ބިސްވާލްގެ ދަތުރު އިރުމަތީގެ އޮރިއްސާ އިން ފެށީ އެޕްރީލް 16 ވަނަ ދުވަހު.
19 ޖޫން 2018 - 11:29
ނިއު ދިއްލީ (ޖޫން 19) - އިންތިޚާބުގެ ވައުދެއް ބޮޑު ވަޒީރު ނަރެންދުރަ މޯދީ އަށް ހަނދާން ކޮށްދޭން އިންޑިއާ މީހަކު 1،350 ކިލޯ މީޓަރު (838 މޭލު) އަށް ހިނގައިފި އެވެ.
މުކްތިކަންޓް ބިސްވާލް ވަނީ އިރުމަތީގެ އޮރިއްސާ އިން ވެރި ރަށް ނިއު ދިއްލީ އަށް ދިގު ދަތުރެއް ކޮށްފަ އެވެ. އިންޑިއާގެ ދިދައަކާ އެކު ބިސްވާލްގެ ދަތުރު ފެށީ އެޕްރީލް 16 ވަނަ ދުވަހު އެވެ. އޭނާގެ މަންޒިލަށް ފޯރަން 218 ކިލޯ މީޓަރަށްވެފައި ވަނިކޮށް ބަލިވެގެން ވަނީ އާގްރާގެ ހޮސްޕިޓަލެއްގައި އެޑްމިޓް ކުރަން ޖެހިފަ އެވެ. ބިސްވާލް ބުނީ އޭނާ ބޭނުންވީ އޮރިއްސާ ސްޓޭޓުގެ ހޮސްޕިޓަލްގެ ފެންވަރު މަތިކޮށްދޭނެ ކަމަށް މޯދީ ވެވަޑައިގެންނެވި ވައުދުގެ މަތިން ހަނދާން ކޮށްދޭން ކަމަށެވެ. އޭނާ އަށް މި ހަފުތާގައި ދިއްލީ އަށް ދެވޭނެ އެވެ.
މޯދީ 2015 ވަނަ އަހަރު ވަނީ އޮރިއްސާގެ ހޮސްޕިޓަލުގެ ފެންވަރު ދިއްލީގެ މަޝްހޫރު އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައެންސް ފަދަ "ސުޕަ ސްޕެޝިއަލިޓީ ފެސިލިޓީ" އަކަށް ބަދަލު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ބީބީސީ އަށް ބިސްވާލް ބުނީ އޭނާ ބޭނުންވަނީ މޯދީއާ ބައްދަލުކޮށް އިސްޕަތު ޖެނެރަލް ހޮސްޕިޓަލުގެ ފެންވަރު މަތިކޮށްދޭނެ ކަމަށް ވެވަޑައިގެންނެވި ވައުދުގެ މަތިން ހަނދާން އާކޮށްދޭން ކަމަށެވެ.
"ބޮޑު ވަޒީރު އަޅުގަނޑާ ބައްދަލު ކުރާނެ ކަމެއް ނޭނގޭ. އެކަމަކު މޯދީ ބައްދަލު ނުކުރައްވައިފި ނަމަ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް އަޅުގަނޑު ކުރާނަން،" ބިސްވާލް ބުންޏެވެ.
ބިސްވާލްގެ ދަތުރާ ގުޅޭ ގޮތުން މޯދީ އަދި މިހާތަނަށް ކޮމެންޓް ކުރައްވައިފައެއް ނުވެ އެވެ. ނަމަވެސް އިންޑިއާގެ އިދިކޮޅު ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާނދީ ވަނީ ބިސްވާލްގެ ދަތުރު ސަމާލު ކަމަށް ގެނައުމުގެ ގޮތުން ޓްވީޓް ކުރައްވައިފަ އެވެ. ބިސްވާލް ބުނީ ރާހުލްގެ ޓްވީޓާ ގުޅިގެން އޭނާ ވަރަށް އުފާވި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy