އޮޓާވާ (އޮކްޓޯބަރު 3) - ކެނެޑާ އިން އަރުވާފައިވާ އޮނަރަރީ ސިޓިޒަންޝިޕް ބާތިލް ކުރި ފުރަތަމަ މީހަކަށް މިއަންމާގެ ޑިމޮކްރެސީ ލީޑަރު އަން ސަން ސޫކީ ވެއްޖެ އެވެ.
ސޫކީގެ އޮނަރަރީ ސިޓިޒަންޝިޕް ބާތިލް ކުރަން ކެނެޑާގެ ހައުސް އޮފް ކޮމަންސްގެ އިއްތިފާގުން ފާސްކޮށްފައި ވަނީ މިދިޔަ ހަފުތާގަ އެވެ. އެ ގައުމުގެ ސެނެޓުން ފާސްކުރީ އިއްޔެ އެވެ. ސޫކީ އަށް އަރުވާފައިވާ ޝަރަފް އަތުލަން ނިންމީ މިއަންމާގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ކުރަމުންދާ އަނިޔާތައް ހުއްޓުވުމުގައި ސޫކީ ފެއިލްވެފައިވާތީ އެވެ.
ކެނެޑާގެ އޮނަރަރީ ސިޓިޒަންޝިޕް ސޫކީ އަށް ދީފައި ވަނީ 2007 ވަނަ އަހަރު އެވެ. ކެނެޑާގެ އެ ޝަރަފް މިހާތަނަށް ދީފައި ވަނީ ފަސް މީހަކަށެވެ. އޭގެ ތެރޭގައި ނެލްސަން މަންޑޭލާ، ދަލައި ލާމާ އަދި މަލާލާ ޔޫސުފް ޒައި ހިމެނެ އެވެ.
ސޫކީ އަށް 1991 ވަނަ އަހަރު ނޯބެލް ސުލްހައިގެ އިނާމު ދީފައި ވަނީ ސިފައިންގެ ބާރުގެ ދަށުގައި އޮތް މިއަންމާ އަށް ޑިމޮކްރެސީ ގެނައުމަށް ކުރި މަސައްކަތަށެވެ. މިއަންމާގެ މަދަނީ ސަރުކާރުގެ އެންމެ ބާރުގަދަ މަގާމު ކަމަށްވާ ސްޓޭޓް ކައުންސެލާގެ މަގާމު ސޫކީ އަށް ލިބިވަޑައިގެންނެވީ 2015 ވަނަ އަހަރު އެވެ.
ރޮހިންޖާ މުސްލިމުންނަށް މިއަންމާ ސިފައިން މިދިޔަ އަހަރު އަނިޔާ ދެމުން ދިޔަ އިރު ސޫކީ ހިމޭނުން ހުންނެވުމުން ބައިނަލްއަގުވާމީ ގޮތުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި އެވެ.