ތައިލެންޑުގެ ހޮހަޅައިން ކުދިން ސަލާމަތް ކުރި އިނގިރޭސި ޑައިވަރުންގެ ޓީމާ އެކު ބޮޑު ވަޒީރު މެއި (މ) ފޮޓޯއަކަށް ހުއްޓިވަޑައިގެން.
25 ޖުލައި 2018 - 12:31
ލަންޑަން (ޖުލައި 25) - ތައިލެންޑުގެ ތަމް ލުއާން ހޮހަޅައިގައި ތާށިވި 12 ކުދިންނާއި ކޯޗު ސަލާމަތް ކުރުމުގައި ބައިވެރި އިނގިރޭސި ވިލާތުގެ ޑައިވަރުންނަށް ޝުކުރު އަދާ ކުރުމުގެ ގޮތުން އެ ގައުމުގެ ބޮޑު ވަޒީރު ތެރޭސާ މެއި ބައްދަލު ކުރައްވައިވި އެވެ.
ބޮޑު ވަޒީރުގެ ރަސްމީ އޮފީސް ޑޯނިން ސްޓްރީޓްގައި ރޭ ބޭއްވި ރޭގަނޑުގެ ފަރިއްކޮޅެއްގައި ބައިވެރިވި ޑައިވަރުންގެ ތެރޭގައި ހޮހަޅައިން ކުދިން އެންމެ ފުރަތަމަ ހޯދި އިނގިރޭސި ޑައިވަރު ޖޯން ވޮލަންތެން ހިމެނެ އެވެ.
"ޖޯން، ބުނެފައި ވަނީ އޭނާ އަކީ ބަތަލެއް ނޫން ކަމަށް. އެކަމަކު އަހަރެމެން އެންމެންނަށް ތިޔައީ ބަތަލުން،" ބޮޑު ވަޒީރު މެއި ވިދާޅުވި އެވެ. "މިއީ އާދަޔާޚިލާފް އޮޕަރޭޝަނެއް."
ހޮހަޅައިން ކުދިން ސަލާމަތް ކުރުމުގައި އުޅެނިކޮށް މަރުވި ތައި ނޭވީ ސީލްގެ ކުރީގެ ޑައިވަރު ސަމަން ކުނާން އަށް ބޮޑު ވަޒީރު މެއި ވަނީ އިހްތިރާމް އަދާކޮށްފަ އެވެ.
"އޭނާ މަރުވީ އެހެން ބައެއްގެ ފުރާނަ ސަލާމަތް ކުރަން އުޅެނިކޮށް. އެއީ ތިޔަ ހުރިހާ ޑައިވަރުންނަށް ވެސް ކުރިމަތިވެފައި އޮތް ނުރައްކަލެއް،" މެއި ވިދާޅުވި އެވެ.
ވޮލަންތެން ބުނީ ހޮހަޅައިން ކުދިން ސަލާމަތް ކުރުމުގެ އޮޕަރޭޝަނުގައި ބައިވެރިވުމަކީ އެ މީހުންނަށް ވެސް ލިބުނު އުފަލެއް ކަމަށެވެ. އަދި ހޮހަޅައިގައި ތިބި ކުދިން އޭނާ އާއި ރިކް ސްޓެންޓަން އަށް ފުރަތަމަ ފެނުމާ އެކު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނު ކަމަށާއި އެ ވަގުތުން ފެށިގެން ވިސްނީ އެ ކުދިން ސަލާމަތް ކުރާނެ ގޮތަކާ މެދު ކަމަށެވެ.
"އެ ކުދިން ސަލާމަތުން ހޮހަޅައިން ނެރެވުމުން ދެން ލިބުނު ހިތްހަމަޖެހުމާއި އުފާ މާބޮޑު،" އުމުރުން 47 އަހަރުގެ ވޮލެންތަން ބުންޏެވެ.
އެ ރަސްމިއްޔާތުގައި ތައިލެންޑުން އިނގިރޭސި ވިލާތަށް ކަނޑައަޅާފައި ހުންނަ ސަފީރު ޕިސާނޫ ސުވަނަޖަތާ ބައިވެރިވެވަޑައިގެންނެވި އެވެ.
ބްރިޓިޝް ކޭވް ރެސްކިއު ކައުންސިލުން ބުނީ އަށް ކޭވް ޑައިވަރުންނާއި ހޮހަޅައިން މީހުން ސަލާމަތް ކުރާ ތިން މީހުންގެ ޓީމެއް ތައިލެންޑަށް ފޮނުވި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy