އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ. --ފޮޓޯ:އީޕީއޭ
28 ޖޫން 2018 - 16:15
ތެހެރާން (ޖޫން 28) - އީރާނުގެ އިގްތިސާދު ހަލާކު ކުރަން މަސައްކަތް ކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އެ ގައުމުގެ ޖުޑިޝަރީ އަށް ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ގޮވާލައްވައިފި އެވެ.
ޚާމަނާއީގެ ވެބްސައިޓުގައި ޝާއިއު ކުރެއްވި ބަޔާނެއްގައި ވިދާޅުވީ ރައްޔިތުން މަސައްކަތް ކުރުމުގެ މާހައުލާއި ދިރިއުޅުމުގެ މާހައުލުގެ ރައްކާތެރިކަން ކަށަވަރުކޮށްދޭން ޖެހޭނެ ކަމަށެވެ.
ޚާމަނާއީ އެކަމަށް ގޮވާލައްވާފައި ވަނީ ވެރިރަށް ތެހެރާނުގެ ގްރޭންޑް ބާޒާރަށް ހޯމަ ދުވަހު ވަނީ އެތައް ބަޔަކު ޖަމާވެ މުޒާހަރާކޮށްފައި ވަނިކޮށެވެ. އެ މީހުން މުޒާހަރާކޮށްފައި ވަނީ އިގްތިސާދު ހީނަރުވެ ތަކެތީގެ އަގު މައްޗަށް ދާތީ އެވެ. ވޭތުވެދިޔަ ހަ މަސް ދުވަހު ތެރޭ އީރާން ފައިސާގެ އަގު ވަނީ 50 ޕަސެންޓް ވެއްޓިފަ އެވެ.
އެކަމަކު އީރާނުގެ ރައީސް ހަސަން ރޫހާނީ ޓީވީ މެދުވެރި ކުރައްވާ ދެއްވި ބަޔާނެއްގައި ވަނީ ސަރުކާރަށް ލިބޭ އާމްދަނީ ދަށް ނުވާ ކަމަށް ވިދާޅުވެފަ އެވެ.
އީރާނުން ނިއުކްލިއާ ގާބިލްކަން އިތުރު ކުރަން މަސައްކަތް ކުރާ ނަމަ އިތުރު ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެ ކަމަށް އެމެރިކާ އިން ދަނީ އިންޒާރު ދެމުންނެވެ. ދުނިޔޭގެ ބާރުތަކާ އެކު އީރާނުން 2015 ވަނަ އަހަރު ގާއިމް ކުރި ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ މިހާރު ވަނީ ވަކިވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy