ހޮހަޅައިގައި ތިބި ކުދިން ވީޑިއޯ މެސެޖެއްގައި އެ މީހުން އަމިއްލަ އަށް ތައާރަފް ވަނީ. --ފޮޓޯ:އޭއެފްޕީ
07 ޖުލައި 2018 - 16:28
ބެންކޮކް (ޖުލައި 7) - މައިންބަފައިންނާއި އާއިލާގެ މީހުން ދެރަނުވުމަށް އެދި ތައިލެންޑުގެ ހޮހަޅައިގައި ތާށިވެފައި ތިބި ކުދިން އަސަރުގަދަ ސިޓީއެއް ފޮނުވައިފި އެވެ.
"މަންމަމެން ބައްޕަމެން ދެރަނުވޭ. އަހަރެމެން މިތިބީ ވަރަށް ހިތްވަރުގައި،" އެއް ކުއްޖެއްގެ ސިޓީގައިވެ އެވެ. އެ ކުއްޖާގެ ސިޓީގައި ޖޯކަކަށް ދެން އެދިފައި ވަނީ ޓީޗަރު މާގައިން ހޯމްވޯކް ނުދިނުމަށެވެ.
އެ ކުދިންނާ އެކު ހޮހަޅަ އަށް ވަން ފުޓުބޯޅަ ކޯޗު ވަނީ 12 ކުދިންގެ ބެލެނިވެރިންގެ ކިބައިން މައާފަށް އެދި ސިޓީއެއް ފޮނުވައިފަ އެވެ. ނަމަވެސް ޖަވާބުގައި ބެލެނިވެރިން ފޮނުވި ސިޓީގައި ވަނީ އެ މީހުން އެއްގޮތަކަށް ވެސް ކޯޗު ކުށްވެރި ނުކުރާ ކަމަށް ބުނެފަ އެވެ.
ހޮހަޅައިގައި ތިބި ކުދިން އަތުން ލިޔެފައިވާ ސިޓީ ބެލެނިވެރިންނަށް އިއްޔެ ހަވާލުކުރީ އިނގިރޭސި ޑައިވަރުންނެވެ. ނަމަވެސް ތައި ނޭވީ ސީލުން އެ ސިޓީތައް އާއްމު ކުރީ މިއަދު އެވެ.
"އަހަރެންނާ މެދު ހިތާމަ ނުކުރޭ. އަހަރެންގެ ހާލު ރަނގަޅު،" ވަނަމެއްގެ ގޮތުގައި ޕޮންގް ބޭނުންކުރާ ކުއްޖެއްގެ ސިޓީގައި ލިޔެފައިވެ އެވެ.
"މަންމަ އާއި ބައްޕަ ދެކެ ނިކް ވަރަށް ލޯބިވޭ. އަހަރެންނަށް ހޮހަޅައިން ނުކުމެވިއްޖެ ނަމަ ތައި ބާބެކިއު ގެނެސް ދެއްޗެ،" އެހެން ކުއްޖެއްގެ ސިޓީގައި ލިޔެފައިވެ އެވެ.
ހޮހަޅައިގައި ތިބި ކުދިން އެ ކުދިންގެ ބެލެނިވެރިންނަށް ފޮނުވި ސިޓީއެއް. --ފޮޓޯ:އޭއެފްޕީ
ކޯޗު އެކަޕޯލް ޗަންޓަވޮންގެ ސިޓީގައި، ހުރިހާ ކުދިންގެ ބެލެނިވެރިންނާ މުޚާތަބްކޮށް ވަނީ ހޮހަޅައިގައި ތިބި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް ބުނެފަ އެވެ. އަދި ރެސްކިއު ޓީމުން އެ މީހުންނާ މެދު ކަންތައް ކުރަމުން ދަނީ ވަރަށް ރަނގަޅަށް ކަމަށް ބުނެފައިވެ އެވެ.
"އަޅުގަނޑަށް ވެވުނު އެންމެ ރަނގަޅަކަށް މި ކުދިންނަށް ކަންތައް ކޮށްދޭނެ ކަމަށް ވައުދުވަން. އަދި ތިޔަ ހުރިހާ ބެލެނިވެރިންގެ ކިބައިން އަހަރެން މައާފަށް އެދެން،" ކޯޗުގެ ސިޓީގައި ބުނެފައިވެ އެވެ.
ބެލެނިވެރިން ފޮނުވި ސިޓީތަކުގައި ވަނީ އެ މީހުން އެއްގޮތަކަށް ވެސް ރުޅި ނާންނަ ކަމަށް ކޯޗު ގާތު ބުނުމަށް ކުދިންގެ ކިބައިން އެދިފަ އެވެ.
ހޮހަޅައިގެ ތެރޭގައި ފޯނުލައިނެއް ގާއިމްކޮށްގެން މުއާސަލާތު ކުރަން ކުރަމުންދާ މަސައްކަތް އަދި ކާމިޔާބުވެފައެއް ނުވެ އެވެ.
ފުޓުބޯޅަ ޕްރެކްޓިސް ނިންމާލުމަށް ފަހު އުމުރުން 11-16 އަހަރާ ދެމެދުގެ 12 ކުދިންނާއި 25 އަހަރުގެ ކޯޗު ހޮހަޅަ އަށް ވަނީ ޖޫން 24 ވަނަ ދުވަހު އެވެ. ނަމަވެސް އެ މީހުން ހޮހަޅައަށް ވަން ފަހުން ވިއްސާރަވެ ހޮހަޅައިގެ ތެރޭގައި ފެންބޮޑުވެ އެނބުރި އާދެވޭނެ ގޮތެއް ނެތި ތާށިވީ އެވެ. ނުވަ ދުވަސް ފަހުން އެ ކުދިން ހޯދީ އިނގިރޭސި ވިލާތުގެ ދެ ޑައިވަރެކެވެ.
އޭގެ ފަހުން ހޮހަޅައިގައި ތިބި ކުދިންނަށް ކާނާ އާއި ބޭސް ދަނީ ފޯރުކޮށްދެމުންނެވެ. އެ ކުދިން ތިބި ޗެމްބަރުގެ އޮކްސިޖަން ލެވެލް ދަށްވާތީ މިހާރު ވަނީ އޮކްސިޖަން ހޮޅިއެއް އަޅައިފަ އެވެ.
ކުދިންނަށް އެހީ ފޯރުކޮށްދޭން އުޅުނު ތައި ނޭވީގެ ކުރީގެ ޑައިވަރަކު މަރުވުމުން އިތުރު ކަންބޮޑުވުންތަކެއް ވަނީ އުފެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗެލްސީ
07 July 2018
އެއްވެސް އިންސާނަކަށް އެމީހަކަށް ނުއުފުލޭނެ ތަކުލީފެއް ނުޖައްސަވައެވެ.. ތިޔަކުދިން ސަލާމަތުން ލެއްވީ ހެއްދެވިފަރާތުގެ ރަހުމަތުންކަމުގައި ވިސްނައި އިބުރަތް ހާސިލްކުރާށެވެ..