ހޮހަޅައިގައި ތިބި ކުދިންނަށް އޮކްސިޖަން ފުޅި ފޯރުކޮށް ދިނުމަށް ފަހު އަނބުރި ހޮހަޅައިން ނުކުންނަން ދަނިކޮށް އޮކްސިޖަން ހުސްވެގެން މަރުވި ސަމަން ގުނާން.
06 ޖުލައި 2018 - 09:52
ބެންކޮކް (ޖުލައި 6) - ތައިލެންޑުގެ ހޮހަޅައިގައި ތާށިވި 12 ކުދިންނާއި ކޯޗު ސަލާމަތް ކުރުމުގައި އެހީތެރިވެދޭން އުޅުނު ތައި ނޭވީގެ ކުރީގެ ޑައިވަރަކު ރޭ ދަންވަރު މަރު ވެއްޖެ އެވެ.
ކުރީގެ ސާޖެންޓެއް ކަމަށްވާ އުމުރުން 38 އަހަރުގެ ސަމަން ގުނާން ރޭ ދަންވަރު ތައިލެންޑް ގަޑިން 2 ޖެހިއިރު މަރުވީ ހޮހަޅައިގައި ތިބި ކުދިންނަށް ބައެއް ތަކެތި ފޯރުކޮށްދިނުމަށް ފަހު އެނބުރި ހޮހަޅައިން ނުކުތުމަށް އައި މަގުމަތީގައި އޮކްސިޖަން ހުސްވެގެންނެވެ.
ކުދިން ސަލާމަތް ކުރުމުގެ މަސައްކަތުގައި އޭނާ ބައިވެރިވީ ވޮލަންޓިއަރެއްގެ ގޮތުންނެވެ. ތަމް ލުއާން ހޮހަޅައިގައި ކުދިން ތާށިވި ފަހުން އެ ކުދިން ސަލާމަތް ކުރުމުގެ އޮޕަރޭޝަން ފެށުމާ އެކު ގުނާންގެ އެހީތެރިކަން ލިބެމުން އަންނަ ކަމަށް ޗިއާން ރައި ޕްރޮވިންސްގެ ޑިޕިއުޓީ ގަވަރުނަރު ޕަސަކޯން ބޫންޔަލަކް ވިދާޅުވި އެވެ. ގުއާންގެ ހަށިގަނޑު ހޮހަޅައިން ނެރެދީފައި ވަނީ އޭނާގެ ޑައިވް ޕާޓްނަރެވެ.
ކުދިން ސަލާމަތް ކުރުމުގެ އޮޕަރޭޝަނުގައި ތަޖްރިބާކާރު ޑައިވަރަކު މަރުވުމަކީ އެ މަސައްކަތުގެ ނުރައްކާތެރިކަން ބޮޑުކަން އަންދައިދޭ ކަމެއް ކަމަށް އޮފިޝަލުން ބުނެ އެވެ. ހޮހަޅައިގެ ތެރޭގައި ބޮޑުވެފައިވާ ފެންގަނޑު ހުރަސްކުރަން ތަޖްރިބާކާރު ޑައިވަރުންނަށް ވެސް ފަސް ގަޑިއިރު ހޭދަވެ އެވެ.
ހޮހަޅައިގައި ތިބި ކުދިންނަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ތައި ނޭވީ ސީލުން ދަނީ ހުއްޓުމެއް ނެތި ކުރަމުން. --ފޮޓޯ: އޭއެފްޕީ
ތައި ސީލް ކޮމާންޑަރެއް ކަމަށްވާ އަކޯން ޔޫކޮންގްކައެ ބުނީ ޑައިވަރަކު މަރުވި ނަމަވެސް ކުދިން ސަލާމަތް ކުރުމުގެ އޮޕަރޭޝަން ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން ބޮޑު ކަމަށެވެ.
ތަޖްރިބާކާރު ޑައިވަރަކު މަރުވެފައިވާ އިރު ފަތަން ވެސް ނޭނގޭ ކުދިންތަކެއް ސަލާމަތް ކުރާނީ ކިހިނެއްތޯ ސުވާލު ކުރުމުން ޔޫކޮންގްކައެ ބުނީ އެ ކުދިންގެ ސަލާމަތަށް އިތުރު ފިޔަވަޅު އަޅާނެ ކަމަށެވެ. ނޭވީ ސީލުން ދަނީ ހޮހަޅައިގައި އެ ކުދިން ތިބި ތަނަށް އޮކްސިޖަން ހޮޅިއެއް އެޅުމުގެ މަސައްކަތް މިހާރު ކުރަމުންނެވެ. އަދި ވަނީ އެ ކުދިންނަށް އޮކްސިޖަން މާސްކް އަޅައިގެން ނޭވާލާނެ ގޮތް ދަސްކޮށްދީފަ އެވެ.
ހޮހަޅައިގެ ތެރޭގައި އުމުރުން 11-16 އަހަރާ ދެމެދުގެ 12 ކުދިންނާއި 25 އަހަރުގެ ކޯޗު ތާށިވީ ޖޫން 23 ވަނަ ދުވަހު އެވެ. އެ މީހުން ހޮހަޅަ އަށް ވަން އިރު މޫސުން ރަނގަޅެވެ. އޭގެ ފަހުން ގަދަޔަށް ވާރޭ ވެހި ހޮހަޅައިގައި ފެންބޮޑުވުމުން އެ ކުދިންނަށް ނުކުމެވޭނެ ގޮތެއް ނެތި ތާށިވީ އެވެ. ނުވަ ދުވަސް ފަހުން އެ ކުދިން ހޯދީ އިނގިރޭސި ވިލާތުގެ ދެ ޑައިވަރުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑިމޮކްރަޓިސްޓް
07 July 2018
އަޅެ ތިހޮހޮޅައިގެ ތަނެއް ފޫވައްޓާލައިގެން، ނޫނި ޕަންޕުޖަހާ ފެންގަނޑު ހިއްކައިގެންވެސް ތިކަމެއް ނުވަނީތަ؟ އަބަދުވެސް ބޭކާރު އެހެން ކަންތައްތައް ކުރާއަޑު މިއިވެނީ!
ދިމް
12 July 2018
ފެން ހިންދަންވެސް މަސައްކަތް ކުރި، ފެން ހިނދެނީ ގަޑިއަކު 1.5 ސެންޓިމީޓަރއަށް
ޔުއާން
07 July 2018
މި ކުދިންތައް މި ހޮހަޅައަށް ވަނީ ކީކުރަންބާ؟ އާޓިކަލް އިން އެކަން ސާފެއްނުވޭ...
ޣފފފފފފ
07 July 2018
އެކްސްޕްލޯ ކުރަން
ޞައްދާމު
06 July 2018
އެކުދީން އެހޮހޮޅައަށް ވަންނަން ޖެހުނު ގޮތް ވެސް ބުނެލަދީފަ އޮތްނަމަ!
ބަލާބަލަ
07 July 2018
ކުރިން އޮންނާނެ އާޓިކަލެއް ލިޔެފަ. އެއިން އެނގޭނެ. ގަދަ ވިއްސާރައިން ސަލާމަތްވާން. އެތަނަށް ވަނީ. ފެން ބޮޑުވާތަނަކަށް ވީމަ ފެނުން ސަލާމަތްވާން ދަމުންދަމުން ގޮސް އެހިސާބަށް ދެވުނީ.
ަސެލް
06 July 2018
ވަރަށް ނުރައްކާ
އެޑަމް
06 July 2018
ކުއްލިއަކަށް ތިތަން ފުން ކަނޑަކަށްވުރެ ފުންތަނަކަށް ތި ބަދަލުވިގޮތް އެއްވެސް ހަބަރަކުން ސާފެއްނުވޭ...
ގަމާރު
07 July 2018
ހަބަރެއް އަޑުއިވި ނުވަތަ އެނގުނީމަ އެކަމެއް ބަލާދިރާސާ ކޮށް އިތުރުމައުލުމާރު އަމިއްލައަށް ހޯދަބަަލަ. ސިކުނޑިޔެއް ދެއްވާ އިންޓާރ ނެޓް ލިބުމުގެ ރޯދި ދެއްވީތީ އޭގެ ބެނުން ހެޔޮގޮތުގަ ހިފާބަލަ.
ބަހުރު
07 July 2018
ގަމާރު ކަން ބޮޑު ވީމާ ވާނީ ތިހެން. ތި ކިޔައި ނިންމާލި ހަބަރުގައި ވެސް އެބައޮތް ފެން ބޮޑުވީ ކިހިނެއއ ވެގެން ކަން