ގާޒާގައި މަސައްކަތް ކުރި އދ.ގެ މުވައްޒަަފު ވަނީ ހަމާސް އަށް އެހީވެފައި: އިޒްރޭލް

ގުދުސް (އޮގަސްޓް 10) - ގާޒާގައި މަސައްކަތް ކުރި އދ. ގެ މުވައްޒަފަކު އޭނާގެ މަގާމުގެ ހައިސިއްޔަތު ބޭނުންކޮށްގެން ހަމާސް ޖަމާއަތަށް އެހީވެދީފައިވާ ކަމަށް ބުނެ އިޒްރޭލުން މައްސަލަ ޖައްސައިފި އެވެ.


މިއީ އެއް ހަފުތާ ތެރޭ ފެންމަތިވި މި ބާވަތުގެ ދެ ވަނަ މައްސަލަ އެވެ. އިޒްރޭލުގެ ޖާސޫސީ އިދާރާ ޝިން ބެތުން ބުނީ އދ.ގެ ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގައި 2003 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުން ދިޔަ ވަހީދު ބޯޝް ވަނީ ހަމާސް އަށް އެހީވެދިން ކަމަށް އެއްބަސްވެފަ އެވެ. ޝިން ބެތުން ބުނީ އދ.ގެ ވަސީލަތްތައް ބޭނުންކޮށްގެން ހަމާސް އަށް އަސްކަރީ ޖެޓީއެއް ހަދައިދީ ހަމާސްގެ މެންބަރުންނަށް ގެ ދޮރު އިމާރާތްކޮށްދިނުމަށް އޭނާ އިސްކަންދީފައިވާ ކަމަށެވެ. އަދި ޔޫއެންޑީޕީގައި އުޅޭ އެހެން މުވައްޒަފުން ވެސް ހަމާސް އަށް އެހީވެދީފައިވާ ކަމަށް ބޯޝް އެއްބަސްވެފައިވާ ކަމަށް އިޒްރޭލުން ބުނެފައިވެ އެވެ.

އިޒްރޭލުން މިދިޔަ ހަފުތާގައި ވަނީ ގާޒާގައި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާއަތުގެ އިސްވެރިޔާއާ ދެކޮޅަށް ވެސް ދައުވާކޮށްފަ އެވެ. އިޒްރޭލުން ބުނެފައި ވަނީ ވޯލްޑް ވިޝަން ޗެރިޓީގެ ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު ހަލަބީ ވަނީ ހިލޭ ސާބަހަށް ލިބޭ ފައިސާ ހަމާސްގެ އަސްކަރީ ބޭނުންތަކަށް ދީފައި ކަމަށެވެ. ހަލަބީގެ ވަކީލް ވަނީ އެކަން ދޮގުކޮށްފަ އެވެ.

ޔޫއެންޑީޕީން ބުނީ ބޯޝްއާ މެދު ކުރި ތުހުމަތަކީ ކަންބޮޑުވުމެއް ކަމަށާއި އެކަމަކު އިޒްރޭލުން އޭނާއާ މެދު އިންސާފުން ކަންތައް ކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

އިޒްރޭލް އާއި ހަމާސް އިން 2014 ވަނަ އަހަރު ބަދަލުކުރި ހަމަލާތަކުގައި ގާޒާ އަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއްދީފަ އެވެ. އިޒްރޭލުން އެފަހަރު ދިން ގެއްލުންތަކުން ގާޒާ އަދިވެސް އާރާސްތުކޮށް ނުނިމެ އެވެ. ގާޒާ އާރާސްތު ކުރުމުގައި ޔޫއެންޑީޕީން ވެސް ދަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.