ހޮހަޅައިން ސަލާމަތް ކުރި ކުދިން ނޫސްވެރިންނާ ބައްދަލު ކުރަނީ. --ފޮޓޯ:އޭއެފްޕީ
20 ޖުލައި 2018 - 12:05
ބެންކޮކް (ޖުލައި 20) - އެއީ ފުޓުބޯޅަ ޕްރެކްޓިސް ނިންމާލުމަށް ފަހު މަޖާކޮށްލަން ހޮހަޅަ އަށް ވަން ވަނުމެކެވެ. ފުޓުބޯޅަ ޕްރެކްޓިސް ނިންމާލުމަށް ފަހު އާއްމުކޮށް އެ ކުދިން އެ ހޮހަޅަ އަށް ވަދެ ހަދަ އެވެ. އެކަމަކު މަޖަލަކަށް މިދިޔަ މަހު 23 ވަނަ ދުވަހު ކުރި އެ ދަތުރު 12 ކުދިންނާއި ކޯޗުގެ މުޅި ހަޔާތުގައި ވެސް ހަނދާނުން ނުފިލާނެ ހާދިސާއަކަށް ވާނެ ކަމަށް އެއްގޮތަކަށް ވެސް އެ މީހުން ހިއެއް ނުކުރެ އެވެ. ތަމް ލުއާން ހޮހަޅަ އަށް ވަނުމަށް ވައިލްޑް ބޯސް ފުޓުބޯޅަ ޓީމުގެ ކުޅުންތެރިން ގޮވައިގެން ކޯޗު އެކަޕޯލް ޗަންޓަވޮން ޖޫން 23 ވަނަ ދުވަހު ދިޔައީ ގަޑިއެއްހާ އިރު ތެރޭ ހޮހަޅައިން ނުކުމެވޭނެ ކަމަށް އުއްމީދުކޮށްގެންނެވެ. އެތަނުން އެ ކުއްޖެއްގެ ޓިއުޝަން ވެސް ހަވީރު އޮތެވެ. އެ ކުއްޖާ ވެސް ހީކޮށްގެން ހުރީ ޓިއުޝަނަށް ދާންވާއިރަށް ހޮހަޅައިން ނުކުމެވޭނެ ކަމަށެވެ.
"އަހަރެމެންނާ އެކު އެއްވެސް އެއްޗެއް ނުގެންދަން. ކާނެ އެއްޗެއް ވެސް ނެތް،" ހޮސްޕިޓަލުން ދޫކޮށްލުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން އެކަޕޯލް ބުންޏެވެ.
ހޮހަޅައިން ސަލާމަތް ކުރި ކުދިން ނޫސްވެރިންނާ ބައްދަލު ކުރަނީ. --ފޮޓޯ:އޭއެފްޕީ
ހޮހަޅައިގެ ކަނު އަނދިރީގައި ދުވަސްތައް ހޭދަކޮށް ބައިނަލްއަގުވާމީ ތަޖްރިބާކާރުން ހިންގި ވަރުގަދަ އޮޕަރޭޝަނަކަށް ފަހު އެ ކުދިން މިހާރު ވަނީ ދުނިޔޭގައި މަޝްހޫރު ބަޔަކަށްވެފަ އެވެ. އެ މީހުންގެ ވާހަކަތަކަށް އެތައް ބަޔަކު ޝައުގުވެރިވި އެވެ. ހޮސްޕިޓަލުން ގެއަށް ދޫކޮށްލުމުގެ ކުރިން އެ މީހުންގެ ވާހަކަތައް ވަނީ ނޫސްވެރިންނަށް ކިޔައިދީފަ އެވެ.
"އަހަރެމެން ދިޔައީ ހޮހަޅަ ތެރެ ބަލާ ހޯދާ އެތެރެއަށް ވަންނާނެތޯ މަޝްވަރާ ކުރަމުން. ހޮހަޅަ އަށް ވަންނަ ނަމަ އަހަރެމެންނަށް ދާން ޖެހޭނީ ފެންގަނޑު ތެރޭން،" އެ ކުދިންގެ 25 އަހަރުގެ ކޯޗު އެކަޕޯލް ބުންޏެވެ.
ކޯޗު ބުނީ ހޮހަޅަ އަށް ވަންނަން ދިޔަ އިރު އެތެރެ އޮތީ ތެމިފައި ކަމަށާ އަދި ހޮހަޅަ ތެރެ ވަރަށް ފިނި ކަމަށެވެ. އަދި ހޮހަޅަ އަށް ވަނީ އެންމެން އެއްބަސްވެގެން ކަމަށް އޭނާ ބުންޏެވެ.
