ޑާކާ (އޮގަސްޓް 5) - ބަންގްލަދޭޝްގެ މަގުތަކުގެ ރައްކާތެރިކަން ޔަގީން ކޮށްދިނުމަށް އެދި ކިޔަވާ ކުދިން ފެށި މުޒާހަރާގައި ގައުމު ހުއްޓުވުމަކަށް ގެނެސްފި އެވެ.
ކިޔަވާ ކުދިން ހަޅުތާލަށް ނުކުމެފައި ވަނީ ބާރު ސްޕީޑުގައި ދަތުރުކޮށްފައި ދިޔަ ބަހަކުން ޖެހި ދެ ކުއްޖަކު މަރުވި ހާދިސާ އަށް ފަހު އެވެ. ކިޔަވާ ކުދިންގެ މުޒާހަރާ ކުރާތާ ހަތް ވަނަ އަށް ވީ ދުވަހު ވަނީ ސަރުކާރަށް ތާއީދުކުރާ ކިޔަވާ ކުދިންގެ ގްރޫޕަކުން ނުކުމެ ހަމަނުޖެހުން ހިންގައިފަ އެވެ. މި ހަމަނުޖެހުންތަކުގައި ވަނީ 25 މީހުން ޒަޚަމްވެފަ އެވެ.
ބަންގްލަދޭޝްގެ ބައެއް ނޫސްތަކުން ބުނި ގޮތުގައި މުޒާހަރާ ކުރި ކުދިންނަށް ހަމަލާދީފައި ވަނީ ވެރިކަން ކުރާ އަވާމީ ލީގާ ގުޅުން އޮންނަ ކިޔަވާ ކުދިންގެ ޖަމާއަތެއް ކަމަށްވާ ބަންގްލަދޭޝް ޗަޓްރާ ލީގުގެ މެންބަރުން ކަމަށެވެ. ބައެއް ނޫސްވެރިން ބުނެފައި ވަނީ އެ މީހުންގެ ކެމެރާތައް ވެސް ހަލާކުކޮށްލާފައިވާ ކަމަށެވެ.
މުޒާހަރާތަކާ ގުޅިގެން ބަންގްލަދޭޝް ސަރުކާރުން އިއްޔެ ވަނީ 24 ގަޑިއިރަށް މޯބައިލް އިންޓަނެޓުގެ ޚިދުމަތް ކަނޑާލައިފަ އެވެ.
އަހަރެމެންގެ ޑިމާންޑްތައް ފުރިހަމަވުމުން ނޫނީ މަގުތައް ދޫކޮށް ނުދާނަން. އަހަރެމެން ބޭނުން ވަނީ މަގުތަކުގެ ރައްކާތެރި ކަމާއި ރަނގަޅު ޑްރައިވަރުން،" މުޒާހަރާ އަށް ނުކުމެ ހުރި ކުއްޖެއް ކަމަށްވާ އަލް މިރާން އޭއެފްޕީ އަށް ބުންޏެވެ.
މުޒާހަރާގައި އުޅޭ ބައެއް ކުދިން ދަނީ ޑާކާގެ މަގުތަކުގެ ވެހިކަލްތައް ހުއްޓުވައި ޑްރައިވަރުންގެ އަތުގައި ސައްހަ ލައިސަންސެއް އޮތްތޯ އާއި އެ ވެހިކަލުގެ ރޯޑްވާދީ ކަންޑިޝަން ރަނގަޅުތޯ ބަލަމުންނެވެ.