އެއްޗެއް އަތުލަ އެވެ. އަދި ގޮޅިތައް ބަލައި ފާސްކޮށް ފޮރުވައިގެން ގެންގުޅޭ ކާއެތިކޮޅު ގެންދިއުމުގެ އިތުރުން ރޯދައަށް ތިބޭއިރު ގާޑުން އައިސް ގަދަކަމުން ކާންދޭން އުޅޭ ކަމަށް ވެސް އެ މީހުން ބުނެ އެވެ.

މިކަމާ ގުޅިގެން ޑިޕާޓްމަންޓް އޮފް ކަރެކްޝަންސްގެ ތަރުޖަމާނު ޖެރެމީ ބާކްލޭ ވިދާޅުވީ ގައިދީންގެ ސިއްހަތަށާއި ދުޅަހެޔޮކަމަށް އަބަދުވެސް އެ ޑިޕާޓްމަންޓުން އިސްކަންދޭ ކަމަށެވެ. އަދި މިހާރު ކުރިމަތިވެފައިވާ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމާއި ކޯޓުގެ އަމުރު ތަންފީޒުކުރުމުގެ މަސައްކަތް ލަސްނުކޮށް ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަވަސް މައްސަލައެއްގެ ގޮތުގައި ނިންމައި، އެދުވަހުން އެދުވަހަށް ހުކުމް އިއްވާފައިވާ މި މައްސަލައިގައި ފަނޑިޔާރު ވަނީ، މޭ މަހު އެލަސްކާ ޖަލުގައި މުސްލިމު ގައިދީންނަށް އޫރު މަސް ކާންދިން މައްސަލައަށް ވެސް ރިއާޔަތްކުރައްވާފަ އެވެ.

އެ މައްސަލައިގައި އިއްވި ހުކުމުގައި ގައިދީންނަށް ދޭ ކާބޯތަކެތީގައި މަދުވެގެން ދުވާލަކު 2،600 ކެލޮރީސް ހިމަނަން ވަނީ އަމުރުކޮށްފަ އެވެ. އާންމު ސިއްހީ މިންގަނޑުތަކަށް ބަލާއިރު އެވަރެޖުކޮށް ހަށިގަނޑަށް ދުވާލަކު 2،600 އާއި 2،800 ދެމެދުގެ އަދަދަށް ކެލޮރީ ބޭނުންވެ އެވެ.