އީރާނުގެ ޚާރިޖީ ވަޒީރު ޖާވަދް ޒަރީފް. --ފޮޓޯ:އޭއެފްޕީ
27 އޯގަސްޓް 2018 - 11:45
ހޭގު (އޮގަސްޓް 27) - އީރާނާ ދެކޮޅަށް އެމެރިކާ އިން އެންމެ ފަހުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ މައްސަލަ ދުނިޔޭގެ އެންމެ މަތީ ކޯޓަށް އީރާނުން ހުށަހަޅައިފި އެވެ.
އދ.ގެ އެންމެ މަތީ ކޯޓުގައި އެ މައްސަލަ މިއަދު ބަލަން ފަށާއިރު އީރާނުން ވަނީ އެ ފިޔަވަޅުތައް ވަގުތުން ހުއްޓާލުމުގެ އަމުރަކަށް އެދިފަ އެވެ. އަދި ދަތިކުރުމުގެ ފިޔަވަޅުތަކުގައި ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ވެސް ވަނީ އެދިފަ އެވެ.
އީރާނާ ދެކޮޅަށް އެމެރިކާ އިން ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އަޅާފައި ވަނީ މީގެ ތިން ހަފުތާ ކުރިންނެވެ. އޭގެ ކުރިން އެމެރިކާ އިން ވަނީ 2015 ވަނަ އަހަރު ދުނިޔޭގެ ބާރުތަކާ އެކު ސޮއިކުރި ނިއުކްލިއާ އެއްބަސްވުމުން ވަކިވެފަ އެވެ. އީރާނުގެ ތެލުގެ މާކެޓަށް އަމާޒުކޮށް އަޅާ ދެ ވަނަ ބުރުގެ ދަތިކުރުމުގެ ފިޔަވަޅުތައް ތަންފީޒް ކުރަން ފަށާނީ ނޮވެމްބަރު މަހު އެވެ.
ދަތިކުރުމުގެ ފިޔަވަޅުތަކުގެ މައްސަލަ އީރާނުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އަށް ހުށަހެޅީ ޖުލައި މަހު އެވެ. އީރާނުން ބުނެފައި ވަނީ އެމެރިކާ އިން އެޅި ފިޔަވަޅުތަކަކީ 1955 ވަނަ އަހަރުގެ ޓްރީޓީ އޮފް އެމިޓީ އެންޑް އިކޮނޮމިކް ރިލޭޝަންސްއާ ޚިލާފު ފިޔަވަޅުތަކެއް ކަމަށެވެ.
"އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ހައްގެއް އެމެރިކާ އަށް ލިބިގެނެއް ނުވޭ،" ތެހެރާނުން ބުނެފައިވެ އެވެ.
އީރާނުން ހުށަހެޅި މައްސަލާގައި އައިސީޖޭ އިން ގޮތެއް ނިންމުމުގައި މަސްތަކެއް ނުވަތަ އަހަރުތަކެއް ނެގުން އެކަށީގެންވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy