ޑައިވަރު ވެސް ދޮގު ހެދި ކަމަށް އީލޮން މަސްކް ބުނި. --ފޮޓޯ:ރޮއިޓާސް
18 ޖުލައި 2018 - 12:58
ވޮޝިންޓަން (ޖުލައި 18) - ތައިލެންޑުގެ ތަމް ލުއާން ހޮހަޅައިން 12 ކުދިންނާއި ކޯޗު ސަލާމަތް ކުރުމުގައި އުޅުނު އިނގިރޭސި ޑައިވަރަކާ ދިމާލަށް އެއީ ކުޑަ ކުދިންނާ ބެހޭ މީހެއް ކަމަށް ބުނެފައިވާތީ ޓެކްނޮލޮޖީ ވިޔަފާރީގެ ބިލިއަނަރު އީލޮން މަސްކް މައާފަށް އެދިއްޖެ އެވެ.
މަސްކް ބުނީ އޭނާ ރުޅި އައީ ހޮހަޅައިން ކުދިން ސަލާމަތް ކުރަން މިނީ ސަބްމެރިންނެއް ތައްޔާރުކޮށް ތައިލެންޑަށް ގެންދިއުމަކީ "ޕީއާރު ސްޓަންޓެއް" ކަމަށް އިނގިރޭސި ޑައިވަރު ވާން އަންސްވޯތު ބުނުމުން ކަމަށެވެ.
އަންސްވޯތަށް ރައްދު ދޭން ފުލުފުލާ މަސްކް ކުރި ޓްވީޓްތަކެއްގައި ވަނީ އަންސްވޯތު އަކީ ކުޑަ ކުދިންނާ ބެހޭ މީހެއް ކަމަށް ބުނެފަ އެވެ. މަސްކްގެ ޓްވިޓާ އެކައުންޓް 22 މިލިއަން މީހުން ފޮލޯ ކުރެ އެވެ. ނަމަވެސް މަސްކް ފަހުން ވަނީ އެ ޓްވީޓް ޑިލީޓްކޮށްލައިފަ އެވެ.
އަންސްވޯތު ހޯމަ ދުވަހު ވަނީ މަސްކްއާ ދެކޮޅަށް އަބުރުގެ ދައުވާ ކުރަން ވިސްނާ ކަމަށް ބުނެފަ އެވެ. ނަމަވެސް މަސްކް މައާފަށް އެދުމުން އަންސްވޯތު ދައުވާ ކުރާނެ ކަމެއް އަދި ނޭނގެ އެވެ.
މަސްކް ބުނީ އޭނާ ތައްޔާރު ކުރި މިނީ ސްބްމެރިންނާ ގުޅޭ ގޮތުން އަންސްވޯތު ހަދާފައި ވަނީ ދޮގު ކަމަށާއި އޭނާ ހިތްހަމަ ނުޖެހުނީ އެހެންވެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy