ދުނިޔެ / ތައިލެންޑްގެ ހޮހަޅައިގައި ކުދިންތަކެއް ތާށިވުން

ހޮހަޅައިން ކުދިން ނެރުން: އެންމެ އުނދަގޫވާނީ ޓީ-ޖަންކްޝަން ޕޮއިންޓް

ތަމް ލުއާން ހޮހަޅައިގެ ތެރޭގައި ތައި ނޭވީ ސީލްގެ ޑައިވަރަކު ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ

ބެންކޮކް (ޖުލައި 8) - ތައިލެންޑުގެ ތަމް ލުއާން ހޮހަޅައިގައި ތާށިވެފައި ތިބި 12 ކުދިންނާއި ކޯޗު ނެރުމުގެ ނުރައްކާ ބޮޑު އަދި އުނދަގޫ އޮޕަރޭޝަން ޑައިވަރުން މިއަދު ފެށިއިރު އެންމެ އުނދަގޫ ޕޮއިންޓަކަށް ދިމާވާނީ ހޮހަޅައިގެ ތެރޭގައިވާ ޓީ-ޖަންކްޝަން ކަމަށް އޮފިޝަލުން ބުނެފި އެވެ.

ހޮހަޅައިގެ ތެރޭގައިވާ ޓީ-ޖަންކްޝަން ނުވަތަ ތައިލެންޑް ބަހުން ކިޔާ ގޮތުން ނަމަ ސަމް ޔަކް ޕަސެޖްވޭ ހުރަސް ކުރުމަކީ އެންމެ ނުރައްކާ މަރުހަލާ އެވެ. އެ ހަނި ދޭތެރެއިން ނުކުންނަން ޖެހޭނީ ފިތިގެން ކަހަލަ ގޮތަކަށެވެ. އެހެންވެ އޮޕަރޭޝަން ކޮމާންޑަރު މޭޖާ ޖެނެރަލް ޗަލޮންގްޗައި ޗައިޔަކޯން ވެސް ވިދާޅުވީ ކުދިން ނެރުމުގެ މަސައްކަތް ނިންމަން ދެތިން ދުވަސް ނަގާނެ ކަމަށެވެ. ކުދިން ނެރުމުގައި ދިމާވާނެ ބައެއް ދަތިތައް ތިރީގައި އެ ވަނީ އެވެ.

ހޮހަޅައިގައި ތިބި ކުދިން ޑައިވްކޮށްގެން ނެރޭނެ ގޮތް.

ޑައިވިން ކުރުމުގެ ގާބިލްކަން

ހޮހަޅައިގައި ތިބި އުމުރުން 11-16 އަހަރާ ދެމެދުގެ 12 ކުދިންނާއި ކޯޗުގެ ޑައިވިން ކުރުމުގެ އެއްވެސް ތަޖްރިބާއެއް ނެތެވެ. ބައެއް ކުދިންނަށް ފަތަން ވެސް ނޭނގެ އެވެ. އެކަމަކު ވޭތުވެދިޔަ ދެތިން ދުވަހު އެ ކުދިންނަށް ވަނީ ޑައިވް ކުރުމުގެ ޓްރޭނިން ދީފަ އެވެ. ހޮހަޅައިން ނުކުތުމަށް ކަނު އަނދިރީގައި އެ ކުދިން ސްކޫބާ ޑައިވް ކުރަން ޖެހޭނެ އެވެ. މިއީ އެލީޓް ޑައިވަރުންނަށް ވެސް ޗެލެންޖެކެވެ. މި ކަމުގެ ނުރައްކާ އެކުލެވިގެންވާ މިންވަރަކީ ކުދިންނަށް އެހީ ދިނުމުގައި އުޅުނު ނޭވީގެ ކުރީގެ ޑައިވަރަކު އޮކްސިޖަން ހުސްވެގެން ހުކުރު ދުވަހު މަރުވުމެވެ.

ކުދިން ސަލާމަތް ކުރުމުގައި ދުނިޔޭގެ ފެންވަރުގެ 13 ޑައިވަރުންނާއި ތައި ނޭވީ ސީލްގެ ފަސް ޑައިވަރުން ހަރަކާތްތެރިވެ އެވެ. ކޮންމެ ކުއްޖަކާ އެކު ދެ ޑައިވަރުން ހަރަކާތްތެރިވާނެ އެވެ.

ތައިލެންޑުގެ ހޮހަޅަ އަށް ގެއްލުނު ކުދިން ފެނުނު ސަރަހައްދު.

ޓީ-ޖަންކްޝަން

ސަމް ޔަކް ޕެސެޖްވޭ ހުރަސް ކުރާ އިރު އެންމެ އުނދަގޫވާނީ ޓީ-ޖަންކްޝަން ކަމަށް ތަޖްރިބާކާރުން ބުނެ އެވެ. ރެސްކިއު މިޝަންގެ ކޮމާންޑަރު ނަރޮންގްސަކް އޮސޮޓަނަކޯން ވިދާޅުވީ އެންމެ އުނދަގޫވާނީ ޓަނަލްގެ ހަނި ދޭތެރެއިން ޑައިވް ކުރާ އިރު މައްޗަށް އަރައި ތިރިއަށް ފޭބުމަށް ކަމަށެވެ. ޓީ-ޖަންކްޝަނަށް ފަހު ޓަނަލް ފުޅާވެ އެވެ. އަދި އެ ހިސާބުގައި ހިނގާލެވޭ ވަރަށް ފެންގަނޑު އަޑިވެފައިވެ އެވެ.

ހޭދަވާނެ ވަގުތު

ހޮހަޅައިން ފުރަތަމަ ކުއްޖާ ނެރެވޭނެ ކަމަށް ބެލެވެނީ ތައިލެންޑް ގަޑިން މިރޭ 9 ޖަހާއިރު (ރާއްޖޭ ގަޑިން 7 ޖަހާއިރު) އެވެ. މިއީ އޮފިޝަލުން ދީފައިވާ މައުލޫމާތުގެ އަލީގައި ކޮށްފައިވާ އެސްޓިމޭޓެކެވެ. ޑައިވަރުން ބުނެފައި ވަނީ ކުދިން ތިބި ތަނަށް ދިއުމަށް ފަސް ގަޑިއިރު އަދި އެނބުރި އައުމަށް ހަ ހަޑިއިރު ހޭދަވާނެ ކަމަށެވެ.

ކުދިން ފެނުނު އިރު ބަލިކަށިކޮށް ތިބި ނަމަވެސް މިހާރު ވަނީ ކާނާ އާއި ބޭސް ދީގެން ވަރުޖައްސައިފަ އެވެ.

ތަމް ލުއާން ހޮހަޅައިގެ ތެރޭގައި ތައި ނޭވީ ސީލްގެ ޑައިވަރުން ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ

ފެންގަނޑުގެ ނުސާފުކަން

ހޮހަޅައިގެ ތެރޭގައި ވަނީ ކިސަޑު ފެނެވެ. އެއް ޑައިވަރަކު ހޮހަޅައިގެ ފެންގަނޑު ސިފަކޮށްފައި ވަނީ ކެފޭ ލާޓޭގެ ގޮތުގަ އެވެ. ހޮހަޅައިގެ ތެރެއަށް ބޭރުން އަލިކަމެއް ވަންނާނެ އެއްވެސް ގޮތެއް ނެތެވެ. ހޮހަޅައިގެ ތެރޭގައި އެ ކުދިންނަށް މަގު ދައްކުމަށް ވަނީ ވާގަނޑެއް ހަރުކޮށްފަ އެވެ. ދެން މަގު އަލިކުރާނީ ޑައިވަރުންގެ ޓޯޗު ބައްތިންނެވެ.

މޫސުން ގޯސްވުން

ކުދިން ސަލާމަތް ކުރުމުގެ އޮޕަރޭޝަން ފެށުން ލަސްވީ ވެސް މޫސުން ގޯސްވުމުންނެވެ. ވާރޭ ވެހި ހޮހަޅައިގެ ތެރޭގައި ބޮޑުވެފައިވާ ފެންގަނޑުން 100 މިލިއަނަށް ވުރެ ގިނަ ލިޓަރުގެ ފެން ވަނީ ހިންދައިފަ އެވެ. ޑިޒާސްޓާ ޕްރިވެންޝަން އެންޑް މިޓިގޭޝަން ޑިޕާޓްމަންޓުން ބުނީ ހޮހަޅައިގެ ތެރޭން ފެންގަނޑު ހިނދެން ފަށާފައިވާ ކަމަށެވެ. ނަމަވެސް މޫސުން ގޯސްވެ ވާރޭ ބޯކޮށްލައިފި ނަމަ އަނެއްކާ ވެސް ފެންގަނޑު ބޮޑުވުމުގެ ބިރު އެބައޮތެވެ. ހޯމަ ދުވަހުން ފެށިގެން ބުރާސްފައްޗާ ހަމައަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

2 ކޮމެންޓް, 85 ރިއެކްޝަންސް

icon happy icon happy 15%
icon sad icon sad 85%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލަކުޑީބޯ

08 July 2018

އެބުނާހާ އުނދަގުލެއް ނުވާނެ..އަޅުގަނޑަށް ފުރުސަތު ލިބުނުނަމަ.

The name is already taken The name is available. Register?

ފުރަތަމަ އަމިއްލަ

09 July 2018

ފުރަތަމަ އަމިއްލަ އަތް ވެސް ނުފެންނާނެ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454