ވެއްޓުނު ޓެންޓް ކައިރީ ބީޖޭޕީގެ ސަޕޯޓަރުން. --ފޮޓޯ:އޭއެފްޕީ
17 ޖުލައި 2018 - 15:04
ނިއު ދިއްލީ (ޖުލައި 17) - އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ބައިވެރިވެވަޑައިގެންނެވި އާއްމު ބައްދަލުވުމެއްގައި ޓެންޓް ވެއްޓި 15 މީހުން ޒަޚަމްވެއްޖެ އެވެ.
ޓެންޓް ވެއްޓުނު އިރު މޯދީ ގެންދެވީ އެމަނިކުފާނުގެ ސަރުކާރުގެ ކާމިޔާބީތަކުގެ ވާހަކަތައް ދައްކަވަމުންނެވެ. އޭރު ބޯކޮށް ވާރޭ ވެހެމުންދިޔަ ކަމަށް ފުލުހުން ބުންޏެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ދެ މީހެއްގެ ހާލު ސީރިއަސް ކަމަށް އޮފިޝަލުން ބުނެ އެވެ.
"ޓެންޓް ވެއްޓިފައި ވަނީ މޯދީ ވާހަކަ ދައްކަވަން ހުންނެވި ސްޓޭޖާ 100 މީޓަރު ދުރުން،" ފުލުހުންގެ ސީނިއާ އޮފިޝަލެއް ކަމަށްވާ އަނޫޖް ޝަރްމާ ވިދާޅުވި އެވެ. "ޓެންޓް ވެއްޓުމާ އެކު މޯދީގެ ވާހަކަ މެދުކަނޑާލައްވައި އާއްމުން ހަމަޖެހިވަޑައިގެން ތިއްބެވުމަށް އިލްތިމާސް ކުރެއްވި."
ޒަޚަމްވި މީހުން ފަރުވާ ދޭން ގެންދާ މަންޒަރު ޓީވީތަކުން ދައްކާފައިވެ އެވެ.
މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީގެ ޑިސްޓްރިކްޓް އޮފިޝަލް ސާމިރް ދާޝް ވިދާޅުވީ ޓެންޓް ވެއްޓުނީ އެ ޓެންޓް ހަރުކުރަން ޖަހާފައި ހުރި އޮނު ދަނޑިތަކަށް މީހުން އަރަން ފެށުމުން ކަމަށެވެ.
މޯދީ ފަހުން ވަނީ ހޮސްޕިޓަލަށް ވަޑައިގެން ޒަޚަމްވި މީހުންނާ ބައްދަލު ކުރައްވައިފަ އެވެ. ޓެންޓް ވެއްޓި ޒަޚަމްވުމުން ހޮސްޕިޓަލަށް ގެންގޮސް އޮތް އަންހެނަކު ވަނީ މޯދީގެ އޮޓޯގްރާފް ދެއްވުމަށް އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޮޓްކިންގ
18 July 2018
މޯދީގެ އޮނުސަރުކާރު. ވެއްޓޭދުވަހުން ހާދަބަޔަކު އަދި ޒަޚަމްވާނެއެވެ.