މިއަންމާގެ ސްޓޭޓް ކައުންސެލާ އަން ސަން ސޫކީ. --ފޮޓޯ:އޭއެފްޕީ
04 ސެޕްޓެމްބަރ 2018 - 13:00
ޔަންގޮން (ސެޕްޓެމްބަރު 4) - ރޮއިޓާސް އަށް މަސައްކަތް ކުރި މިއަންމާގެ ދެ ނޫސްވެރިން ހަތް އަހަރަށް ޖަލަށްލާން އިއްޔެ ހުކުމް ކުރި މައްސަލާގައި އެ ގައުމުގެ ސްޓޭޓް ކައުންސެލާ އަން ސަން ސޫކީ ހިމޭނުން ހުންނެވުމުން އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް އޭނާ ދިފާއުކޮށް މިއަންމާގެ އޮފިޝަލުން ވާހަކަ ދައްކައިފި އެވެ.
ރޮއިޓާސްގެ ނޫސްވެރިން ކަމަށްވާ ވަ ލޯން، 32، އާއި ކިއެ ސޮއެ އޫ، 28، ހައްޔަރު ކުރީ ސަރުކާރުގެ ސިއްރު ލިޔުންތަކެއް އެ މީހުންގެ އަތުގައި ހުރި ކަމަށް ބުނެ އެވެ. އެ މީހުންގެ މައްޗަށް ކުށް ސާބިތުކޮށްފައި ވަނީ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް މިއަންމާ ސިފައިން ކުރި އަނިޔާތަކާ ބެހޭ މައުލޫމާތު ހޯދުމުގައި ސަރުކާރުގެ ސިއްރުތައް ހިފެހެއްޓުމުގެ ގާނޫނާ ޚިލާފުވެފައިވާތީ އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު 2 ވަނަ ދުވަހު ދެ ނޫސްވެރިންނަށް ވަނީ ފުލުހުންގެ ދެ އޮފިސަރުންނާ އެކު ރޭގަނޑުގެ ކެއުމަކަށް ދައުވަތު ދީފަ އެވެ. އަދި ފުލުސް ދެ އޮފިސަރުން ވަނީ ގަތުލްއާއްމާ ބެހޭ ލިޔުންތައް ދެ ނޫސްވެރިންނަށް ހަވާލުކޮށްފަ އެވެ. އެކަމަކު ކެއުމަށް ފަހު އެ ދެ ނޫސްވެރިން ރެސްޓޯރެންޓުން ނުކުމެގެން ދަނިކޮށް ވަނީ ހައްޔަރުކޮށްފަ އެވެ.
ދެ ނޫސްވެރިން ވެސް ބުނެފައި ވަނީ އެ މީހުން ކުށެއް ނުކުރާ ކަމަށާއި އެއީ ފުލުހުން ރާވައިގެން ކުރި ކަމެއް ކަމަށެވެ.
ކޯޓުގެ އެ ހުކުމަށް އދ. އާއި އީޔޫ އަދި އެމެރިކާ އިން ވަނީ ފާޑު ކިޔައިފަ އެވެ. އަދި 15 އަހަރު ގޭ ބަންދުގައި ހުންނެވުމަށް ފަހު ސަލާމަތްވެގެން ސިޔާސީ ދާއިރާ އަށް ނުކުންނެވި ސޫކީ އަށް ވެސް ވަނީ ފާޑު ކިޔުންތައް އަމާޒުކޮށްފަ އެވެ. ޑިމޮކްރެސީ އަށް ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ސޫކީ އަށް ވަނީ ނޯބެލް ސުލްހައިގެ އިނާމު ވެސް ދީފަ އެވެ.
މިއަންމާގެ އިންފޮމޭޝަން މިނިސްޓްރީގެ ނައިބެއްގެ ގޮތުގައި މަސައްކަތް ކުރާ އައުންގް ހުލާ ޓުން ވިދާޅުވީ ދެ ނޫސްވެރިންނަށް ކުރި ހުކުމުގައި ސޫކީ ބަހެއް ވިދާޅުނުވީ ކޯޓުތަކަށް ފާޑު ނުކިޔަން ކަމަށެވެ.
"ކޯޓުގެ ހުކުމަށް ފާޑު ކިޔުމަކީ ކޯޓުގެ ހުރުމަތް ކެނޑުން،" ރޮއިޓާސްގެ ނޫސްވެރިއެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރި ޓުން ބުންޏެވެ.
ދެ ނޫސްވެރިންގެ ވަކީލުން ބުނެފައި ވަނީ ކޯޓުގެ ހުކުމް އިސްތިއުނާފް ކުރާނެ ކަމަށެވެ.
ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް މިއަންމާ ސިފައިން މިދިޔަ އަަހަރު ޖަރީމާތައް ހިންގި އިރު ވެސް ސޫކީ ހިމޭނުން ހުންނެވުމުން ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އީމަން
04 September 2018
އަން ސަން ސޫކީ އިސްތަށިފުޅުގައި އެޅިފައި ތިއޮތީ ގަތުލްއާއްމެއް، ހަނުހުރެގެން ވާނެ ކަމެއްނެތް ބައިނަލަގްވާމީ ގާނޫނު ސޫކީ އާ އަރާހަމަކުރާނެ ދުވަހެއް އެބައޮތެވެ.
ސޯބު
04 September 2018
އީޔޫ ޫ ޫ ޫ ޫ ޫ ޫ ޫ ޫ ޫ. ކޮބާތަ ކަލޭމެން.
ގްރީން
04 September 2018
މީނާ އެއްޗެއް ބުނާނީ މީނާ އަށް ބަޔަކު ހޭއަރުވާލީމަ. އެދުވަހަކުން ރޮއެރޮއެފަ ކިޔާނެ އެއްޗެތި ހުންނާނެ.
ހާޖަރާ
04 September 2018
ލަދުހަޔާތްކުޑަ އަންހެނެއް.
ވަހީދު
04 September 2018
ވެރިކަމަށް އައުމުގެ ކުރިން ކޯޓުއަމުރަށް ފާޑު ކިޔާ ގިނަ މީހުންނަށް ވެރިކަން ލިބުނީމަ ކޯޓު އަމުރަށް ހަނު ތިބޭތަން އަހަރުމެންނަށް ވަނީ ފެނިފައި. އާކަމެއްނޫން