ބެންކޮކް (ޖުލައި 4) - ތައިލެންޑުގެ ހޮހަޅައެއްގައި ތާށިވި 12 ކުދިން އެއް ކުއްޖަކު އަނެއް ކުއްޖަކަށް ހީސަމާސާކޮށް ހަދާ ވީޑިއޯއެއް އާއްމުކޮށްފި އެވެ.
އެ ވީޑިއޯގައި ހުރިހާ ކުދިން ވެސް ވަނީ އެ ކުދިން ތިބީ ރަނގަޅު ސިއްހަތެއްގައި ކަމަށް ބުނެފަ އެވެ. ކޮންމެ ކުއްޖަކު ވެސް އަމިއްލަ އަށް ތައާރަފްވަމުން ދިޔަ އިރު ތިބީ ހިނިތުންވުމުގަ އެވެ. ތައި ނޭވީ ސީލުން އާއްމު ކުރި ވީޑިއޯގައި ގިނަ ކުދިން ތިބީ ފޮއިލް ބްލެންކެޓުގަ އެވެ.
ޑައިވަރުން ކައިރީގައި ތިބެގެން ކޮންމެ ކުއްޖަކަށް ވެސް ޓޯޗުން އަލިކޮށްލުމާ އެކު އިހްތިރާމް އަދާކުރުމުގެ ގޮތުން ދެ އަތްތިލަ ޖައްސައި ކޮންމެ ކުއްޖެއްގެ ވެސް ނަން ބުނެ ދެ އެވެ. އެހެން ވީޑިއޯއެއްގައި ވަނީ އެ ކުދިންގެ ގައިން މަށައިގެން ގޮސްފައިވާ ތަންތަނުގައި ޑޮކްޓަރު ބޭސް އަޅާ މަންޒަރުތައް ދައްކައިފަ އެވެ. މިހާރު ހަމަޖައްސާފައިވާ ގޮތުން ނޭވީ ސީލްގެ ދެ ޑައިވަރުން އެ ކުދިންގެ ކައިރީ އަބަދުވެސް ތިބޭނެ އެވެ.
މިދިޔަ ހޯމަ ދުވަހުގެ ރޭ، ނުވަ ދުވަސް ފަހުން، އެ ކުދިން ހޮހަޅައިގެ ތެރޭން ހޯދި ފަހުން ދަނީ ކާނާ އާއި ސިއްހީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ނަމަވެސް އެ ކުދިން ސަލާމަތް ކުރެވޭނެ ދުވަހެއް އަދި ނޭނގެ އެވެ.
ތައިލެންޑް ސިފައިން މިހާރު ދަނީ އެ ކުދިން ސަލާމަތް ކުރެވޭނެ އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ބަލަމުންނެވެ. އެ ކުދިން ހޮހަޅައިން ނެރެވެން އޮތީ ޑައިވް ކުރަން ދަސްކޮށްދީގެން، ހޮހަޅައިގެ ތެރޭގައި ޑައިވްކޮށްގެން ނުވަތަ ހޮހަޅައިން ފެންގަނޑު ހިނދެންދެން މަޑުކޮށްގެންނެވެ. ފެން ހިނދެން މަސްތަކެއް ނަގާނެ އެވެ. ތައިލެންޑް ސިފައިން ބުނެފައި ވަނީ ކުދިން ސަލާމަތް ކުރުމުގައި ރިސްކެއް ނުނަގާނެ ކަމަށެވެ. ސަބަބަކީ އޭގެ ތެރޭން ގިނަ ކުދިންނަށް ފަތަން ވެސް ނޭނގޭތީ އެވެ.