މުމްބާއީ (ޖުލައި 27) - އެއާ އިންޑިއާގެ ބޯޓެއްގައި ދާދި ފަހުން ނިއު ޔޯކުން އިންޑިއާގެ ހުޅަނގުގެ މުމްބާއީ ސިޓީ އަށް ދަތުރު ކުރި ޕަސިންޖަރެއްގެ ގައިގައި ތަންމަކުނު ހެފި މައްސަލާގައި އެއާލައިނުން މައާފަށް އެދިއްޖެ އެވެ.
ޕަސިންޖަރެއްގެ ގައިގައި މަކުނު ހަފާފައިވާ މަންޒަރު ދައްކުވައިދޭ ފޮޓޯތައް މި ހަފުތާގައި ވަނީ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ޝެއާކޮށްފަ އެވެ. މި މައްސަލައިގައި އެއާ އިންޑިއާ އިން މައާފަށް އެދި ބުނެފައި ވަނީ އެއީ "މޫސުމާ ގުޅިގެން" ދިމާވި ކަމެއް ކަމަށެވެ. އަދި ބޯޓުތަކަށް މަކުނު މަރަން ބޭސް ޖަހާނެ ކަމަށް ވަނީ ބުނެފަ އެވެ.
އިންޑިއާގެ ގައުމީ އެއާލައިނަށް ދިމާވާ މި ބާވަތުގެ މައްސަލަތަކާ ހެދި އެ އެއާލައިނުގެ އަގު ވަނީ ވަރަށް ބޮޑަށް ވެއްޓިފަ އެވެ. މީގެ އަހަތަކުން ކުރިން ވަނީ މުމްބާއީ އިން ލަންޑަނަށް ދަތުރު ކުރި އެއާ އިންޑިއާގެ ބޯޓަކުން މީދަލެއް ފެނިފަ އެވެ.
އެއާ އިންޑިއާ އިން މައާފަށް އެދިފައި މި ވަނީ ނިއު ޔޯކުން މުމްބާއީ އަށް މި މަހު 17 ވަނަ ދުވަހު ދަތުރު ކުރި ޕަސިންޖަރުގެ ގައިގައި މަކުނު ހެފިތާ ހަފުތާއެއްހާ ދުވަސް ފަހުންނެވެ.
އިންޑިއާގެ އެންމެ ދުވަސްވީ އެއް އެއާލައިނަށް 2007 ވަނަ އަހަރުގެ ފަހުން ފައިދާވެފައެއް ނުވެ އެވެ. އެއާލައިން ޕްރައިވެޓައިޒް ކުރަން މިދިޔަ އަހަރު ކެބިނެޓުން ނިންމި ނަމަވެސް ހިއްސާ ގަންނަން ޝައުގުވެރިވާނެ ބައެއް ނުލިބުނެވެ. އެއާ އިންޑިއާގެ ދަރަނި ވަނީ ފަސް ބިލިއަން ޑޮލަރަށް އަރައިފަ އެވެ.