ބެންކޮކް (ޖުލައި 17) - ތައިލެންޑުގެ ތަމް ލުއާން ހޮހަޅައިގައި ތިބި 12 ކުދިންނާއި ކޯޗު މި މަހު 2 ވަނަ ދުވަހު ފެނުމުގެ ކުރިން ވެސް އެ ކުދިން ވަނީ ސަލާމަތްވާން އެތައް މަސައްކަތެއް ކޮށްފައި ކަމަށާއި މި ގޮތުން ފަސް މީޓަރުގެ މަގެއް ހަދާފައިވާ ކަމަށް ކުދިންނާ އެކު ހޮހަޅައިގައި ހޭދަކުރި ޑައިވަރެއް ކަމަށްވާ ޕަކް ލޮހާންޝޫން ބުނެފި އެވެ.
ކާނެ އެއްޗެއް ނެތި ގައި ބާރު ދޫވެފައިވާ އިރު ވެސް އެ ކުދިން ސަލާމަތްވުމަށް ކުރި މަސައްކަތަށް ރޯޔަލް ތައި އާމީގައި މަސައްކަތް ކުރާ ޑޮކްޓަރެއް ކަމަށްވާ ޕާކް ވަނީ ތައުރީފް ކޮށްފަ އެވެ. ޗިއާން ރާއީ ހޮސްޕިޓަލްގައި ތިބި ކުދިންނާ ޕާކް ވަނީ ބައްދަލުކޮށްފަ އެވެ.

ފޭސްބުކްގައި ލިޔެފައިވާ މެސެޖެއްގައި ޕާކް ބުނެފައި ވަނީ ހޮހަޅައިގައި ކުދިން ތިބި ނުވަ ދުވަހު އެ ކުދިން ފަރާތުން ފެނިފައި ވަނީ އާދަޔާޚިލާފް ޑިސިޕްލިންއެއް ކަމަށެވެ. މި ގޮތުން ކާނެ އެއްޗެއް ނެތި ބަނޑުހައިހޫނު ކަމުގައި ވެސް އެ ކުދިން ވަނީ އަމިއްލަ ސަލާމަތަށް ފަސް މީޓަރު (16 ފޫޓު) ގެ މަގެއް ކޮނެފައިވާކަން އޭނާ ފާހަގަކުރި އެވެ.
ޕާކް ބުނީ 12 ކުދިންނާ އެކު ކަނު އަނދިރީގައި ހޮހަޅައިގައި ހޭދަކުރި ކޯޗަކީ ބަތަލެއް ކަމަށެވެ. އަދި ކޯޗު ކަނީ ވެސް އެ ކުދިން ބަނޑު ފުރުމުން ކަމަށް އޭނާ ބުންޏެވެ. އަދި އޭނާ ހީކުރި ވަރަށް ވުރެ އެ ކުދިންގެ ސިއްހަތު ރަނގަޅު ކަމަށް ޕާކް ބުންޏެވެ.
ހޮހަޅައިގައި ތިބި ކުދިން އަންނަ ބުރާސްފަތި ދުވަހު ހޮސްޕިޓަލުން ދޫކޮށްލާނެ އެވެ.