ސައުދީ ރަސްގެފާން ސަލްމާން (ކ) އާއި ވަލީ އަހުދު މުހައްމަދު. --ފޮޓޯ:އޭޕީ
09 ސެޕްޓެމްބަރ 2018 - 17:43
ލަންޑަން (ސެޕްޓެމްބަރު 9) - ޔަމަނުގައި ހިނގާ ހަނގުރާމައިގެ ޒިންމާ މުޅި ސައުދީ ޝާހީ އާއިލާގެ ބޮލުގައި ނޭޅުވޭނެ ކަމަށާއި އެކަމުގެ ޒިންމާ އުފުއްލަވަން ޖެހިވަޑައިގަންނަވާނީ ރަސްގެފާން ސަލްމާން އާއި ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ކަމަށް ވިދާޅުވި ސައުދީ ޕްރިންސް އަހުމަދު ބިން އަބްދުލް އަޒީޒް ދެން ސައުދީ އަށް ވަޑައިނުގަންނަވާނެ ކަމަށް ބައެއް ރިޕޯޓްތައް ބުނެފި އެވެ.
ޕްރިންސް އަހުމަދު ދިރިއުޅުއްވަނީ ލަންޑަނުގަ އެވެ. ޔަމަނުގެ ހަނގުރާމައިގެ ޒިންމާ ރަސްގެފާނާއި ވަލީ އަހުދު އުފުއްލަވަން ޖެހޭނެ ކަމަށް ޕްރިންސް އަހުމަދު ވިދާޅުވީ ލަންޑަނުގައި ސައުދީ ޝާހީ އާއިލާއާ ދެކޮޅަށް ބަޔަކު ކުރި އިހްތިޖާޖެއްގައި ކުރި ސުވާލެއްގެ ޖަވާބުގަ އެވެ.
އެ ވީޑިއޯ އާއްމުވުމާ ގުޅިގެން ޕްރިންސް އަހުމަދު ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ އޭނާ ވިދާޅުވި ެެއެއްޗެއްގެ މާނަ އޮޅުވާލާފައިވާ ކަމަށެވެ. އަދި އޭނާ ވިދާޅުވެފައި ވަނީ ސައުދީ ސަރުކާރުން ކުރާ ކަންކަމުގެ ޒިންމާ އުފުއްލަވަން ޖެހޭނީ ރަސްގެފާނާއި ވަލީ އަހުދު ކަމަށެވެ.
ޕްރިންސް އަހުމަދު ވަނީ ކުރީގެ ރަސްގެފާން އަބްދުﷲގެ ރަސްކަމުގައި 2012 ވަނަ އަހަރު ސައުދީގެ ދާޚިލީ ވަޒީރުކަން ކުރައްވައިފަ އެވެ. އޭނާގެ ބަދަލުގައި ފަހުން އެ މަގާމު ވަނީ ޕްރިންސް މުހައްމަދު ބިން ނާއިފަށް ދީފަ އެވެ.
ކޮރަޕްޝަނާ ދެކޮޅަށް ކަމަށް ބުނެ ވަލީ އަހުދު މުހައްމަދު ފެއްޓެވި ޕްރޮގްރާމެއްގައި މދިިޔަ އަހަރުގެ ނޮވެމްބަރު މަހު ވަނީ ޝާހީ އާއިލާގެ ގިނަ ބަޔަކު ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭން ގިނަ މީހުން ދޫކޮށްލީ އެ މީހުންގެ މުދަލުން ބޮޑު ބައެއް ސަރުކާރަށް ދޫކޮށްލަން ނުވަތަ ގިނަ އަދަދެއްގެ ފައިސާ ސަރުކާރަށް ދައްކަން އެއްބަސްވުމުންނެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި މަޝްހޫރު ބިލިއަނަރު ވަލީދު ބިން ތަލާލް ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy