މެދުއިރުމަތީގެ ކޮންމެ ތަނަކަށް ވެސް ހަމަލާ ދެވޭވަރުގެ މިސައިލެއް އިޒްރޭލުން އުފައްދަނީ

ތެލް އަވީވް (އޮގަސްޓް 28) - މެދުއިރުމަތީގެ ކޮންމެ ތަނަކަށް ވެސް ހަމަލާ ދެވޭވަރުގެ މިސައިލެއް އިޒްރޭލުން އުފައްދަމުން އަންނަ ކަމަށް ޑިފެންސް މިނިސްޓަރު އަވިގްދޯ ލީބަމަން ވިދާޅުވެއްޖެ އެވެ.


އޭނާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އިޒްރޭލް ސަރުކާރުގެ ހަތިޔާރު އުފައްދާ ކުންފުނި، އިޒްރޭލް މިލިޓަރީ އިންޑަސްޓްރީޒް (އައިއެމްއައި) އިން އުފައްދާ މިސައިލް މަދު އަހަރުތަކެއްގެ ތެރޭގައި ނިމޭނެ ކަމަށެވެ. އަދި މިސައިލް އުފައްދަން އައިއެމްއައި އާ އެކު ހަދާފައި ވަނީ އެތައް މިލިއަން ޝެކެލްއެއްގެ ކޮންޓްރެކްޓެއް ކަމަށް އޭނާ ވިދާޅުވި އެވެ. އިޒްރޭލްގައި ބޭނުން ކުރާ ފައިސާ، ޝެކެލްގެ މިހާރުގެ އަގަކީ ޑޮލަރަކަށް 3.63 އެވެ.

"އިޒްރޭލުން އުފައްދާ މިސައިލްގެ މަސައްކަތް މިހާރު ފަށައިފިން. ބޭނުމަކީ މަދު އަހަރުތަކެއްގެ ތެރޭގައި މެދުއިރުމަތީގެ ކޮންމެ ހިސާބަކަށް ވެސް ހަމަލާ ދެވޭވަރުގެ ގާބިލްކަން އިޒްރޭލްގެ ޑިފެންސް ފޯސް އިން ހޯދުން،" އޭނާ ވިދާޅުވި އެވެ.

އިޒްރޭލަކީ މެދުއިރުމަތީގައި ނިއުކްލިއާ ހަތިޔާރު ހުރި ހަމައެކަނި ގައުމެވެ. އައިއެމްއައި އިން 2004 ވަނަ އަހަރު ބުނެފައި ވަނީ 250 ކިލޯ މީޓަރު (150 މޭލު) ގެ ކްރޫޒް މިސައިލެއް އުފައްދާފައިވާ ކަމަށެވެ.

އިޒްރޭލުން ބުނެފައި ވަނީ މެދުއިރުމަތީގައި އެ ގައުމަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ އީރާން ކަމަށެވެ.