ފަލަސްތީނުގެ ރައީސް އައްބާސް (ކ) އާއި ޕްރިންސް ވިލިއަމް މިއަދު ބައްދަލު ކުރައްވަނީ. --ފޮޓޯ:ރޮއިޓާސް
27 ޖޫން 2018 - 18:09
ރާމުﷲ (ޖޫން 27) - އިނގިރޭސި ވިލާތުގެ ޕްރިންސް ވިލިއަމް މެދުއިރުމައްޗަށް ކުރައްވާ ދަތުރުފުޅުގައި ފަލަސްތީނަށް ވަޑައިގެން ރައީސް މަހްމޫދު އައްބާސްއާ މިއަދު ބައްދަލު ކުރައްވައިފި އެވެ.
ރާމުﷲގައި ބޭއްވި ބައްދަލުވުމުގައި ޑިއުކް އޮފް ކެމްބްރިޖް ވަނީ ފަލަސްތީނާއި އިޒްރޭލާ ދެމެދު ދާއިމީ ސުލްހަ ގާއިމް ކުރެވޭނެ ކަމުގެ އުއްމީދު ފާޅު ކުރައްވައިފަ އެވެ. އަދި އައްބާސް ވެސް ވަނީ އިޒްރޭލާ އެކު ސުލްހަ ހޯދަން ފަލަސްތީނުން ބޭނުންވާކަން ވިލިއަމް އަށް ދަންނަވައިފަ އެވެ.
އިޒްރޭލަށް ކުރެއްވި ދަތުރުގައި އެ ގައުމުގެ ރައީސް ރެއުވެން ރިލްވިން ވަނީ ސުލްހައިގެ މެސެޖް އައްބާސް އަށް ރައްދުކޮށް ދެއްވުމަށް ވިލިއަމްގެ އަރިހުން އެދިވަޑައިގެންފަ އެވެ.
ޕްރިންސް ވިލިއަމްގެ ދަތުރުފުޅު އާދިއްތަ ދުވަހު ފެއްޓެވީ ޖޯޑަން އެވެ.
މިއީ އިނގިރޭސި ސަރުކާރުގެ ފަރާތުން ޝާހީ އާއިލާގެ މެންބަރަކު އިޒްރޭލް ނުވަތަ ފަލަސްތީނަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ޑިއުކް އޮފް އެޑިންބަރާ އާއި ޕްރިންސް އޮފް ވޭލްސް މީގެ ކުރިން ވަނީ ގުދުސް އަށް ވަޑައިގެންފަ އެވެ. ނަމަވެސް އެއީ ރަސްމީ ދަތުރުފުޅެއް ނޫނެވެ. ޕްރިންސް އޮފް ވޭލްސް، ޕްރިންސް ޗާލްސް 2016 ވަނަ އަހަރު އިޒރޭލަށް ވަޑައިގެންނެވީ ކުރީގެ ރައީސް ޝިމޮން ޕެރޭޒްގެ ޖަނާޒާ އަށެވެ.
މެދުއިރުމައްޗަށް އިނގިރޭސި ޝާހީ އާއިލާގެ މެންބަރަކު މި ވަޑައިގެންނެވީ އިޒްރޭލް އުފެދުނުތާ 70 އަހަރު ފުރުމާ ދިމާކޮށް ފަލަސްތީނާއި އިޒްރޭލާ ދެމެދު ހަމަނުޖެހުންތައް ބޮޑުވެފައިވާ ދުވަސްވަރެއްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy