ދަރަނި ނުދެއްކިގެން ޒެމްބިއާ އެއާޕޯޓް ޗައިނާ އިން ނަގަނީ

ލައުންޑާ (ސެޕްޓެމްބަރު 9) - ޗައިނާ އަށް ދަރާފައިވާ ބޮޑު ދަރަނި އަދާ ކުރަން ނުކުޅެދިއްޖެ ނަމަ ޒެމްބިއާގެ ބައިނަލްއަގުވާމީ އެއާޕޯޓް، ކެނެތު އިންޓަނޭޝަނަލް އެއާޕޯޓް، ޗއިނާ އިން ނަގަން ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


ޒެމްބިއާގެ ބައިނަލްއަގުވާމީ އެއާޕޯޓް ހެދުމުގެ ތިން އަހަރު ދުވަހުގެ މަޝްރޫއު ފެށީ 2015 ވަނަ އަހަރު އެވެ. އެ މަސައްކަތަށް ބޭނުންވާ 360 މިލިއަން ޑޮލަރުގެ ލޯނު ދިނީ ޗައިނާގެ އެގްޒިމް ބޭންކުންނެވެ. މަސައްކަތް ހަވާލުކޮށްފައި ވަނީ ޗައިނާގެ ޒިއާންގްޒީ އިންޓަނޭޝަނަލް ކުންފުންޏާ އެވެ.

ލުސާކާ އެއާޕޯޓުގެ ނަން 2011 ވަނަ އަހަރު ވަނީ ޒެމްބިއާގެ ފުރަތަމަ ރައީސް ކެނެތު ކައުންޑާގެ ނަމާ ގުޅުވައިގެން ބަދަލުކޮށްފަ އެވެ. އެއާޕޯޓް ތަރައްގީ ކޮށްފައި ވަނީ އަހަރަކު ދެ މިލިއަން މީހުންނަށް ޚިދުމަތް ދެވޭ ފެންވަރަށެވެ.

ޗައިނާގެ ކޮންޓްރޯލް އޮތީ ހަމައެކަނި ޒެމްބިއާ އެއާޕޯޓަކަށް ނޫނެވެ. ޒެމްބިއާގެ ނޭޝަނަލް ބްރޯޑް ކާސްޓިން ކޯޕަރޭޝަންގައި ޗައިނާގެ 60 ޕަސެންޓް ހިއްސާވެ އެވެ.

ޗައިނާ އިން އެފްރިކާ އަށް ދޭ އެހީގެ ފަހަތުގައި ސިޔާސީ ފައިދާއެއް ހޯދުމެއް ނެތް ކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ. ޗައިނާ އިން އެހީވާ ގައުމުތަކުގެ ދަރަނި ބޮޑުވާ މައްސަލާގައި ފާޑުކިޔުންތައް އަމާޒުވެފައިވާ އިރު ބެއިޖިންގައި މިދިޔަ ހަފުތާގައި ބޭއްވި ޗައިނާ-އެފްރިކާ ސަމިޓުގައި ރައީސް ޝީ ވިދާޅުވީ އެފްރިކާ ކޮންޓިނެންޓުގެ އިންފްރާސްޓްރަކްޗާ ތަރައްގީ އަށް ޗައިނާ އިން ކުރިއަށް އޮތް ތިން އަހަރު ތެރޭ 60 ބިލިއަން ޑޮލަރުގެ އެހީވާނެ ކަމަށެވެ.