ވެނެޒުއެލާގެ ރައީސްގެ އަނބިކަނބަލުން ސީލިއާ ފްލޮރެސް.
25 ސެޕްޓެމްބަރ 2018 - 22:34
ވޮޝިންޓަން (ސެޕްޓެމްބަރު 25) - ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯގެ އަނބިކަނބަލުންނާއި ސަރުކާރުގެ އިސް ފަރާތްތަކާ ދެކޮޅަށް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި އެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ ވެނެޒުއެލާގެ އިސް ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅަން ޖެހުނީ އެ ގައުމުގެ އިންސާނީ ހައްގުތަކުގެ ހާލަތު ދަށްވުމުން ކަމަށެވެ. އަދި ފިޔަވަޅު އަޅަމުން ދަނީ އެ ކަމުގެ ޒިންމާ އުފުލަމުންދާ ފަރާތްތަކާ ދެކޮޅަށް ކަމަށް ވިދާޅުވި އެވެ.
އެމެރިކާ އިން ފިޔަވަޅު އެޅި ފަރާތްތަކުގެ ތެރޭގައި މަދޫރޯގެ ވެރިކަން ދަމަހައްޓަން މަސައްކަތް ކުރާ އޭނާގެ އަނބިކަނބަލުން ސިލިއާ އަޑެލާ ފްލޯރެސް އާއި ނައިބް ރައީސް ދެލްސީ ރޮޑްރިގޭޒް ހިމެނެ އެވެ. އެމެރިކާގެ ޓްރެޝަރީން ބުނެފައި ވަނީ މިއީ މަދޫރޯގެ ވެރިކަން ދަމަހައްޓަން އެންމެ ބޮޑަށް މަސައްކަތް ކުރާ ފަރާތްތައް ކަމަށެވެ. ވެނެޒުއެލާގެ އެޓާނީ ޖެނެރަލް ކަމާއި ނެޝަނަލް އެސެމްބްލީގެ ރައީސްކަން ކުރައްވާފައިވާ މަދޫރޯގެ އަނބިކަނބަލުންގެ މައްޗަށް އެތައް ތުހުމަތެއް ކޮށްފައިވެ އެވެ.
ވެނެޒުއެލާގެ ރައީސް މަދޫރޯ އާއި އަނބިކަނބަލުން ސިލިއާ ފްލޯރެސް. --ފޮޓޯ:އޭއެފްޕީ
އެމެރިކާ އިން ފިޔަވަޅު އެޅި ވެނެޒުއެލާގެ އިތުރު ފަރާތްތަކުގެ ތެރޭގައި ޑިފެންސް މިނިސްޓަރު ލަޑިމިއާ ޕަޑްރިނޯ ލޮޕޭޒް އާއި ކޮމިއުނިކޭޝަން މިނިސްޓަރު ޖޯޖް ރޮޑްރިގޭޒް ހިމެނެ އެވެ.
ރައީސް މަދޫރޯގެ އިތުރުން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސްއާ ދެކޮޅަށް އެމެރިކާ އިން ވަނީ މިދިޔަ އަހަރުގެ ޖުލައި މަހު ފިޔަވަޅު އަޅައިފަ އެވެ. އެމެރިކާ އިން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި އެ ފަރާތްތަކުގެ މުދާ ހިފެހެއްޓުމާއި އެމެރިކާ އަށް ދަތުރު ކުރުން މަނާ ކުރުން ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަމީނާ
25 September 2018
ބޮޑުކަމެއްނު. ޢެމެރިކާ އަތްނުބާނާތަނެއް މިދުނިޔޭގައި ނެތީތަ.
އެޖެންޑާ
26 September 2018
ޔަހޫދީ އެމެރިކާ އާއި ޔޫރަޕްގެ ގައުމުތައް ޑިމޮކްރަސީ އާއި ހިއުމަން ރައިޓްސްގެ ނަމުގެ ފަހަތުގައި ތިބެގެން މުޅި ދުނިޔޭގައި ހަންފަތުރަމުން ދަނީ. ހުސް މަކަރާއި ހީލަތުން.