15 ޖުލައި 2018 - 19:13
ބެންކޮކް (ޖުލައި 15) - ތައިލެންޑުގެ ތަމް ލުއާން ހޮހަޅައިގައި ތާށިވި 12 ކުދިންނާއި ކޯޗު ސަލާމަތް ކުރި ފަހުން ފުރަތަމަ ފަހަރަށް ވީޑިއޯ މެސެޖެއް ދީފި އެވެ.
ޗިއާން ރާއީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކުދިން ވަނީ އަމިއްލަ އަށް ތައާރަފްވެ ބައެއް މެސެޖްތައް ދީފަ އެވެ. ބާރަ ކުދިންގެ ތެރޭގައި ހިމެނޭ އިނގިރޭސި ބަސް ދަންނަ އުމުރުން 14 އަހަރުގެ އަދުލް ސަމަން ބުނީ އޭނާގެ ހާލު ރަނގަޅު ކަމަށާއި އެ މީހުންނަށް އެހީތެރިވެ ދިން އެންމެންނަށް ޝުކުރު އަދާކުރާ ކަމަށެވެ.
އެހެން ކުދިން ވެސް ވަނީ އަދުލްއެކޭ އެއް ގޮތަށް ޝުކުރު އަދާކޮށްފަ އެވެ. އަދި ވަނީ އެ ކުދިން ކާން ބޭނުންވާ އެއްޗެހީގެ ނަންތައް ވެސް ކިޔައިދީފަ އެވެ.
އަދުލް ސަމޮން، 14، އިންޓަވިއު ދެނީ. --ފޮޓޯ: ތައިލެންޑް ހެލްތު މިނިސްޓްރީ
"އަހަރެންގެ ހާލު ރަނގަޅު. އަހަރެމެންނާ މެދު ހިތާމަކުރީތީ ޝުކުރިއްޔާ. ދެރަނުވޭ އަހަރެމެން އެންމެން ވެސް ރަނގަޅު،" ޕަނުމަސް ސައެންގްޑީ، 13، ބުންޏެވެ.
އުމުރުން 16 އަހަރުގެ ޕޯންޗައި ކަމްލުއާންގް ބުނީ އޭނާ ބޭނުން ވަނީ ކްރިސްޕީ ޕޯކް ފްރައިޑް ރައިސް ކާން ކަމަށެވެ. ތޭރަ އަހަރުގެ ސޮމްޕޮން ޖައިވޮން ވެސް ބުނީ ޕޯކާއި އެގް ފްރައިޑް ރައިސް ކާން ބޭނުންވާ ކަމަށެވެ. އެ ދެ ކުދިން ވެސް ވަނީ އެ މީހުން ހޯދަން މަސައްކަތްކޮށް އެހީތެރިވި އެންމެންނަށް ޝުކުރު އަދާކޮށްފަ އެވެ. އެހެން ބައެއް ކުދިން ވަނީ ކޭއެފްސީ ކާން ބޭނުންވާ ކަމަށް ބުނެފަ އެވެ.
ޕޯންޗައި ކަމްލުއާން، 16، އިންޓަވިއު ދެނީ. --ފޮޓޯ: ތައިލެންޑް ހެލްތު މިނިސްޓްރީ
އެ ކުދިންގެ ކޯޗު 25 އަހަރުގެ އެކަޕޯލް ޗަންތަވޮން ވަނީ ޑޮކްޓަރުންނާއި ތައި ރޯޔަލް ތައި ނޭވީ، ޑައިވަރުން އަދި ބޮޑު ވަޒީރަށް ޝުކުރު އަދާކޮށްފަ އެވެ.
"އަހަރެންގެ ހާލު މިހާރު ހަމަ ކުރިއެކޭ އެއްގޮތް. އަހަރެމެންނަށް އެހީވި އެންމެންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ،" ކޯޗު ބުންޏެވެ.
ޗިއާން ރާއީ ހޮސްޕިޓަލުން ވަނީ 12 ކުދިންނާއި ކޯޗު އަންނަ ބުރާސްފަތި ދުވަހު ދޫކޮށްލަން ނިންމައިފަ އެވެ. އަދި އެ ކުދިން ދޫކޮށްލާ އިރު މީޑިއާތަކަށް އެހާ އަވަހަށް އިންޓަވިއު ނުދިނުމަށް ބެލެނިވެރިންނަށް ދަނީ އަންގަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy