ހޮހަޅައިގައި ތާށިވި ވައިލްޑް ބޯސް ފުޓުބޯޅަ ޓީމުގެ 12 ކުދިން: ބުރާސްފަތި ދުވަހު ހޮސްޕިޓަލުން ދޫކޮށްލާނެ.
15 ޖުލައި 2018 - 09:24
ބެންކޮކް (ޖުލައި 15) - ތައިލެންޑުގެ ޗިއާން ރާއީ ޕްރޮވިންސްގެ ތަމް ލުއާން ހޮހަޅައިގައި ތާށިވެފައި ތިބޭތާ 17 ދުވަސް ފަހުން އުނދަގޫ އަދި ނުރައްކާ އޮޕަރޭޝަނަކަށް ފަހު ސަލާމަތް ކުރި 12 ކުދިންނާއި ކޯޗު އަންނަ ބުރާސްފަތި ދުވަހު ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓަރު ޕިޔަސަކޮލް ސަކޮލްސަތަޔަޑޯން ވިދާޅުވެއްޖެ އެވެ.
ވައިލް ބޯސް ފުޓުބޯޅަ ޓީމުގެ ފަހު ގްރޫޕް ހޮހަޅައިން ނެރެފައި ވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. އެ ކުދިންނަށް މިހާރު ދަނީ ޗިއާން ރާއީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. އެއްވެސް ކުއްޖެއްގެ ސިއްހީ މައްސަލައެއް ނެތެވެ. ނަމަވެސް ޕިޔަސަކޮލް ވިދާޅުވީ އެ ކުދިން ގެއަށް ދޫކޮށްލާއިރު މީޑިއާތަކުން ކުރިމަތިކުރާނެ ޕްރެޝަރަށް ތައްޔާރުކޮށްފައި ބައިތިއްބަން ޖެހޭނެ ކަމަށެވެ.
"ބާރަ ކުދިންނާއި ކޯޗު މި މަހު 19 ވަނަ ދުވަހު ހޮސްޕިޓަލުން ދޫކޮށްލާނެ. އޭގެ ކުރިން އެ ކުދިންނާއި އެ މީހުންގެ އާއިލާތަކަށް މީޑިއާ އިން ދޭނެ ސަމާލު ކަމަށް ތައްޔާރުކޮށް ދޭން ޖެހޭނެ،" ޕިޔަސަކޮލް ވިދާޅުވި އެވެ.
ހޮސްޕިޓަލްގައި ތިބި ކުދިންގެ އާއިލާތަކުން އެ ކުދިން ދެކިލުމުގެ ފުރުސަތު މިދިޔަ ބުދަ ދުވަހު ވަނީ ދީފަ އެވެ. ނަމަވެސް އެއްވެސް ކުއްޖަކާ ބައްދަލުކުރުމުގެ ފުރުސަތެއް ނުދެ އެވެ. މާސްކް އަޅައިގެން ހުރިހާ ކުދިން ވެސް ހޮސްޕިޓަލްގައި ތިބި އިރު ބެލެނިވެރިން ތިބީ ބިއްލޫރި ޕާޓިޝަނެއްގެ ބޭރުގަ އެވެ.
އުމުރުން 11-17 އަހަރާ ދެމެދުގެ 12 ކުދިންނާއި 25 އަހަރުގެ ކޯޗު ހޮހަޅައިގައި ތާށިވީ މިދިޔަ މަހު 23 ވަނަ ދުވަހު އެވެ. ނުވަ ދުވަސް ފަހުން މި މަހު 2 ވަނަ ދުވަހު އެ މީހުން ހޯދީ އިނގިރޭސި ވިލާތުގެ ދެ ޑައިވަރުންނެވެ. އެ ކުދިންގެ ތެރޭން ފުރަތަމަ ހަތަރު ކުދިން ހޮހަޅައިން ނެރުނީ މިދިޔަ އާދިއްތަ ދުވަހު އެވެ. ދެ ވަނަ ހަތަރު ކުދިން ހޯމަ ދުވަހު އަދި އެންމެ ފަހު ހަތަރު ކުދިންނާއި ކޯޗު ނެރުނީ އަންގާރަ ދުވަހު އެވެ. ތައި ނޭވީ ސީލުން ބުނީ ހޮހަޅައިގެ ހަނި ދޭތެރެތަކުން، ފެންގަނޑު ތެރޭގައި އެ ކުދިން ނެރެފައި ވަނީ "ނިންދަވާލައިގެން" ސްޓްރެޗަރުގައި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުރިކީލަ
15 July 2018
ޣައްޒާއަށް އިއްޔެ ދިން ހަމަލާގައި ކުޑަ ދެކުދިން ވަނީ ޝަހީދުވެފައި.