ވޮޝިންޓަން (ސެޕްޓެމްބަރު 2) - އެމެރިކާ އިން ޕާކިސްތާނަށް ދޭ 300 މިލިއަން ޑޮލަރުގެ އެހީ ކަނޑާލަން ނިންމައިފި ކަމަށް ޕެންޓަގަނުން ބުނެފި އެވެ.
އެމެރިކާ އިން ބުނީ އެހީ ކަނޑާލަނީ ހަރުކަށި ހަނގުރާމަވެރިންނާ ދެކޮޅަށް ފިޔަވަޅު އަޅަން ޕާކިސްތާން ނުކުޅެދިފައިވާތީ ކަމަށެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް ކުރިން ވަނީ އެމެރިކާ އިން ބިލިއަން ޑޮލަރުގެ އެހީ ހޯދައިގެން ޕާކިސްތާނުން މަކަރު ހަދަމުންދާ ކަމަށް ވިދާޅުވެފަ އެވެ.
"ޕާކިސްތާނުގެ ބިމުގައި ޓެރަރިސްޓް ނެޓްވޯކްތައް ހުއްޓުވުމަށް އެ ގައުމަށް ވަރަށް ބޮޑަށް ބާރު އަޅަމުން ދިޔައިން،" ޑިފެންސް ޑިޕާޓްމަންޓުގެ ތަރުޖަމާން ލެފްޓިނެންޓް ކާނަލް ކޯން ފައުލްކްނާ ވިދާޅުވި އެވެ.
ހަނގުރާމަވެރިންނަށް ހިމާޔަތްދޭ ކަމަށް އެމެރިކާ އިން ކުރާ ތުހުމަތު ޕާކިސްތާނުން ދޮގު ކުރެ އެވެ.
އެމެރިކާ އިން އެހީ ކަނޑާލާފައި މި ވަނީ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ޕާކިސްތާނަށް ވަޑައިގެން އާ ބޮޑު ވަޒީރު އިމްރާން ޚާންއާ ބައްދަލު ކުރެއްވުމަށް ހަމަޖެހިފައި ވަނިކޮށެވެ.
އެމެރިކާ އިން މިހާރު ވަނީ ފަލަސްތީނުގެ ރެފިއުޖީ އެޖެންސީ އަށް ދޭ އެހީ ވެސް ކަނޑާލައިފަ އެވެ.