މެލޭޝިއާގެ ބޮޑު ވަޒީރު މަހާތިރު މުހައްމަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ
07 ޖުލައި 2018 - 16:56
ކުއާލަ ލަމްޕޫރު (ޖުލައި 7) - ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ މައްޗަށް ތުހުމަތުކޮށްފައިވާ ކޮރަޕްޝަނުގެ މައްސަލާގައި ގާނޫނުގައި އޮތް ގޮތެއްގެ މަތިން އަމަލު ކުރާނެ ކަމަށް ބޮޑު ވަޒީރު މަހާތިރު މުހައްމަދު ވިދާޅުވެއްޖެ އެވެ.
"ނަޖީބުގެ މައްޗަށް އެކަށީގެންވާ ހެކި ހުރި ނަމަ އެޓާނީ ޖެނެރަލް ދައުވާ ކުރާނެ. އިންތިޚާބުގައި އަޅުގަނޑުމެންގެ އެންމެ ބޮޑު ވައުދަކީ ވެސް ބާރުތައް ވަކިވެފައިވާ ނިޒާމެއް ގާއިމް ކުރުން. ވެރިކަން ހިންގުމުގެ ބާރާއި ޝަރުނީ ނިޒާމާއި ގާނޫނު ހެދުމުގެ ބާރު ވަކިވެ އެއްބާރު އަނެއް ބާރުގެ މައްޗަށް ނުފޫޒު ނުފޯރުވުން. އެހެންވެ އެޓާނީ ޖެނެރަލް ކުރަން ބޭނުންވާ ކަމަކަށް ބޮޑު ވަޒީރަކަށް ހުރަހެއް ނޭޅޭނެ،" މަހާތިރު ވިދާޅުވި އެވެ.
މެލޭޝިއާގެ އިންވެސްޓްމަންޓް ބޭންކް 1އެމްޑީބީގެ ބޮޑު ކޮރަޕްޝަނުގައި ނަޖީބުގެ މައްޗަށް މިހާރު ވަނީ ދައުވާކޮށްފަ އެވެ. އެ ބޭންކުން ނަޖީބުގެ އަމިއްލަ އެކައުންޓަށް ވަނީ ގާތްގަނޑަކަށް 700 މިލިއަން ޑޮލަރު ޖަމާކޮށްފަ އެވެ. ނަޖީބުގެ ވެރިކަމުގައި ނިންމާފައި ވަނީ އެއީ ސައުދީން ދިން އެހީއެއް ކަމަށެވެ.
މަހާތިރު ވިދާޅުވީ ނަޖީބު މައްސަލަ ސައުދީން ދޮގު ނުކުރާތީ އޭނާ ހިތާމަ ކުރައްވާ ކަމަށާއި ނަމަވެސް އެ މައްސަލާގައި ސައުދީގެ އެއްވެސް ރޯލެއް އޮތް ކަމަށް މިހާތަނަށް ސާބިތުވެފައި ނުވާ ކަމަށެވެ.
މެއި 9 ވަނަ ދުވަހު ބޭއްވި އިންތިޚާބުން ނަޖީބަށް ނާކާމިޔާބުވުމުގެ އެންމެ ބޮޑު ސަބަބަކީ ވެސް ސަރުކާރުގެ ކޮރަޕްޝަން ބޮޑުވުމެވެ. ނަޖީބާއި އޭނާގެ އަނބިކަނބަލުންނާ ގުޅުން ހުރި ތަންތަނުން ފެނުނު ތަކެތީގެ އަގު 273 މިލިއަން ޑޮލަރަށް އަރާ ކަމަށް މެލޭޝިއާ ފުލުހުން ދާދި ފަހުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy