ސިންގަޕޫރު އެއާލައިންސްގައި ބޮމެއް އޮތް ކަމަށް ބުނެ ދީފައި ވަނީ ފޭކް އިންޒާރެއް. --ފޮޓޯ:ރޮއިޓާސް
08 ސެޕްޓެމްބަރ 2018 - 15:22
މުމްބާއީ (ސެޕްޓެމްބަރު 8) - ބޮމެއްގެ އިންޒާރު ދިނުމާ ގުޅިގެން ސިންގަޕޫރު އެއާލައިންސްގެ ބޯޓަކުން ދަތުރު ކުރަން ހަމަޖެހިފައިވާ ޕަސިންޖަރުން މުމްބާއީ އެއާޕޯޓުގައި އަށް ގަޑިއިރު މަޑު ކުރަން ޖެހިއްޖެ އެވެ.
އޮފިޝަލުން ފަހުން ބުނެފައި ވަނީ އެއީ ފޭކް އިންޒާރެއް ކަމަށެވެ. ބޮމުގެ އިންޒާރު ލިބުމާ ގުޅިގެން، މިއަދު ހެނދުނު ސިންގަޕޫރަށް ފުރަން ހަމަޖެހިފައިވާ އެސްކިއު ބޯޓުގެ ޕަސިންޖަރުންނާއި ކާގޯ އަދި ބޯޓު ވަނީ އަލުން ސެކިއުރިޓީ ޗެކް ކޮށްފަ އެވެ. ނަމަވެސް ފޭކް އިންޒާރެއްކަން އެނގުމުން އެއާބަސް 380 ގެ ބޯޓު ވަނީ 328 ޕަސިންޖަރުންނާއި 25 ކްރޫންނާ އެކު މުމްބާއީ އިން ސިންގަޕޫރަށް ފުރައިފަ އެވެ. އެ ބޯޓު މިހާރު ވަނީ ސިންގަޕޫރުގެ ޗަންގީ އެއާޕޯޓުގައި ޖައްސައިފަ އެވެ.
ބޯޓު ފުރުން ލަސްވި ސަބަބާ ގުޅޭ ގޮތުން ސިންގަޕޫރު އެއާލައިންސް އިން ބުނީ އެއީ "ސެކިއުރިޓީ މައްސަލައެއް" ކަމަށެވެ.
ސިންގަޕޫރުން ތައިލެންޑަށް ދަތުރުކުރި ސްކޫޓުގެ މަތިންދާ ބޯޓުގައި ބޮމެއް އޮތް ކަމަށް ބުނެ މީގެ ފަސް މަސް ކުރިން އިންޒާރު ދިން 41 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެ ބޯޓު ސިންގަޕޫރުގައި އަނބުރާ ޖެއްސީ ސިންގަޕޫރުގެ އެއާ ފޯސް ޖެޓްތަކާ އެކު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy