ހޮހަޅައިގައި ކުދިން ތިބި ޗެމްބަރުގައި އޮކްސިން ލެވެލް ދަށް ވަނީ އެ ތަނުގައި މީހުން ގިނަވާތީ ކަމަށްވޭ.
06 ޖުލައި 2018 - 17:30
ބެންކޮކް (ޖުލައި 6) - ތައިލެންޑުގައި 12 ކުދިންނާއި ފުޓުބޯޅަ ކޯޗު ތާށިވެފައި ތިބި ހޮހަޅައިގެ ޗެމްބަރުގައި އޮކްސިޖަން ލެވެލް ދަށަށް ދާން ފަށައިފި އެވެ.
އޮފިޝަލުން ބުނެފައި ވަނީ ހޮހަޅައިގައި އެ ކުދިން ތިބި ހިސާބުގައި އޮކްސިޖަން ލެވެލް މިހާރު ހުރީ 15 ޕަސެންޓުގައި ކަމަށެވެ. އޮކްސިޖަންގެ އާއްމު ލެވެލް އަކީ 21 ޕަސެންޓެވެ.
އޮފިޝަލުން ބުނެފައި ވަނީ ކުދިން ތިބި ޗެމްބަރުން އޮކްސިޖަން ލެވެލް ދަށްވުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. ޗިއާން ރައި ޕްރޮވިންސްގެ ގަވަރުނަރު ނަރޮންގްސަކް އޮސޮތަނަކޯން ވިދާޅުވީ އޮކްސިޖަން ލެވެލް ދަށަށް ދިއުމުގެ މައިގަނޑު ސަބަބަކީ ހޮހަޅައިގެ ތެރޭގައި މީހުން ގިނަވުން ކަމަށެވެ. ކަމާ ބެހޭ ފަރާތްތަކުން މިހާރު ދަނީ ހޮހަޅައިގައި ތިބި ކުދިންނަށް އޮކްސިޖަން ސަޕްލައި ކުރުމަށް ފަސް ކިލޯ މީޓަރު (ތިން މޭލު) ގެ ކޭބަލެއް އުޅުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ހޮހަޅައިގައި ތިބި ކުދިންނާއި އެ ކުދިންގެ އާއިލާތަކާ ވާހަކަ ދެއްކުމަށް ފައިބަ އޮޕްޓިކް ކޭބަލެއް އެޅުމުގެ މަސައްްކަތް ވެސް ދަނީ ކުރިއަށެވެ.
ތައި ނޭވީ ސީލުން ދަނީ ހޮހަޅައިގައި ތިބި ކުދިންނަށް އޮކްސިޖަން ފުޅިތައް ފޯރުކޮށް ދެމުން. --ފޮޓޯ:ސީއެންއެން
އޮކްސިޖަން ލެވެލް 21 ޕަސެންޓުގައި ނަމަ ނޭވާލާން އުނދަގުލެއް ނުވާނެ އެވެ. ނަމަވެސް 19.5-16 ޕަސެންޓާ ދެމެދު ނަމަ ނޭވާލާން ދަތިވެ ހާޓް ރޭޓް މަތިވާނެ އެވެ. އޮކްސިޖަން ލެވެލް 16-12 ޕަސެންޓުގައި ނަމަ ރެސްޓް ކުރާ އިރު ވެސް ނޭވާލާން ދަތިވެ ހާޓް ރޭޓް މަތިވާނެ އެވެ. އޮކްސިޖަން ލެވެލް 10-6 ޕަސެންޓުގައި ނަމަ ކާހިތް ކެނޑި، ހޮޑުލަވައި ގޮތްވެ، ވަރުބަލިވެ އަދި ބައެއް ފަހަރު ހޭނެތުން އެކަށީގެންވެ އެވެ. އޮކްސިޖަން ހަ ޕަސެންޓަށް ވުރެ ދަށްވެއްޖެ ނަމަ ފިޓްޖެހި، ނޭވާ ހުއްޓި އޭގެ ފަހުން ހިތް ހުއްޓުން ފަދަ ހާލަތަކަށް ދާނެ އެވެ.
ހޮހަޅައިގައި ތިބޭތާ ނުވަ ދުވަސް ފަހުން އެ ކުދިން ހޯދި ފަހުން ކާނާ އާއި ބޭސް ގެންދަނީ ބަރާބަރަށް ފޯރުކޮށްދެމުންނެވެ. ނަމަވެސް އޮފިޝަލުންނަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ހޮހަޅައިން ކުދިން ނެރޭނެ ގޮތެކެވެ. ޑައިވްކޮށްގެން ނެރުމުގެ ރިސްކް ވަރަށް ބޮޑެވެ. އޭގެ ތެރޭން ގިނަ ކުދިންނަށް ފަތަން ވެސް ނޭނގެ އެވެ. އެހީ ދިނުމުގައި އުޅުނު ޑައިވަރަކު މަރުވުމުން އެކަންބޮޑުވުން އަދި މާބޮޑެވެ. ޑައިވަރު މަރުވި ޚަބަރު ހޮހަޅައިގައި ތިބި ކުދިންނަށް ދީފައެއް ނުވެ އެވެ.
މިދިޔަ މަހު 23 ވަނަ ދުވަހު 12 ކުދިން ހޮހަޅަ އަށް ވަން އިރު މޫސުން ރަނގަޅެވެ. ނަމަވެސް އޭގެ ފަހުން ބޯކޮށް ވާރޭ ވެހި ހޮހަޅައިގައި ފެންބޮޑުވުމުން އަނބުރާ ނުކުމެވޭނެ ގޮތް ނުވެ އެ ކުދިން ތިބެން ޖެހުނީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޫސް ކިޔާމީހާ
08 July 2018
ވަރަށް ދެރަ ކަމެއް ތިޔައީ
ޟިން
06 July 2018
ޢާމީ ޑައިވަރެއް ވެސް މަރުވެފަ ވީ މިހާރު. ޢޮކްސިޖަން ހުސްވެގެން. ޥ ދެރަ
ޙަދީޖާ
06 July 2018
އަޅުގަނޑު މި ހަބަރު މިހާރު ނިއުސް އިން ފޮލޯ ކުރަން. ޝުކުރިއްޔާ މިހާރު ނިއުސް.
1828
06 July 2018
ހިތާމަވެރި ޚަބަރެއް.