އުމުރުން 11-16 އަހަރުގެ 12 ކުދިންގެ ޓީމުގެ ބައިސްކަލްތަކާއި ފުޓުބޯޅަ ބޫޓު ހޮހަޅައިގެ ބޭރުގައި ބެހެއްޓުމަށް ފަހު އެތެރެއަށް ވަނެވެ. އެއް ކުއްޖަކު ހޮހަޅައިގެ ފެންގަނޑުގެ ތެރޭން ހިނގަން ފެށުމާ އެކު ދެން ތިބި ކުދިން ވެސް އެ ކުއްޖާގެ ފަހަތުން ފެންގަނޑު ތެރޭ ހިނގަން ފެށި އެވެ.
ހޮހަޅައިން ސަލާމަތް ކުރި ކުދިން ނޫސްވެރިންނާ ބައްދަލު ކުރަނީ. --ފޮޓޯ:އޭއެފްޕީ
އެ ކުދިން ހޮހަޅަ އަށް ވަން ފަހުން ބޯކޮށް ވާރޭ އޮއްސާނުލި ނަމަ މެންދުރު ފަހު އެ ކުދިން ތިބޭނީ ގޭގަ އެވެ. އެކަމަކު ވާރޭ ވެހި ހޮހަޅަ ތެރޭގައި އިތުރަށް ފެންގަނޑު ބޮޑުވަމުން ދިޔަ އިރު އުފެދުނު އޮއިވަރުގައި ޖެހި އެ ކުދިން ހޮހަޅައިގެ އެތެރެއަށް "ދަމަން" ފެށި އެވެ. އިސާހިތަކު ހޮހަޅައިގެ ބައެއް ހިސާބުތައް ފުރޭ ވަރަށް ފެން ބޮޑުވެއްޖެ އެވެ. ދެން އެ ކުދިންނަށް އޮތް ހަމައެކަނި ގޮތަކީ ހިކި ތަނެއް އަތުޖެހޭތޯ ހޮހަޅައިގެ އެތެރެއަށް ވަންނަމުން ދިއުމެވެ. ނޭވާ ހިފަހައްޓާލަން ޖެހުނު ބޮޑު އޮޕަރޭޝަން ފަށަން ޖެހުނީ އެހާ ހިސާބުންނެވެ.
ހޮހަޅައިގެ އުސްކޮށް ހުރި ދިމާލަކަށް އެ ކުދިން އަރާ ތިބި އިރު ކަނު އަނދިރީގައި ރެއެއް ދުވާލެއް ނޭނގެ އެވެ. އެ ކުދިން ސަލާމަތް ކުރަން ބަޔަކު މަސައްކަތް ކުރާ ކަމެއް ވެސް ނޭނގެ އެވެ. އެ މީހުންގެ ވާހަކަ ދުނިޔޭގެ ފަލަ ސުރުޚީތަކަށް އަރައިގެން އުޅޭ ކަމެއް ވެސް ނޭނގެ އެވެ. އެހެން ތިބި ތިބުމުގައި އެ ކުދިން ދިޔައީ ހޮހަޅައިގެ ތެރޭގައި ހުރި ބޮޑެތި ހިލަތައ ބޭނުންކޮށްގެން ސަލާމަތްވާނެ އިތުރު މަގެއް ކޮނެވޭތޯ ބަލަމުންނެވެ.
"ގެއަށް އަނބުރާ ނުދެވިދާނެ ކަމުގެ ބިރު ވަރަށް ބޮޑަށް އޮތް،" އުމުރުން 13 އަހަރުގެ މޮންގްކޮލް ބޫންޕިއެމް ބުންޏެވެ.
ހޮހަޅައިން ސަލާމަތް ކުރި ކުދިން ނޫސްވެރިންނާ ބައްދަލު ކުރަނީ. --ފޮޓޯ:އޭއެފްޕީ
ނަސީބަކުން އެ މީހުންނަށް ރީތި ފެން ލިބުނެވެ. އެ ކުދިން ސަލާމަތުން ތިބީ ހޮހަޅަ އަށް ފޭބި ވާރޭ ފެން ބޮއިގެންނެވެ.
"ހިލަތަކުގެ މައްޗަށް ފޭބި ވާރޭ ފެން ބޮއިގެން އަހަރެމެން ތިބީ،" ހޮހަޅަ އަށް ވަދެ ފެންގަނޑު ތެރޭގައި ފުރަތަމަ ހިނގަން ފެށި އުމުރުން 16 އަހަރުގެ ޕޯންޗައި ކަމްލުއާން ބުންޏެވެ. "އެ ފެން ހަމަ އާދައިގެ މީރު ފެނެކޭ އެއްގޮތް."
ދުވަސްތައް ހޭދަވަމުން ދިޔަ އިރު ކުދިންގެ ރޫހް ހިފަހައްޓައި ހިތްވަރު ދެމުން ދިޔައީ ކޯޗު އެކަޕޯލެވެ.
އެ ކުދިން ބިރު ނުގަނެ ތިބީ ޓީމުގެ ތެރޭގައި އޮތް އެކުވެރިކަމުގެ ރޫހުގެ ސަބަބުން ކަމަށް ކޯޗު ބުންޏެވެ. އެހެން ނަމަވެސް ބައެއް ފަހަރު ބިރުވެރި ހާލަތަށް ވެސް ދާ ކަމަށް ބުންޏެވެ. ފެން ބޮޑުވާ ވަރަކަށް ހޮހަޅައިގެ އެތެރެއަށް ވަނުމަށް ޓީމަށް މަޖްބޫރުވެ އެވެ.
"ހޮހަޅައިގެ އެތެރެ އަށް ޖެހޭ ވަރަކަށް ހިލަ ބޭނުންކޮށްގެން ލޯވަޅެއް ކޮނެވޭތޯ ވެސް ބެލިން. ގާތްގަނޑަކަށް 3-4 މީޓަރަށް ކޮނުނިން،" ފަނުމަސް ސަންގްޑީ، 13، ބުންޏެވެ.
އެ ކުދިންނަށް އެންމެ ފަހުން ހަމަޖެހިލެވުނީ ހޮހަޅައިގެ ހަތަރު ކިލޯ މީޓަރު އަޑީގައިވާ އުސް ތަނެއްގަ އެވެ. އޭރު ވެސް ކޮންމެ ވެސް ބަޔަކަށް އެ މީހުން ފެންނާނެ ކަމަށް ބައެއް ކުދިން އުއްމީދު ކުރި އެވެ. ސަލާމަތް ވާނެ ކަމުގެ އުއްމީދެއް ލިބުނީ ހޮހަޅައިގައި ތިބޭތާ ނުވަ ދުވަސް ފަހުންނެވެ. ކޮންމެ ވެސް މީހެއްގެ އަޑު އެ ކުދިންނަށް އިވުނެވެ. އެކަމަކު އެއީ ތައިލެންޑް ބަހުން ވާހަކަ ދައްކާ ބައެއް ނޫންކަން އެނގުނެވެ. ބާރަ ކުދިންގެ ތެރޭގައި ހިމެނޭ އިނގިރޭސި ބަސް ދަންނަ ހަމައެކަނި ކުއްޖަކީ 14 އަހަރުގެ އަދުލް ސަމް-އޮން އެވެ.
ހޮހަޅައިން ސަލާމަތް ކުރި ކުދިންގެ ތެރޭގައި ހިމެނޭ އަދުލް (މ) ނޫސްވެރިންނާ ވާހަކަ ދައްކަނީ. --ފޮޓޯ:އޭއެފްޕީ
"ޑައިވަރު ފެން މައްޗަށް އެރުމާ އެކު އަހަންނަށް ލިބުނީ ޝޮކެއް،" އަދުލް ބުންޏެވެ.
އެކުދިން ހޮހަޅައިގައި ތިބި މަންޒަރު ފުރަތަމަ ނަގާފައި ވަނީ އިނގިރޭސި ޑައިވަރުގެ ގައިގައި ހަރުކޮށްފައިވާ ބޮޑީ ކެމް އިންނެވެ. ފަހުން ވަނީ އެ ވީޑިއޯ މުޅި ދުނިޔެ އަށް ބްރޯޑްކާސްޓްކޮށްފަ އެވެ.
"ބައިވަރު މީހުން އަދި އެބަ އާދޭ،" ޑައިވަރުން އެ ކުދިންނަށް ޔަގީންކަން ދިނެވެ.
އޭގެ ފަހުން އެ ކުދިން ހޮހަޅައިން ނެރެންދެން ޑައިވަރުންނާއި ޑޮކްޓަރުން އެ ކުދިންނާ އެކު ހޭދަކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy