ނޭޕީޑޯ (ސެޕްޓެމްބަރު 13) - ރޮއިޓާސްގެ ދެ ނޫސްވެރިން ޖަލަށްލާން ކުރި ހުކުމުގެ ދިފާއުގައި މިއަންމާގެ ސްޓޭޓް ކައުންސެލާ އަން ސަން ސޫކީ ވާހަކަ ދައްކަވައިފި އެވެ.
ނޫސްވެރިންނަށް ކުރި ހުކުމް ސޫކީ ދިފާއު ކުރި އިރު ބައިނަލްއަގުވާމީ ގޮތުން އެތައް ފާޑުކިޔުމެއް ވަނީ އެ ހުކުމަށް އަމާޒުކޮށްފަ އެވެ.
ސޫކީ ވިދާޅުވީ ރޮއިޓާސްގެ ދެ ނޫސްވެރިން ކަމަށްވާ ވަ ލޯން އާއި ކިޔޯ ސޮއެ ވަނީ ގާނޫނާ ޚިލާފުވެފައި ކަމަށާއި އެހެންވެ އެ މީހުންގެ މައްޗަށް ކުރި ހުކުމަކީ ޚިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަށް ހުރަސް އެޅުން ކަމަށް ބެލެވޭނެ ޖާގައެއް ނެތް ކަމަށެވެ.
ރަކީން ސްޓޭޓުގައި ރޮހިންޖާ މުސްލިމުންނަށް ކުރި އަނިޔާތަކުގެ މައްޗަށް ރިޕޯޓް ތައްޔާރު ކުރަން އުޅުނު ދެ ނޫސްވެރިންގެ މައްޗަށް ހުކުމްކޮށްފައި ވަނީ ސަރުކާރުގެ ސިއްރު ލިޔުންތަކެއް ގެންގުޅުނު ކަމުގެ ކުށުގަ އެވެ. އެކަމަކު ދެ ނޫސްވެރިން ބުނެފައި ވަނީ އެއީ މިއަންމާ ފުލުހުން ކެއުމަކަށް ދައުވަތު ދިނުމަށް ފަހު އެ މީހުންނަށް ހަވާލުކުރި ލިޔުންތަކެއް ކަމަށެވެ. ދެ ނޫސްވެރިން ހައްޔަރު ކުރީ ކެއުން ނިންމާލާފައި ރެސްޓޯރެންޓުން ނުކުތް ތަނުންނެވެ.
ރޮހިންޖާ މީހުންނަށް ކުރި އަނިޔާ އާއި ނޫސްވެރިންނަށް ކުރި ހުކުމާ މެދު ހިމޭނުން ހުންނެވުމުން ސޫކީ އަށް އެތައް ފާޑުކިޔުމެއް ވަނީ އަމާޒުވެފަ އެވެ. ނަމަވެސް ވިއެޓްނާމުގައި އޮތް އިންޓަނޭޝަނަލް އިކޮނޮމިކް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ނޯބެލް ސުލްހައިގެ އިނާމު ހޯއްދަވާފައިވާ ސޫކީ މިއަދު ވިދާޅުވީ ފާޑު ކިޔާ ފަރާތްތަކުން ނޫސްވެރިންނަށް ކުރި ހުކުމުގައި އޮތް އެއްޗެއް ކިޔައިފައި ނުވާ ކަމަށެވެ.
"ނޫސްވެރިންނަށް ކުރި ހުކުމް އިސްތިއުނާފް ކުރުމުގެ ހައްގު އެ މީހުންނަށް ލިބިގެންވޭ،" ސޫކީ ވިދާޅުވި އެވެ.
ސޫކީގެ ބަޔާނަށް ފާޑުކިޔަމުން ހިއުމަން ރައިޓްސް ވޮޗުން ބުނީ ގާނޫނު ތަންފީޒް ކުރުމުގެ މާނަ ވެސް ސޫކީ އަށް އޮޅިވަޑައިގެންފައިވާ ކަމަށެވެ.