ހޮހަޅައިން ފެން ހިންދުމުގެ މަސައްކަތް ތައިލެންޑް ސިފައިން ދަނީ މެދުކެނޑުމެއް ނެތި ކުރަމުން. --ފޮޓޯ: ރޮއިޓާސް
07 ޖުލައި 2018 - 18:14
ބެންކޮކް (ޖުލައި 7) - ތައިލެންޑުގައި ކުދިން ތާށިވެފައިވާ ހޮހަޅައިގައި ބޮޑުވެފައިވާ ފެންގަނޑު ހިންދެނީ ގަޑިއަކު އެވްރެޖްކޮށް 1.5 ސެންޓި މީޓަރަކަށް ކަމަށް ތައި ނޭވީ ސީލުން ބުނެފި އެވެ.
ހޮހަޅައިން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ އިރު ފެންގަނޑު އަޑި ނުވަނީ ބޯކޮށް ވާރޭ ވެހެމުންދާތީ އެވެ. ތައިލެންޑް ސިފައިން ބުނެފައި ވަނީ ބުރާސްފަތި ދުވަހާ ހަމައަށް 128 މިލިއަން ލިޓަރުގެ ފެން ހޮހަޅައިގެ ތެރޭން ހިއްކާފައިވާ ކަމަށެވެ. ފެންގަނޑު އަޑިކުރުމުން ރެސްކިއު ޓީމުތަކަށް ހޮހަޅައިގެ ތެރޭގައި މިހާރު 1.5 ކިލޯ މީޓަރު (0.9 މޭލު) އަށް ހިނގާލާފައި ދެވެ އެވެ. ނަމަވެސް މާދަމާ މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭތީ ހޮހަޅައިގެ ތެރޭގައި ފެންގަނޑު އަނެއްކާ ވެސް ބޮޑުވެދާނެ ކަމުގެ ބިރު މިހާރު ވަނީ ހީވެފަ އެވެ.
ހޮހަޅައިގައި ތިބި 12 ކުދިންނާއި ކޯޗު ސަލާމަތް ކުރެވެން އޮތީ ފެންގަނޑު ހިނދުމުންނެވެ. އެކަމަށް މަސްތަކެއް ނަގާނެ އެވެ. ތައިލެންޑަށް ވިއްސާރަ މޫސުން އޮކްޓޯބަރާ ހަމައަށް ދެމިގެންދެ އެވެ. ނޫނީ ޖެހޭނީ އެ ކުދިންނަށް ޑައިވްކުރަން ދަސްކޮށްދީގެން ފީނައިގެން ނެރޭށެވެ. މިއީ އެންމެ ނުރައްކާ ބޮޑު ގޮތެވެ. ހޮހަޅައިން ނުކުންނަން އުޅުނު ތަޖްރިބާކާރު ޑައިވަރަކު ހުކުރު ދުވަހު ވަނީ އޮކްސިޖަން ހުސްވެގެން މަރުވެފަ އެވެ. ހޮހަޅައިގެ ހިމަ ތަންތަނުން ދެމި ގަތުމަކީ ތަޖްރިބާކާރު ޑައިވަރުންނަށް ވެސް އުނދަގޫ ކަމެކެވެ. އެ ކުދިން ތިބި ތަނުން ފެންގަނޑު ތެރޭން ހޮހަޅަ އިން ނުކުތުމަށް ފަހެއް ނުވަތަ ހަ ގަޑިއިރު ހޭދަވެ އެވެ.
ހޮހަޅައިގައި ތިބި ކުދިން މިދިޔަ ހޯމަ ދުވަހުގެ ރޭ ހޯދީ އިނގިރޭސި ވިލާތުގެ ތަޖްރިބާކާރު ދެ ޑައިވަރުންނެވެ. އެ ކުދިން ތިބީ ހޮހަޅަ އަށް ވަންނަ ދިމާލުން ފެށިގެން ހަތަރު ކިލޯ މީޓަރު (2.5 މޭލު) ދުރުގަ އެވެ.
މިދިޔަ މަހު 23 ވަނަ ދުވަހު އެ ކުދިން ހޮހަޅަ އަށް ވަނީ ފުޓުބޯޅަ ޕްރެކްޓިސް ނިންމާލުމަށް ފަހު އެވެ. ނަމަވެސް ހޮހަޅަ އަށް ވަން ފަހުން ބޯކޮށް ވާރޭ ވެހި ހޮހަޅައިގައި ފެންބޮޑުވުމުން ނުކުމެވޭނެ ގޮތެއް ނެތި ތާށިވީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮނިކަލޯ
08 July 2018
ރާއްޖެއިން މިކަން ހައްލު ކޮށްދެވޭނެ ޤާބިލު ކަން ހުރި ރެސްކިއު ޓީމެއް ފޮނުވައި މިކަން ނިމުމަކައް ގެނެސްދޭން ވީނޫންތޯ
ބޮޑުވަރު
08 July 2018
މަޖާ ކަމެއް ވެއްޖެ ބާ؟ ކޮންމެ ކަމަކަށް ވެސް ބޭނި ގަންނާތި..