އިންޑިއާގެ ވަޒީރެއްގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތު

ނިއު ދިއްލީ (އޮކްޓޯބަރު 10) - އިންޑިއާގެ ޖޫނިއާ ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނެވި އެމްޖޭ އަކްބަރުގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުކޮށްފި އެވެ.


އިންޑިއާގެ #މީޓޫ މޫވްމަންޓުގައި އަކްބަރުގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ ޒުވާން އަންހެން ކުދިން ހޮޓާތަކަށް ގެންދަން އޭނާ ދައުވަތު ދީފައިވާ ކަމަށެވެ. މި ތުހުމަތަށް އަކްބަރު އަދި އިންޑިއާގެ ފޮރިން މިނިސްޓްރީން ވެސް ރައްދު ދީފައެއް ނުވެ އެވެ. އެކަމަކު އެހެން މިނިސްޓަރެއް ކަމަށްވާ މަނެކާ ގާންދީ ވިދާޅުވީ ސިޔާސީ ފަރާތްތަކާ ދެކޮޅަށް ކުރާ ތުހުމަތުތައް ބަލަން ޖެހޭނެ ކަމަށެވެ.

އިންޑިއާގެ މަޝްހޫރު އެޑިޓަރެއް ކަމަށްވާ އަކްބަރަކީ #މީޓޫ ކެމްޕޭނުގައި ތުހުމަތު ކުރި އިންޑިއާގެ އެންމެ ސީނިއާ އޮފިޝަލެވެ. އޭނާގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުކޮށްފައި ވަނީ ނޫސްވެރިއެއް ކަމަށްވާ ޕްރިޔާ ރަމާނީ އެވެ. މީގެ އަހަރެއް ކުރިން ވޯގް އިންޑިއާ އަށް އޭނާ ލިޔުނު ލިޔުމެއް ހޯމަ ދުވަހު ވަނީ ރިޓްވީޓް ކޮށްފަ އެވެ. އެ އާޓިކަލްގައި އޭނާ ވަނީ މަސައްކަތުގެ މާހައުލުން ކުރިމަތިވި ޖިންސީ ފުރައްސާރައިގެ ވާހަކަތައް ހިއްސާކޮށްފަ އެވެ. އޮރިޖިނަލް އާޓިކަލްގައި އެއްވެސް މީހެއްގެ ނަން ރަމާނީ ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ހޯމަ ދުވަހު ކުރި ޓްވީޓެއްގައި އޭނާ ބުނެފައި ވަނީ އެ އާޓިކަލް ލިޔެފައި ވަނީ އަކްބަރާ ބެހޭ ގޮތުން ކަމަށެވެ.

އޭގެ ފަހުން ފަސް އަންހެނަކު ވަނީ އަކްބަރުގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތު ކޮށްފަ އެވެ.

އިންޑިއާގެ އެންމެ ނުފޫޒުގަދަ އެޑިޓަރުންގެ ތެރޭގައި ހިމެނޭ އަކްބަރު ވަނީ އިނގިރޭސި ބަހުން ނެރޭ ނޫސްތައް ކަމަށްވާ ދަ ޓެލެގްރާފް އަދި ދި އޭޝިއަން އޭޖުގެ އެޑިޓަރުކަން ކުރައްވައިފަ އެވެ.