ހޮހަޅައިގައި ތިބި ކުދިންނަށް އަމިއްލަ އަށް ތައާރަފް ވަނީ. --ފޮޓޯ:ތައި ރޯޔަލް ނޭވީ
05 ޖުލައި 2018 - 10:48
ބެންކޮކް (ޖުލައި 5) - ތައިލެންޑުގެ ހޮހަޅައިގައި ތާށިވި ކުދިންނަށް ޑައިވިން މާސްކް އަޅައި ނޭވާލާން ދަސްކޮށްދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޗިއާން ރައި ޕްރޮވިންސްގެ ގަވަރުނަރު ނަރޮންގްސަކް އޮސަޓަނަކޯން ވިދާޅުވެއްޖެ އެވެ.
އެ ކުދިންނަށް ފީނަން ދަސްކޮށްދިން ނަމަވެސް ހޮހަޅައިން ނެރުމުގެ މަސައްކަތް އަވަހަށް ނުފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ކުދިން ނެރޭނީ އެއްވެސް ރިސްކެއް ނެތްކަމުގެ 100 ޕަސެންޓް ޔަގީންކަން ލިބުމުން. އެ ކުދިންނާ މެދު ކަންތައް ކުރަމުން މިދަނީ އަމިއްލަ ދަރިންނެކޭ އެއްގޮތަށް،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ނަރޮންގްސަކް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 12 ކުދިންނާއި ކޯޗު ހޮހަޅައިން ނެރުމުގެ މަސައްކަތް ވެސް ކުރިއަށް ދާނީ އެކި ސްޓޭޖްތަކަށް ބަހާލައިގެން ކަމަށެވެ. ކުދިން ނެރޭނީ އެ ކުދިންގެ ސިއްހަތަށް ބަލައިގެން ކަމަށް ނަރޮންގްސަކް ވިދާޅުވި އެވެ. މީގެ އިިތުރުް ހޮހަޅައިގައި ތިބި ކުދިންނަށް ކާނާ އާއި ބޭސް މެދު ނުކެނޑި މިހާރު ފޯރުކޮށްދެމުންދާ ކަމަށް ވެސް ގަވަރުނަރު ވިދާޅުވި އެވެ.
ހޮހަޅައިން ކުދިން ނެރުމުގައި އެންމެ ނުރައްކާ ބޮޑު ގޮތަކީ ޑައިވްކޮށްގެން އެ ކުދިން ނެރުމެވެ. ތަޖްރިބާކާރުން ބުނަނީ ޗަކަ ފެންގަނޑުގެ ތެރޭގައި ފީނުމަކީ ވަރަށް ޓެކްނިކަލް އަދި ވަރަށް ތަޖްރިބާކާރު ޑައިވަރުންނަށް ނޫނީ ނުކުރެވޭނެ ކަމެއް ކަމަށެވެ. ހޮހަޅައިގައި ތިބި ގިނަ ކުދިންނަށް ފަތަން ވެސް ނޭނގެ އެވެ. އަނެއް ގޮތަކީ ހޮހަޅައިން ފެން ހިނދެންދެން މަޑު ކުރުމެވެ. މިއީ ތައިލެންޑަށް ވިއްސާރަ މޫސުމަށް ވުމުން ފެން ހިނދެން މަސްތަކެއް ނަގާނެ އެވެ. ހޮހަޅައިން ފެން ހިއްކުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށް ދެ އެވެ.
ތައި ނޭވީ ސީލުން އިއްޔެ ވަނީ ހޮހަޅައިގެ ތެރޭގައި ފައިބަ އޮޕްޓިކް އިންޓަނެޓް ލައިނެއް ގާއިމް ކުރުމުގެ މަސައްކަތް ކޮށްފަ އެވެ. އެއީ ހޮހަޅައިގައި ތިބި ކުދިންނާއި އެ ކުދިންގެ އާއިލާތަކުގެ މީހުންނާ ވާހަކަ ދެއްކުމަށެވެ. ނަމަވެސް އެ މަސައްކަތް ކާމިޔާބުވެފައެއް ނުވެ އެވެ.
ހޮހަޅައިގައި ތިބި ކުދިން މަޖާ ކުރާ ވީޑިއޯއެއް ވެސް އިއްޔެ ވަނީ އާއްމުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy