ހޮހަޅައިން ކުދިން ސަލާމަތް ކުރުމުގެ އޮޕަރޭޝަނުގައި އިނގިރޭސި ވިލާތުގެ ހަތް ޑައިވަރުން ބައިވެރިވި. --ފޮޓޯ:ރޮއިޓާސް
14 ޖުލައި 2018 - 16:28
ލަންޑަން (ޖުލައި 14) - ތައިލެންޑުގެ ހޮހަޅައިގައި ތާށިވެފައި ތިބި ކުދިން ސަލާމަތް ކުރުމުގައި އުޅުނު އިނގިރޭސި ޑައިވަރަކު ބުނަނީ އެ ބޮޑު އޮޕަރޭޝަން ކާމިޔާބު ކަމާ އެކު ނިންމާލެވުނު ނަމަވެސް އޭނާ އަކީ ބަތަލެއް ނޫން ކަމަށެވެ.
ކޮވެންޓްރީ އަށް ނިސްބަތްވާ ރިކް ސްޓެންޓަން ބުނީ ކުދިން ސަލާމަތް ކުރެވުނީ އާދަޔާޚިލާފު ހުނަރުތަކެއް ބޭނުންކޮށްގެން ކަމަށެވެ. ހޮހަޅައިގައި ތާށިވެފައި ތިބި ކުދިން ސަލާމަތް ކުރުމުގައި އުޅުނު ސްޓެންޓަން އާއި އިނގިރޭސި ވިލާތުގެ އެހެން ޑައިވަރުން އިއްޔެ ވަނީ އެނބުރި ގައުމަށް ގޮހެވެ.
ހޮހަޅައިގައި ތިބި ކުދިން ނުވަ ދުވަސް ފަހުން ފުރަތަމަ ފެނުނީ ސްޓެންޓަން އާއި އިނގިރޭސި އަނެއް ޑައިވަރު ޖޯން ވޮލަންތެން އަށެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަމުން ސްޓެންޓަން ބުނީ މި ކަހަލަ އޮޕަރޭޝަނެއް މީގެ ކުރިން ހިންގާފައި ނުވާ ކަމަށެވެ.
"އެކަމަކު އަޅުގަނޑުމެންނަށް ޔަގީން ކުރެވުނު ރަނގަޅު ޓީމެއް އޮތްކަން. ތައިލެންޑުގެ ކަމާބެހޭ ފަރާތްތަކުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުން ދިޔަ. އެހެންވެ އެންމެ ރަނގަޅަށް އެ އޮޕަރޭޝަން ހިންގޭނެ ކަމުގެ ޔަގީންކަން އޮތް،" ސްޓެންޓަން ބުންޏެވެ.
ހޮހަޅައިގައި ތިބި ކުދިން ފުރަތަމަ ފެނުނު ވަގުތު ކުރެވުނު އިހްސާސް އަކީ ކޮބައިތޯ ނޫސްވެރިން ސުވާލު ކުރުމުން ސްޓެންޓަން ބުނީ އެ ކުދިން ސަލާމަތުން ތިބުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނު ކަމަށެވެ. އޭނާ ބުނީ އެ ކުދިން ފެނުމާ އެކު އިތުރު ޑައިވަރުން ބަލައި ދިޔައިރު ވެސް ވިސްނި އެއް ކަމަކީ ކުދިން ސަލާމަތް ކުރާނެ ގޮތަކާ މެދު ކަމަށެވެ.
"އެ ކުދިން ސަލާމަތް ކުރުމުގައި ބޭނުންކުރި އެންމެ މުހިންމު އެކައްޗަކީ ފުލް ފޭސް މާސްކް. އޭރުން އެ ކުދިންނަށް ހަމަޖެހިލައިގެން ނޭވާ ލެވި، ހާސްނުވެ އޮވެވޭނެ. މުޅި އޮޕަރޭޝަން ކާމިޔާބުވަން ދެން ފަހަރަކު ފިޔަވަޅެއް ވަރަށް ރަނގަޅަށް އަޅަމުން ދިޔައީ،" ސްޓެންޓަން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy