ޕާލޫ އަށް އައި ބިންހެލުމުގައި ޒަޚަމްވި މީހުންނަށް އޯޕަން އެއާގައި ފަރުވާ ދެނީ. --ފޮޓޯ:އޭއެފްޕީ
30 ސެޕްޓެމްބަރ 2018 - 11:24
ޖަކާޓާ (ސެޕްޓެމްބަރު 30) - ބިންހެލުމާއި ސުނާމީ އެރި އިންޑޮނީޝިއާގެ ސުލަވޭސީގެ ޕާލޫ އިން ގެއްލުނު މީހުން ހޯދަން އެތައް ބަޔަކު އަތްފުނާ އަޅަން ފަށައިފި އެވެ.
ބިންހެލުމާއި ސުނާމީގައި ޕާލޫ އިން މިހާތަނަށް ވަނީ 420 މީހުން މަރުވެފަ އެވެ. މީހުން ހޯދަން ދަތިވެފައި ވަނީ އިމާރާތްތަކުން ވެއްޓުނު ތަކެތިން މަގުތައް ބަންދުވުމާއި ބްރިޖްތައް ވެއްޓިފައިވުމުންނެވެ. ރެޑް ކްރޮސް އިން ލަފާކުރާ ގޮތުގައި 1.6 މިލިއަން މީހުންނަށް ވަނީ ބިންހެލުމާއި ސުނާމީގެ އަސަރުކޮށްފަ އެވެ.
ޕާލޫގެ ރޯ-ރޯ ހޮޓާ ވެއްޓި އިމާރާތުގެ ދަށުވި 24 މީހުން ވަނީ ރެސްކިއު ޓީމުތަކުން އަތުން ކޮނެ އިމާރާތުގެ ބައިތައް ނަގައިގެން ސަލާމަތްކޮށްފަ އެވެ. ހޮޓަލްގެ މެނޭޖަރު ބުނީ އިމާރާތުގެ ވެއްޓިފައިވާ ބައިތަކުގެ ދަށުން އެހީއަށް އެދި ގޮވާ އަޑު އިވެމުންދާ ކަމަށެވެ. އަދި މީހުން ސަލާމަތް ކުރަން އެއްވެސް އިކުއިޕްމަންޓެއް ލިބިފައި ނުވާ ކަމަށް އޭނާ ބުންޏެވެ.
ޕާލޫ އަށް އައި ބިންހެލުމަށް ފަހު ބައެއް މީހުން ހިތާމައިގައި. --ފޮޓޯ:އޭއެފްޕީ
އާބާދީގައި 3350،000 މީހުން ހިމެނޭ ޕާލޫ އިން ގެއްލުނު ގިނަ މީހުންނަކީ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ކަމަށް ބެލެވެ އެވެ. މަރުވެފައިވާ ބައެއް މީހުންގެ ހަށިތައް ސިޓީގެ މަގުތަކުގެ މަތިން ވެސް ފެނެ އެވެ. ހޮސްޕިޓަލްތަކަށް ގެއްލުން ލިބިފައިވާތީ ޒަޚަމްވި މީހުންނަށް ދަނީ ޓެންޓްތަކުގައި ފަރުވާ ދެމުންނެވެ.
ޕާލޫގެ ބިންހެލުމުން ސަލާމަތްވި މީހުން ރޭ ހޭދަކުރީ ހާމަ ތަންތަނުގަ އެވެ. އެއީ ބިންހެލުމަށް ފަހު ލޮޅުންތައް އަރާތީ ސަލާމަތީ ފިޔަވަޅެއްގެ ގޮތުންނެވެ.
ބިންހެލުމަށް ފަހު ޕާލޫ އަށް ސުނާމީ އެރި އިރު ބީޗް ފެސްޓިވަލެއް ކުރިއަށް ދިޔަ އެވެ. ދިހަ ފޫޓުގެ އުސް ރާޅާ އެކު ވަނީ ކާރުތަކާއި ބޮޑެތި ލަކުޑި ބުރިތަކާ އަދި ބައެއް އިމާރާތްތައް އެއްގަމަށް ދަމައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިހްސާސް
30 September 2018
ދިވެހިރާއްޖެއިން އެހީވުމުގެ ފަންޑެއް ހުޅުވާލަ ދެއްވުން އެދެން.