ހޮހަޅައިން ކުދިން ސަލާމަތް ކުރުމުން ތައިލެންޑް މީހުންނަށް ބޮޑު ޖާފަތެއް

ބެންކޮކް (ސެޕްޓެމްބަރު 6) - ތައިލެންޑުގެ ތަމްލުއާން ހޮހަޅައިން 12 ކުދިންނައި ކޯޗު ސަލާމަތް ކުރުމުގެ އުފަލުގައި ތައިލެންޑުގެ ރައްޔިތުންނަށް މިރޭ ބޮޑު ޖާފަތެއް ދޭ ގޮތަށް ހަމަޖައްސައިފި އެވެ.


ބެންކޮކުގެ ރޯޔަލް ޕްލާޒާގައި ބާއްވާ މި ހަފުލާގެ ޚާއްސަ މެހްމާނުންނަކީ ހޮހަޅައިން ސަލާމަތް ކުރި ފުޓުބޯޅަ ޓީމުގެ ކުދިންނާއި ކޯޗެވެ. ރޭގަނޑުގެ މި ކެއުމުގެ ބޮޑުބައި ސްޕޮންސާކޮށްފައި ވަނީ ރަސްގެފާން މާހާ ވަޖިރަލޮންގްކޯން އެވެ. ޖާފަތުގައި 10،000 އަށް ވުރެ ގިނަ މީހުންނަށް ކާން ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. ޚާއްސަ މެހްމާނުންގެ ގޮތުގައި، ހޮހަޅައިން ކުދިން ސަލާމަތް ކުރުމުގައި އުޅުނު ބޭރުގެ ޑައިވަރުން ވެސް ބައިވެރިވާނެ ކަމަށް ބޮޑު ވަޒީރުގެ އޮފީހުން ބުންޏެވެ.

ވައިލްޑް ބޯސް ފުޓުބޯޅަ ޓީމުގެ ކުދިންނާއި 25 އަހަރުގެ ކޯޗު ތަމް ލުއާން ހޮހަޅަ އަށް ވަނީ ޖޫން 23 ވަނަ ދުވަހު އެވެ. އެ ކުދިން ހޮހަޅަ އަށް ވަން ފަހުން ބޯކޮށް ވާރޭ ވެހި ހޮހަޅައިގެ ތެރޭގައި ފެންބޮޑުވުމުން ސަލާމަތް ވެވޭނެ ގޮތެއް ނެތި ތާށިވީ އެވެ. ނުވަ ދުވަސް ފަހުން ހޮހަޅައިގެ ތެރޭން އެ ކުދިން ހޯދީ އިނގިރޭސި ވިލާތުގެ ދެ ޑައިވަރުންނެވެ. ވަރަށް އުނދަގޫ، ނޭވާ ހިފަހައްޓާލައިގެން ތިބެން ޖެހުނު ފަދަ އޮޕަރޭޝަނެއްގައި އެ ކުދިން ސަލާމަތްކޮށް ނިމުނީ ޖުލައި 10 ވަނަ ދުވަހު އެވެ.