ހަލަބު ސިޓީ އަށް ވަދެ ނުކުމެވޭ ގޮތް އިދިކޮޅު ހަނގުރާމަވެރިން ހެދުމާ އެކު ސިޓީގެ އާއްމުން މަގުތަކަށް ނުކުމެ އިއްޔެ އުފާފާޅު ކުރަނީ. --ފޮޓޯ:އޭއެފްޕީ
07 އޯގަސްޓް 2016 - 10:54
ދިމިޝްގު (އޮގަސްޓް 7) - ސީރިއާގެ ހަލަބު ސިޓީ ސަރުކާރު ސިފައިންގެ ކޮންޓްރޯލްކޮށް އެ ސިޓީއާ އެހެން ހިސާބުތަކާ ގުޅުން ކަނޑާލާފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ސަރުކާރާ އިދިކޮޅު ހަނގުރާމަވެރިން ބުނެފި އެވެ.
މީގެ އިތުރުން ހަލަބުގެ ހުޅަނގުގައި އޮންނަ މަންބިޖު ޓައުންގައި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ މައްޗަށް ޔޫރަޕުގެ ގައުމުތަކުގެ ތާއީދު އޮންނަ އަރަބި އަދި ކުރުދީ ހަނގުރާމަވެރިން ވަނީ ބޮޑު ކާމިޔާބެއް ހޯދައިފަ އެވެ.
ސީރިއާ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރާ ކުރީގެ ނުސްރާ ފްރަންޓް ނުވަތަ ފާތިހު އަލް ޝާމް ފްރަންޓްގެ ހަނގުރާމަވެރިން ހަމަލާއަކަށް ތައްޔާރު ވަނީ. --ފޮޓޯ:އޭއެފްޕީ
ސަރުކާރު ސިފައިން ހަލަބު ސިޓީ ހިސާރުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނަން އިދިކޮޅު ހަނގުރާމަވެރިން މަސައްކަތް ކުރަމުން ދަނީ ޖުލައި 31 އިން ފެށިގެންނެވެ. އެކަމަކު ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ ސިފައިން އިއްޔެ ވަނީ ހަލަބުގެ ހުޅަނގު ދެކުނުން އާ މަގެއް ހުޅުވާލައިފަ އެވެ.
ސީރިއާގެ ރަސްމީ ޓީވީން ބުނެފައި ވަނީ އިދިކޮޅު ހަނގުރާމަވެރިންގެ އަތް ދަށަށް ދިޔަ ތަންތަން އަނބުރާ ހޯދާފައިވާ ކަމަށެވެ.
ހަލަބުގެ އިރުމަތީގައި ހުރި އޭއެފްޕީގެ ރިޕޯޓަރަކު ބުނީ އެ ސިޓީގައި އާއްމުންތައް މަގު މައްޗަށް ނުކުމެ އުފާފާޅު ކުރަމުންދާ ކަމަށެވެ.
ސީރިއާ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރާ ކުރީގެ ނުސްރާ ފްރަންޓް ނުވަތަ ފާތިހު އަލް ޝާމް ފްރަންޓްގެ ހަނގުރާމަވެރިން ހަމަލާއަކަށް ތައްޔާރު ވަނީ. --ފޮޓޯ:އޭއެފްޕީ
ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ ސަރުކާރު ސިފައިންގެ ބާރުގެ ދަށުގައި އޮތް އެއްވެސް ހިސާބެއްގައި އާއްމުން ވަދެ ނުކުމެ ނޫޅެވޭ ކަމަށެވެ. އަދި ހަލަބުގައި ސަރުކާރު ސިފައިންނާ އިދިކޮޅު ސިފައިން މީގެ ހަފުތާއެއްހާ ދުވަސް ކުރިން ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރަން ފެށި ފަހުން 700 މީހުން މަރުވެފައިވާ ކަމަށް ވެސް އެ ޖަމާއަތުން ބުނެފައިވެ އެވެ. އިއްޔެ އެކަނި ވެސް 200 މީހުން މަރުވެފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
ސީރިއާގައި ސަރުކާރާ ދެކޮޅަށް ހަމަނުޖެހުންތައް ފެށީ 2011 ވަނަ އަހަރު އެވެ. ނަމަވެސް މި ހަނގުރާމަ މިހާރު ވަނީ ޖިހާދީ ގްރޫޕުތަކުގެ ކޮންޓްރޯލުގެ ދަށުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy