ފާރުގައި ޖެހުނު އެއާ އިންޑިއާގެ ބޯޓަށް ގެއްލުން ލިބިފައި. --ފޮޓޯ:އެއާ އިންޑިއާ
12 އޮކްޓޯބަރ 2018 - 15:41
ޓްރިޗީ (އޮކްޓޯބަރު 12) - އިންޑިއާގެ ދެކުނުގެ ޓްރިޗީ އިން ދުބާއީ އަށް ރޭ ނައްޓާލި އެއާ އިންޑިއާގެ މަތިންދާ ބޯޓެއް ފާރެއްގައި ޖެހި ބޯޓަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
އެއާ އިންޑިއާ އައިއެކްސް 611 ބޯޓުގައި 130 ޕަސިންޖަރުންނާއި ހަ ކްރޫން ތިއްބެވެ. ނަމަވެސް ބޯޓު ވަނީ ސަލާމަތުން މުމްބާއީ އަށް ޖައްސައިފަ އެވެ.
އެއާ އިންޑިއާ އިން ބުނީ އެ ބޯޓު ދުއްވާފައި ވަނީ 6،500 ގަޑިއިރުގެ ދުއްވުމުގެ ތަޖްރިބާ ހުރި ދެ ޕައިލެޓުން ކަމަށެވެ. އަދި ތަހުގީގު ކުރިއަށް ދާތީ އެ ދެ ޕައިލެޓުން މިހާރު ސަސްޕެންޑް ކޮށްފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އެއާ އިންޑިއާގެ ބޯޓުން ޖެހި އެއާ ޕޯޓުގެ ބައުންޑަރީ ފާރުން ބައެއް ވެއްޓިފައި. --ފޮޓޯ:އެއާ އިންޑިއާ
އެއާ އިންޑިއާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބޯއިން 737 ގެ ބޯޓު ޓްރިޗީން ފުރީ ރޭ ދަންވަރު ކަމަށެވެ. އަދި އެއާޕޯޓުގެ އޮފިޝަލުން ވަނީ އެ ބޯޓު ނައްޓާލި ތަނުން އެއާޕޯޓުގެ ވަށާ ފާރުގައި ބޯޓު ޖެހިފައިވާ ކަމަށް ފާހަގަވެފަ އެވެ. ފާރުން ބައެއް ވަނީ ވެއްޓިފަ އެވެ. ބޯޓަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ.
އެއާ އިންޑިއާ އިން ބުނީ ބޯޓުގެ ސިސްޓަމްތައް ރަނގަޅަށް މަސައްކަތް ކުރާ ކަމަށް ކޮމާންޑުގައި އިން ޕައިލެޓް ރިޕޯޓްކޮށްފައިވާ ކަމަށެވެ. ނަމަވެސް ބޯޓު ފަހުން ވަނީ މުމްބާއީ އަށް ޑައިވާޓް ކުރަން އަންގައިފަ އެވެ.
ބޯޓަށް ދިމާވި އެކްސިޑެންޓް އޭވިއޭޝަން ރެގިއުލޭޓާ އަށް ރިޕޯޓްކޮށްފައިވާ ކަމަށް ވެސް އެއާ އިންޑިއާ އިން ބުނެފައިވެ އެވެ.
ފާރުގައި ޖެހުނު އެއާ އިންޑިއާގެ ބޯޓަށް ގެއްލުން ލިބިފައި. --ފޮޓޯ:އެއާ އިންޑިއާ
ބޯޓުގެ ދަށުން ބޮޑު ތަންގަނޑެއް ނެއްޓިފައިވާކަން ޕައިލެޓަކަށް ނޭނގެ އެވެ. އެކަމަކު އެއާ ޓްރެފިކް ކޮންޓްރޯލުން ވަނީ ބޯޓު ފަހަރުގައި ޖެހުނު ކަމަށް ބެލެވޭ ކަމަށް ޕައިލެޓަށް އަންގައިފަ އެވެ. ޕައިލެޓް ވަނީ ބޯޓުގެ ސިސްޓަމްތައް ރަނގަޅު ކަމަށް ބުނެފަ އެވެ. އެ ހާލަތުގައި ޕައިލެޓް ވަނީ ބޯޓު ތިން ގަޑިއިރުވަންދެން ދުއްވައިފަ އެވެ. ރޭ ދަންވަރު ބޯޓު ނައްޓާލި އިރު ރަންވޭ މަތީގައި ދުއްވާފައިވާ ސްޕީޑަކީ ގަޑިއަކު 250-290 ކިލޯ މީޓަރެވެ. ބޯޓު ނައްޓާލިއިރު ފާރުގައި ގޮސްޖެހުނީ އެ ސްޕީޑުގަ އެވެ. ބައެއް އޮފިޝަލުން ބުނަނީ ފާރުގައި ޖެހުނީ ބޯޓުގެ ދެ ފުރޮޅު ކަމަށެވެ.
މުމްބާއީގައި ބޯޓު ޖެއްސުމުން ޗެކް ކުރި އިރު ވަނީ ބޯޓުގެ ދަށުން ވެސް ބައެއް އިރައިގެން ގޮސްފަ އެވެ.
އިންޑިއާގެ ގައުމީ އެއާލައިނަށް 2007 ވަނަ އަހަރުން ފެށިގެން ފައިދާވެފައެއް ނުވެ އެވެ. މިދިޔަ އަހަރުގެ ޖޫން މަހު އިންޑިއާގެ ކެބިނެޓުން ވަނީ އެއާ އިންޑިއާ ޕްރައިވެޓައިޒް ކުރަން ވެސް ނިންމި އެވެ. ނަމަވެސް ޝައުގުވެރިވާނެ ބަޔަކު ނުވި އެވެ. އެއާ އިންޑިއާގެ ދަރަނި ފަސް ބިލިއަން ޑޮލަރަށް އަރަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔެމް
13 October 2018
ކޮލިޓީ އިންކްރެޑިބަލް އިންޑިއާ.
ގަޓޭ ( އަލީ ސުޖާއު )
13 October 2018
އެންމެ މޮޅު މީހާ އަތުން ވެސް މިސްޓޭކް ހެދިދާނެ، ޕައިލެޓުންނަކީވެސް ހަމަ އިންސާނުން ދެއްތޯ..!!!!
އަހަންމަ
13 October 2018
މިހެންވީމަ ޖައްސަންވީ ރަންވޭވެސް އޮޅިދާނެ.. ފުރަތަމަ އެހެންމީހުންގެ ކަންތައްތަކާބެހެންވާނީ ފުރަތަމަ އަމިއްލަ ކަންކަން އިޞްލާޙްކޮށްފަ.. ވ ވެދުން
ހަސަންދީ
13 October 2018
އެވަރުކަމެއް ވެދާނެ ހަމަ.....
ޒިންދަގީ
12 October 2018
މާބޮޑަށް ފަރިތައީ..
ރީންދޫ
12 October 2018
ދެން ޖީއެމްއާރަށް ދެގާ.ލޮލް
ސަލްމޮންކާން
12 October 2018
ތިވާނީ 6،500 ގަޑިއިރު ކުރޮޅި ދުއްވުމުގެ ތަޖުރިބާ ހުރި ޕައިލެޓުން ކަމަށް.
މަމާ
12 October 2018
ތިވާނީ ގަނެގެން ސެޓްފިކެޓް ހޯދާއިގެން އުޅޭ ޕައިލެޓަކަށް ?