އީރާނުގެ ޚާރިޖީ ވަޒީރު ޒަރީފް (ވ) އިންޑިއާގެ ޚާރިޖީ ވަޒީރު ސުޝްމާ ސްވަރާޖާ ބައްދަލު ކުރައްވަނީ
28 ސެޕްޓެމްބަރ 2018 - 11:13
ނިއު ޔޯކް (ސެޕްޓެމްބަރު 28) - ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް ބުނެ އެމެރިކާ އިން ބިރު ދެއްކި ނަމަވެސް އީރާނުން ތެޔޮ ގަތުން އިންޑިއާ އިން ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ޖާވަދް ޒަރީފް ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ބާރުތަކާ އެކު އީރާނުން 2015 ވަނަ އަހަރު ގާއިމްކުރި ނިއުކްލިއާ އެއްބަސްވުމުން މިދިޔަ މެއި މަހު އެމެރިކާ ވަކިވުމަށް ފަހު ވަނީ އީރާނާ ދެކޮޅަށް ވިޔަފާރީގެ ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ފަށައިފަ އެވެ. މި ގޮތުން އީރާނުގެ ތެޔޮ ގަތުން މަނާ ކުރުމަށް ނޮވެމްބަރު މަހު ފިޔަވަޅު އަޅާނެ އެވެ. އެމެރިކާ އިން ދަނީ އީރާނުން އެއްވެސް ގައުމަކުން ތެޔޮ ގަތުން ހުއްޓުވުމަށް މަސައްކަތް ކުރަމުންނެވެ. އިންޑިއާ އަކީ އީރާނުގެ ތެޔޮ ޗައިނާ ނެގުމަށް ފަހު އެންމެ ގިނައިން ގަންނަ ގައުމެވެ.
ނިއު ޔޯކުގައި މިހާރު ކުރިއަށްދާ އދ.ގެ ޖެނެރަލް އެސެމްބްލީގެ ބައްދަލުވުންތަކުގެ ތެރެއިން އިންޑިއާގެ ޚާރިޖީ ވަޒީރު ސުޝްމާ ސްވަރާޖްއާ ބައްދަލު ކުރެއްވުމަށް ފަހު ޒަރީފް ވިދާޅުވީ ރަހުމަތްތެރި އިންޑިއާ އިން ވަނީ އީރާނާ އެކު ވިޔަފާރި ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ދީފައި ކަމަށެވެ.
ނޮވެމްބަރު 4 ވަނަ ދުވަހުން ފެށިގެން އީރާނުގެ ތެލުގެ މާކެޓާ ދެކޮޅަށް އެމެރިކާ އިން ފިޔަވަޅު އަޅާތީ އިންޑިއާ އިން މިހާރު ވަނީ އީރާނުން ތެޔޮ ގަންނަވަރު މަދުކޮށްފަ އެވެ. ނަމަވެސް އީރާނުން ތެޔޮ ގަތުން ހުއްޓާލާނެ ކަމަށް ބުނެފައެއް ނުވެ އެވެ. އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު މީގެ ކުރިން އެޅި އިރު ވެސް އިންޑިއާ އިން ވަނީ އީރާނުން ތެޔޮ ގަނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy